ދުނިޔެ
ބެލްޖިއަމްއިން ފަލަސްތީނުގެ ދައުލަތް މިނިވަން ދައލަތެއްގެ ގޮތުގައި ބަލައިގަންނަނީ

ބެލްޖިއަމްގެ ފޮރިން މިނިސްޓަރ މެކްސިމް ޕްރެވޯޓް
ބެލްޖިއަމްއިން ފަލަސްޠީނުގެ ދައުލަތް މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ނިންމައިފައިވާކަަން ހާމަކޮށްފިއެވެ.
ބެލްޖިއަމްގެ ފޮރިން މިނިސްޓަރ މެކްސިމް ޕްރެވޯޓް ވިދާޅުވެފައިވާ ގޮތުގައި، މި މަހު ބޭއްވޭ އދ. ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްތީނު މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށާއި، އިސްރާއީލަށް ދެކޮޅު ހަރުކަށި ފިޔަވަޅުތަކެއް އަޅާނެއެވެ.
ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މަޤާމުވެސް ފުރުއްވާ ޕްރެވޯޓް ވިދާޅުވެފައިވަނީ، ޚާއްސަކޮށް ޣައްޒާގައި ކުރިމަތިވެފައިވާ އިންސާނީ ހާލަތަށް ރިއާޔަތްކޮށް މި ނިންމުން ނިންމާފައިވާ ކަމަށެވެ. އިސްރާއީލަށް ދެކޮޅަށް 12 ފިޔަވަޅެއް އަޅާނެ ކަމަށް ވިދާޅުވެ، އޭގެ ތެރޭގައި ހުޅަނގުއައްސޭރީގައި އިސްރާއީލުން ޤާނޫނާ ޚިލާފަށް ޤާއިމުކޮށްފައިވާ ސެޓްލްމަންޓްތަކުން އުފައްދާ ތަކެތި އިމްޕޯޓް ކުރުން މަނާކުރުން ހިމެނެއެވެ.
ނަމަވެސް ޕްރެވޯޓް ވިދާޅުވެފައިވަނީ، ޣައްޒާގައި ހިފަހައްޓާފައި ތިބި ހުރިހާ ހަނގުރާމައިގެ އަސީރުން ދޫކޮށްލުމަށްފަހު، އަދި ހަމާސްއަށް ފަލަސްތީނު ހިންގުމުގައި އެއްވެސް ދައުރެއް ނޯންނަ ހިސާބުން މި ބަލައިގަތުން ރަސްމީކުރެވޭނެ ކަމަށެވެ.
ފަލަސްތީނުގެ ފޮރިން މިނިސްޓްރީން މި ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު، އެހެން ޤައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އެޅުމަށް ގޮވާލާފައިވެއެވެ. އަދި މި ނިންމުމަކީ ބައިނަލްއަޤްވާމީ ޤާނޫނާއި އދ. ގެ ޤަރާރުތަކާ އެއްގޮތްވާ، ދެ ދައުލަތުގެ ހައްލު ރައްކާތެރިކޮށްދޭ ނިންމުމެއް ކަމަށް ބުނެފައިވެއެވެ.
މީގެ ކުރިން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯންވެސް ވަނީ އދ. ގެ ޖެނެރަލް އެސެމްބްލީގައި ފަލަސްތީނު ޤައުމެއްގެ ގޮތުގައި ބަލައިގަންނާނެ ކަމަށް އިއުލާނުކުރައްވާފައެވެ. މި ކަމަކީ ހަމައެކަނި ރަމްޒީ ފިޔަވަޅެއް ކަމަށް ފެނުނު ނަމަވެސް، ޔޫރަޕުގެ އެހެން ޤައުމުތަކުންވެސް މިފަދަ ފިޔަވަޅުތައް އަޅަމުންދާކަން ފާހަގަކުރެވެއެވެ.