ޚަބަރު
ދިވެހީންގެ މުސްތަޤުބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި އިންޖިނޭރުންގެ ދައުރުބޮޑު: ރައީސް މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް
ދިވެހީންގެ މުސްތަޤުބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި އިންޖިނޭރުންގެ ދައުރު ވަރަށް ބޮޑުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަހަރުގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ. މީގެ އިތުރުން ރައީސް މުޢިއްޒު ވަނީ ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ހަމަޖައްސަވާފައެވެ.
އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން. އެއީ، ޤައުމު ބިނާކުރުމަށާއި އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ ވަރަށް އަގުހުރި ޚިދުމަތެއް. ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްޞަ ހުނަރެއް. ދިވެހީންގެ މުސްތަޤްބަލުގެ އުންމީދުތަކުގައި ހަގީގީ ކުލަ ޖެއްސުމުގައި،… pic.twitter.com/mETiODB8sN
— Dr Mohamed Muizzu (@MMuizzu) August 30, 2025
މިއަހަރުގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރެއްވި އަދި މިހާރުވެސް ކުރައްވަމުންގެންދަވާ ހީވާގި ދިވެހި އިންޖިނޭރުންނަށް ދުވަހުގެ ތަހުނިޔާ ދަންނަވާފައެވެ. އެމަނިކުފާނު ވިދާޅުވީ، އިންޖިނޭރުކަމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި، އެއީ ޤައުމު ބިނާކުރުމަށާއި، އިންސާނިއްޔަތަށްޓަކައި ކޮށްދެވޭ އަގުހުރި ޚިދުމަތެއް ކަމަށެވެ. އަދި އެއީ ޢިލްމާއި ޙިލްމާއި ދުރުވިސްނުމުގެ ބޭނުން ހިފަންޖެހޭ ޚާއްސަ ހުނަރެއް ކަން ފާހަގަކުރައްވައި، މި ދާއިރާގެ މުހިއްމުކަމުގެ މައްޗަށް ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.
އިންޖިނޭރުންގެ ދުވަހެއް ރަސްމީކޮށް ފާހަގަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަހަރުގެ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. އެގޮތުން، ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި އޮގަސްޓު މަހުގެ 30 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ، ޤައުމުގެ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބިޔަ އުމްރާނީ ތަރައްޤީގެ މަޝްރޫޢު ކަމުގައިވާ، ސިނަމާލެ ބުރިޖު އިފުތިތާޙުކުރެވުނު ދުވަހާ ގުޅުވައިގެންނެވެ. މި ދުވަސް ފާހަގަކުރެއްވުމުގެ އެންމެހައި ކަންކަން ކުރިއަށް ގެންދާނީ، އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ. މިގޮތަށް ދުވަހެއް ކަނޑައެޅުމުގެ ސަބަބަކީ، ޤައުމުގެ ތަރައްޤީގައި އިންޖިނޭރުންގެ ބުރަ މަސައްކަތާއި، އެބޭފުޅުންގެ ހުނަރަށް އަގުވަޒަންކުރުމަށްޓަކައެވެ.