ޚަބަރު
ޤައުމީ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ދަތުރުތައް ފަށަނީ

ދިވެހިރާއްޖޭގެ 20 އަހަރުގެ ތަރައްޤީގެ ޤައުމީ ޕްލޭން އެކުލަވާލުން
20 އަހަރު ދުވަހުގެ ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށް އަތޮޅުތަކަށް ކުރާ ދަތުރުތައް ސެޕްޓެމްބަރު މަހުގެ ދެވަނަ ހަފްތާގައި ފަށާނެ ކަމަށް، އެ މަސައްކަތް ކުރިއަށްގެންދާ ނެކްސިއާ މޯލްޑިވްސްއިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ނެކްސިއާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ ޙާމިދް ޞާދިޤް ވިދާޅުވި ގޮތުގައި، މި ޕްލޭން އެކުލަވާލުމުގެ ފުރަތަމަ މަރުހަލާގެ މަސައްކަތް ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ދެވަނަ މަރުހަލާގެ ދަށުން ކީ ސްޓޭކްހޯލްޑަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތެވެ.
"ދެވަނަ މަރުހަލާގައި ކުރިއަށްގެންދަނީ ކީ ސްޓޭކްހޯލްޑަރ ކޮންސަލްޓޭޝަންސް. މީގެ ތެރޭގައި ހިމެނެނީ، ދައުލަތުގެ އިދާރާތަކާއި ސަރުކާރު އޮފީސްތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމްޢިއްޔާތަކާއި ބޭރުގެ ޖަމްޢިއްޔާތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން،" ޙާމިދް ވިދާޅުވިއެވެ.
އަތޮޅުތަކަށް ކުރާ ދަތުރުތައް ފަށާނީ ދެކުނުގެ އަތޮޅުތަކުން ކަމަށާއި، އޮކްޓޯބަރު މަހުގެ ނިޔަލަށް ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލުކުރުމަށް ވަނީ ރޭވިފައެވެ. މި ބައްދަލުވުންތަކުގައި ރަށްރަށުގެ ތަރައްޤީއަށް ރައްޔިތުންގެ އުއްމީދާއި ތަޞައްވުރު ދެނެގަތުމަށް މަސައްކަތްކުރާނެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭނަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ތަޞައްވުރެއް ކަމަށްވާއިރު، މިއީ ދެމެހެއްޓެނިވި ތަރައްޤީއަށް ރިޢާޔަތްކޮށް، ޤައުމުގެ އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި ޢުމްރާނީ ބޭނުންތަކަށް އަމާޒުކޮށް އެކުލަވާލެވޭ ދުރުރާސްތާގެ ޕްލޭނެކެވެ. މި ޕްލޭންގެ މަސައްކަތް ސަރުކާރުގެ ފަރާތުން ބަލަހައްޓަނީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިންނެވެ.
ނެކްސިއާ މޯލްޑިވްސްއިން ބުނި ގޮތުގައި، ޙިއްސާދާރުންނާއި ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުންތަކުގެ އިތުރުން، އޮންލައިންކޮށް ޚިޔާލު ހުށަހެޅޭނެ ޕްލެޓްފޯމެއްވެސް ޤާއިމްކުރާނެއެވެ. މި ޕްލޭނަކީ ޤާނޫނީ ބާރުވެރިކަން ލިބޭގޮތަށް ތައްޔާރުކުރެވޭ ޕްލޭނެއް ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.