Ads by Stelco

ޚަބަރު

ފާއިތުވީ ދޮޅުއަހަރުތެރޭގައި 8 އަތޮޅެއްގައި 18 ޑަޔަލިސިސް ޔުނިޓު ޤާއިމުކުރެވިފައިވާއިރު، މިހާރު ޚިދުމަތް ނުލިބެނީ 4 އަތޮޅަކުން

ފާއިތުވީ ދޮޅުއަހަރުތެރޭގައި 8 އަތޮޅެއްގައި 18 ޑަޔަލިސިސް ޔުނިޓު ޤާއިމުކުރެވިފައިވާއިރު، މިހާރު ޚިދުމަތް ނުލިބެނީ 4 އަތޮޅަކުން

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްދޫ ޑަޔަލިސިސް ޔުންޓް ހުޅުއްވައިދެއްވުން ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2025، 01:50

30 އޯގަސްޓު 2025، 01:50

ރާއްޖޭގައި ކިޑްނީ ބައްޔަށް ފަރުވާދިނުމަށް، މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅަކުން ޑަޔަލިސިސްގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ މިހާރުގެ އެންމެ ބޮޑު އަމާޒެވެ. ރާއްޖޭގެ ފުރަތަމަ ޑައިލިސިސް ސެންޓަރު 2001 ވަނަ އަހަރު އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލު (އައި.ޖީ.އެމް.އެޗް) ގައި ގާއިމްކުރިފަހުން، މިވީ 24 އަހަރުގެ ތެރޭގައި ކިޑްނީ ބަލީގެ ކަންބޮޑުވުންތައް އިތުރުވެ، ދައުލަތުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑަޔަލިސިސްގެ ޚިދުމަތް ފުޅާކުރުމުގެ މަސައްކަތްތައް ކުރައްވާފައެވެ.


ރާއްޖޭގައި ގައިންގަޔަށް ނާރާ ބޮޑެތި ބަލިތަކުގެ ތެރޭގައި އެންމެ ގިނައިން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ދައުލަތުން ޚަރަދުކުރާ އެއް ބައްޔަކީ ކިޑްނީގެ ބަލިތަކެވެ. ކިޑްނީ ބަލީގެ ސަބަބުން ހަފްތާއަކު ދެތިން ދުވަހު ޑަޔަލިސިސްގެ ޚިދުމަތް ހޯދަންޖެހޭ މީހުންގެ ޢަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މިކަމަށް ހައްލެއް ހޯއްދެވުމުގެ ގޮތުން، ކިޑްނީ ބަލީގެ ފަރުވާ ރާއްޖޭގައި ފުޅާކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްކުރައްވަމުންނެވެ.


މިޚިދުމަތް މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ރަށްތަކުގައި ފުޅާކުރުމަށް ސަރުކާރުންވަނީ ހާއްސަ މަޝްރޫޢެއް ފައްޓަވާފައެވެ. މާލެ ސަރަޙައްދުގައި ސިއްޙީ ފަރުވާދޭ ހުރިހާ ބޮޑެތި ހޮސްޕިޓަލުތަކުގައި މިހާރުވެސް ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކޮށްފައިވާއިރު، ސަރުކާރު ހޮސްޕިޓަލުތަކުގައި މިޚިދުމަތް އިތުރަށް ފުޅާކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ސިއްޙީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރިޖަނަލް ހޮސްޕިޓަލުތަކުގައި މީގެ 12 އަހަރުކުރިން ޤާއިމުކުރަން ފެށި ޑަޔަލިސިސް ޚިދުމަތާއެކު، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހާއި ހަމައަށް 10 އަތޮޅެއްގައި 11 ޑައިލިސިސް ސެންޓަރުގައި 42 ޔުނިޓުވަނީ ޤާއިމުކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން މިއަދާހަމައަށް 8 އަތޮޅެއްގައި 18 ޔުނިޓު ޤާއިމުކުރެވިފައިވާއިރު، މިމުއްދަތުގެ ތެރޭގައި ކުރިން ހުރި 2 ސެންޓަރެއްގައި ޚިދުމަތް ފުޅާކޮށް، އިތުރު 4 ޔުނިޓުވެސްވަނީ ޤާއިމުކޮށްފައެވެ.

އޭގެ އިތުރުން، އެންމެ ގިނަ މީހުން ޚިދުމަތް ހޯދަމުން އަންނަ އާބާދީ ބޮޑު ސަރަޙައްދުތައްކަމުގައިވާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ އިތުރުން ޅ.އަތޮޅު ހޮސްޕިޓަލުގައި ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރިއަށެވެ.

ރާއްޖޭގައި މިވަގުތު ޑަޔަލިސިސްގެ ޚިދުމަތް ނުފެށި އޮތީ، އދ.އަތޮޅާއި، ވ.އަތޮޅުގެ އިތުރުން ފ.އަތޮޅު އަދި ދ.އަތޮޅުގައެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި ޑަޔަލިސިސްގެ ޚިދުމަތް ޤާއިމުކޮށް، ރައްޔިތުންނަށް އެމީހުންގެ ރަށްތަކާ ގާތުން މި ފަރުވާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.

ސިއްޙީދާއިރާގެ ބޭފުޅުން ޤަބޫލުކުރައްވާގޮތުގައި، ކިޑްނީ ބައްޔަށް އޮތް ވަގުތީ ހައްލެއްގެ ގޮތުގައި ޑަޔަލިސިސްގެ ޚިދުމަތް ދެމުން އަންނައިރު، ބަލިން ރައްކާތެރިވުމަށް ދުރާލާ ދުޅާހެޔޮ ސިއްޙީ އާދަތައް އަށަގެންނެވުމަށް އިސްކަންދިނުމަށް ޑޮކްޓަރުން އިރުޝާދުދެއްވައެވެ. މިގޮތުން ހަކުރު ބަލި ކޮންޓްރޯލްކުރުމާއި، ހެލިފެލިވެ އުޅުން ގިނަކޮށް އަދި ސިއްޙަތަށް ފައިދާހުރި ކާނާ ބޭނުންކުރުމަށްވެސް ޑޮކްޓަރުން އިލްތިމާސްކުރައްވައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން