Ads by Stelco

ޚަބަރު

ސިނަމާލެ ބުރިޖަކީ ދެ ޤައުމުގެ ގުޅުމުގެ ފުރިހަމަ މިސާލެއް: ރައީސް މުޢިއްޒު

ސިނަމާލެ ބުރިޖަކީ ދެ ޤައުމުގެ ގުޅުމުގެ ފުރިހަމަ މިސާލެއް: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޗައިނާގެ ރައީސް ، ކަނާތްފަރާތުގައި : ސިނަމާލެ ބްރިޖު ފޮޓޯ:ރައީސް އޮފީސް ، އެޑިޝަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

30 އޯގަސްޓު 2025، 10:41

30 އޯގަސްޓު 2025، 10:41

ދިވެހިރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ވަރުގަދަ ގުޅުމުގެ ވަރަށް ފުރިހަމަ މިސާލެއްގެ ގޮތުގައި ސިނަމާލެ ބުރިޖު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢީއްޒު ސިފަކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ރާއްޖޭގައި ތަރައްޤީކުރި "ސިނަމާލެ ބުރިޖު" ހުޅުވާ ބޭނުންކުރަންފެށިތާ 7 އަހަރު ފުރުން ފާހަގަކުރައްވާ، ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.

މިއަދު ފާހަގަކުރަމުންދާ މި މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސިނަމާލެ ބުރިޖް މަޝްރޫޢަކީ ރާއްޖެ ކުރިއަރައި ދިއުމުގައި ހުޅުވުނު ވަރަށް މުހިންމު ދޮރޯއްޓެއްކަމަށެވެ. މިއީ ދިވެހިރާއްޖެއާ ޗައިނާއާއި ދެމެދު އޮތް އިތުބާރާއި ދެ ޤައުމުގެ ގުޅުމުގެ ވަރަށް ފުރިހަމަ ރަމްޒެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއީ ރާއްޖޭގެ ތަރައްޤީގެ ޙަޤީގީ ބައިވެރިއެއްގެގޮތުގައި ޗައިނާއިން އޮތްކަން ދައްކުވައިދޭ ރަމްޒެއްކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ، މި މަސައްކަތަކީ ދެ ޤައުމުގެ އެކުވެރިކަމާ ގުޅުމާއި، އެއްގައުމުން އަނެއް ޤައުމަށް އޮތް އިތުބާރު ފުރިހަމައަށް ދައްކުވައިދޭ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ސިނަމާލެ ބުރިޖްގެ މަސައްކަތް ކުރިއަށްގެންދެވީ، އެމަނިކުފާނު ހައުސިން މިނިސްޓަރުކަމުގައި ހުންނަވައި އެމަނިކުފާނުގެ ފުރިހަމަ ބެއްލެވުމުގެދަށުންނެވެ.

މިދިޔަ އަހަރު ޖެނުއަރީމަހު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި އެ ޤައުމުގެ ޓީވީ ޗެނަކަލަށް ދެއްވި އިންޓަވިއުއެއްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ، ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ ގޮންޖެހުން ބޮޑު މަޝްރޫޢުކަމަށެވެ. އަދި މިއީ މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނާ އަދި މުޅި ރާއްޖޭގެ ތަރައްޤީއަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ރާއްޖޭގެ ފުރަތަމަ ބުރިޖު ސިނަމާލެ ބުރިޖަކީ "ލޭންޑްމާކް" މަޝްރޫޢެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.



ސިނަމާލެ ބުރިޖުގެ ޢަމަލީ މަސައްކަތް ފެށީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ބުރިޖުގެ މަސައްކަތް 3 އަހަރާއި 11 މަސް ދުވަހުން ނިމި، ވަރަށް ކުލަގަދަ ރަސްމިއްޔާތަކާއެކު، 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު ހުޅުވުނެވެ.
މި ބުރިޖުގެ މަސައްކަތްތަކަށް ޖުމްލަ 300 މިލިޔަން ޑޮލަރު ޚަރަދުކުރެވުނެވެ. އޭގެ ތެރެއިން 100 މިލިޔަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ގޮތުގައި ދިން ފައިސާއެވެ. އަދި 170 މިލިޔަން ޑޮލަރު ދިނީ ލޯނު އެހީގެ ގޮތުގައެވެ. ބުރިޖު މަޝްރޫޢަށް ދިވެހި ސަރުކާރުން 30 މިލިޔަން ޑޮލަރު ޚަރަދުކުރިއެވެ.

ރާއްޖެއާއި ޗައިނާއާއި ދެމެދު އޮންނަ ޒަމާންވީ އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ މި ބުރިޖުގެ ދިގުމިނުގައި 1.39 ކިލޯމީޓަރު ހުރެއެވެ. އަދި ބުރިޖުގެ ފުޅާމިނުގައި 20.3 މީޓަރު ހުންނައިރު، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޚާއްޞަ 2 ލޭނާއި، ސައިކަލް ދުއްވަން ޚާއްޞަ ދެ ލޭން ހިމެނެއެވެ. މި މަޝްރޫޢުގައި މާލެ، ހުޅުލެ އަދި ހުޅުމާލެ ވަނީ ގުޅާލާފައެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން