Ads by Stelco

ޚަބަރު

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

އުތުރާއި މެދުރާއްޖެތެރެއަށް މޫސުން ގޯސްވެ، ހުދު ސަމާލު ނެރެފި

ރާއްޖެއަށް މޫސުން ގޯސް ދުވަހެއް ފޮޓޯ:ޕީއެސްއެމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2025، 11:17

30 އޯގަސްޓު 2025، 11:17

މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެފައިވަނީ، ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަވާނެ ކަމަށެވެ. އެގޮތުން، އުތުރުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި ވައި ގަދަވާނެތީ މޫސުމާ ބެހޭ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.

މެޓް އޮފީހުން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ފަތިހު 04:00 އިން ފެށިގެން ހެނދުނު 10:00 ހާހަމައަށެވެ. މި ސަމާލުގެ ދަށުން ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ. އަދި ދެކުނުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށް ވެސް ލަފާކުރެވޭކަމަށް އެ އިދާރާއިން ބުނެއެވެ.



ވައި ޖެހޭނެ ގޮތަށް ބަލާއިރު، ހުޅަނގުދެކުނާއި ހުޅަނގުން މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ހާމަކުރެއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ ކަމަށެވެ. ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން