ޚަބަރު
"ކޮލަމާ " ބޯޓު ކެޕްޓަން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފަ!

"ކޮލަމާ" ބޯޓު ފޮޓޯ: އިންޓަނެޓް
މާލެއިން ގއ. ކޮލަމާފުއްޓަށް ދަތުރުކުރި "ކޮލަމާ" ބޯޓު ގެއްލިގެން ރިޕޯޓްކުރުމަށްފަހު ފެނުނުއިރު، އެ ބޯޓުގެ ކެޕްޓަން ކޮލަމާފުށި ، ދޮންވެލި އާދަމް ސައީދު (ސައީދުބެ) ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައިކަމަށް ހޮސްޕިޓަލުން މައުލޫމާތުދީފައެވެ. މި ހާދިސާ އާއި ގުޅިގެން ފުލުހުން ދަނީ ތަހުގީގު ހިންގަމުންނެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، "ކޮލަމާ" ބޯޓު ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 13:25 ހާއިރުއެވެ. އެ ރިޕޯޓާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑާއި ފުލުހުން ވަނީ ބޯޓު ހޯދުމުގެ މަސައްކަތް ހަލުވިކަމާއެކު ފަށާފައެވެ.
އަދި ބޯޓު ފެނިފައިވަނީ ގއ. އެކެފަރަ ސަރަހައްދުން ކަމަށާއި، މިހާރު އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ. ބޯޓު ފެނުމާއެކު އޭގެ ކެޕްޓަން ފުލުހުންގެ ލޯންޗެއްގައި ވަނީ ގއ. ވިލިނގިލި ހޮސްޕިޓަލަށް ގެންގޮއްސައެވެ.
ނަމަވެސް، ވިލިނގިލި ހޮސްޕިޓަލުން މައުލޫމާތުދެއްވާފައިވާ ގޮތުގައި، ކެޕްޓަން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައެވެ.
ބޯޓު ގެއްލުނީ ކީއްވެގެންކަމާއި، ބޯޓުގެ ކެޕްޓަނަށް ދިމާވި ސިއްޙީ މައްސަލައިގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ހާމަނުކުރައްވައެވެ.