ޚަބަރު
ރާއްޖެ ދުނިޔޭގެ ފެންވަރު ފަތުރުވެރިންގެ މަންޒިލަކަށް ހެއްދެވުމުގައި ޢުމަރު މަނިކު އަދާކުރެއްވި ދައުރު ނުހަނު ބޮޑު : ރައީސް މުޢިއްޒު

ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ އަދި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު (އެމް.ޔޫ މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޢުޒިޔާ ވިދާޅުވެ، މަރްޙޫމްގެ ޤައުމީ ޚިދުމަތްތައް، ޚާއްޞަކޮށް ރާއްޖޭގެ ފަތުރުވެރިކަން ތަރައްޤީކުރުމުގައި ކުރައްވާފައިވާ ބުރަ މަސައްކަތްޕުޅުތައް ވަރަށް ބޮޑަށް ފާހަގަކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މުޙައްމަދު ޢުމަރު މަނިކު ކުރައްވާފައިވަނީ ތަޢުރީފް ޙައްޤު މަސައްކަތްޕުޅުތަކެއްކަމަށެވެ.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
— Dr Mohamed Muizzu (@MMuizzu) August 30, 2025
ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްބާނީ ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޢުމަރު މަނިކު އަވަހާރަވި ޚަބަރު އަޅުގަނޑު އެހީ ވަރަށް ފުން ހިތާމައާއެކުގައި. ރާއްޖޭގެ ފަތުރުވެރިކަން މިއަދާ ހަމައަށް ތަރައްޤީވެ ކުރިއަރައި ދިޔުމުގައި… pic.twitter.com/rL4qn3S20V
ރައީސުލްޖުމްހޫރިއްޔާ، އެމް.ޔޫ މަނިކު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއެކުކަމަށާއި، ދިވެހި ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ފަތުރުވެރިންގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑުކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މުޙައްމަދު ޢުމަރު މަނިކުގެ ވަކިވެދިއުމަކީ ޤައުމަށް ލިބިލެއްވި ފުން ހިތާމައެއްކަމަށް ރައީސް ވިދާޅުވިއެވެ. މާތްﷲ، މަރްޙޫމް މުޙައްމަދު ޢުމަރު މަނިކުގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، މަރްޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
އެމް.ޔޫ މަނިކު އަވަހާރަވީ އިއްޔެ ރޭގެ ވަގުތެއްގައި، ސިއްޙީ ޙާލުކޮޅު ދެރަވެ، ފަރުވާދެމުންދަނިކޮށް ސިންގަޕޫރުގައެވެ. އަވަހާރަވިއިރު އުމުރުފުޅުން 78 އަހަރުފުޅެވެ. މަރްޙޫމްގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު އަސުރު ނަމާދަށްފަހު ސިންގަޕޫރުގައެވެ.
މުޙައްމަދު ޢުމަރު މަނިކު، ދިވެހި ސަރުކާރަށް ޚިދްމަތް ކުރައްވަން ފަށްޓަވާފައިވަނީ 1971 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. އަދި ރާއްޖޭގައި 1972 ވަނަ އަހަރު ފަތުރުވެރިކަމުގެ ވިޔަފާރި ފެށުމުގައި ކުރީ ސަފުގައި މަސައްކަތްކުރެއްވި އެއް ބާނީއަކީވެސް އެމަނިކުފާނެވެ. މީގެ އިތުރުން ދިވެހި ދައުލަތަށާއި، ޤައުމާއި ރައްޔިތުންނަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން، 2011 ވަނަ އަހަރު އެމަނިކުފާނަށް ވަނީ ދިވެހި ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) ވެސް އަރުވާފައެވެ.
އެމް.ޔޫ މަނިކު އަވަހާރަވުމާ ގުޅިގެން، ސަރުކާރާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާއި އަދި ދިވެހި ގިނަ ބަޔަކު ދަނީ މަރްޙޫމްގެ ޢާއިލާއަށް ތަޢުޒިޔާ ފޮނުއްވަމުންނެވެ.