ޚަބަރު
ވެލާނާ އެއަރޕޯޓްގައި ފުލް ސްކޭލް އެކްސަސައިޒެއް: ވަގުތުކޮޅަކަށް ރަންވޭ ބަންދުކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ރަންވޭ ފޮޓޯ:އެޓޯލް ޓައިމްސް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ) ގައި އަންނަ މަހު 8 ވަނަ ދުވަހު ފުލް ސްކޭލް އެކްސަސައިޒެއް ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާއިރު، މި ހަރަކާތުގެ ތެރެއިން އެއް ގަޑިއިރަށް ރަންވޭ ބަންދުކުރި ނަމަވެސް، އެއަރޕޯޓުގެ ޝެޑިއުލް އަދި އޮޕަރޭޝަންތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ވިދާޅުވެއްޖެއެވެ.
މި އެކްސަސައިޒަކީ، ސިވިލް އޭވިއޭޝަން ޤަވާއިދުތަކުގެ ދަށުން ކޮންމެ 3 އަހަރަކުން އެއްފަހަރު ކޮންމެ އެއަރޕޯޓަކުން ހަދަން ލާޒިމް ކުރާ ހަރަކާތެކެވެ. މީގެ މައިގަނޑު މަޤްސަދަކީ، އެއަރޕޯޓުގެ ހުރިހާ ޚިދުމަތެއް ކުއްލި ހާލަތަކަށް ތައްޔާރުވެފައިވާ މިންވަރު ބެލުމާއި، އެހެން ހުރިހާ މުޢައްސަސާއަކާއި ގުޅިގެން ކުރެވޭ މަސައްކަތުގައި ދިމާވެދާނެ ގޮންޖެހުންތައް ވަޒަންކުރުމެވެ. އެއަރޕޯޓުގައި އެންމެ ފަހުން މިފަދަ އެކްސަސައިޒެއް ކުރިއަށް ގެންދިޔައީ މީގެ 3 އަހަރު ކުރިން 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން އައު ޓަރމިނަލް ހުޅުވި ގިނަ ޚިދުމަތްތަކަށް ބަދަލު އައިސްފައިވާއިރު، މިއީ އެއަރޕޯޓަށް އިތުރުވި ވަސީލަތްތައް ވަޒަން ކުރުމަށް ލިބޭ ފުރުސަތެއް ކަމަށް އެމް.އޭ.ސީ.އެލްއިން ވަނީ ފާހަގަކުރައްވާފައެވެ.
އެމް.އޭ.ސީ.އެލްއިން ހާމަކުރެއްވި ގޮތުގައި، މި އެކްސަސައިޒުގައި އެއަރޕޯޓުގެ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ ކަމާއި ގުޅޭ ހުރިހާ އިދާރާއަކުން ބައިވެރިވާނެއެވެ. މީގެތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ޤައުމީ ދިފާޢީ ބާރާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި މާލޭގެ ހޮސްޕިޓަލްތަކާއި ސިޓީ ކައުންސިލުގެ އިތުރުން ކަމާއި ގުޅޭ މުޢައްސާތަކާއި ވުޒާރާތަކާއި އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިމެނެއެވެ.
އެމް.އޭ.ސީ.އެލްގެ ޖެނެރަލް މެނޭޖަރ އަޒީނާ އަބްދުލް މަތީން ވިދާޅުވީ މި ހަރަކާތުގައި އެކްސަސައިޒު ފެށުމުގެ ކުރިން ގިނަ ތައްޔާރީތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން މުޢައްސަސާތަކަށް މައުލޫމާތު ދިނުމާއި އެދުވަހުގެ ކަންކަން ރާވާ އިންތިޒާމު ކުރުމަށް މުޢައްސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމް.އޭ.ސީ.އެލްއިން ވިދާޅުވިއެވެ. މީގެތެރޭގައި އެދުވަހު މުޢައްސަސާތަކުން ފޯރުކޮށްދެވޭނެ ވަސީލަތްތަކާއި ކުރެވޭނެ ކަންކަން ދެނެގަންނަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑުމެން އެކްސަސައިޒް އެކްޓިވޭޓް ކުރަނީ ހަވީރު 4:00 ޖަހާއިރު. އޭގެ ފަހުން ރޭގަނޑު 9:00 ޖަހަން ދެން ކުރިއަށް ދާނެ. މި ގަޑީގައި ރަންވޭ ބަންދުކުރާނެ 4:00 އިން 5:00 އަށް. ރަންވޭ އަޅުގަނޑުމެން ބަންދު މިކުރަނީ ފަޔަރފައިޓިން މޮކަޕްއަށް. އެހެންވީމަ ދުމުގެ އަސަރު ހުރެ އަލިފާން ފެންނާނެ. އެހެންވީމާ ރައްކާތެރިކަމަށް ރަންވޭ ބަންދުކުރަނީ
އަޒީނާ
އެމް.އޭ.ސީ.އެލްއިން ވަނީ މިހާ ގިނަ މުޢައްސަސާތަކާއެކު މިފަދަ ހަރަކާތެއް ކުރިއަށްދާއިރު ވަރަށް ގިނަ ކަންކަން އެއްފަހަރާ ކުރިއަށްދާނެކަން ފާހަގަކޮށް ރައްޔިތުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. މިއާއެކު އެއަރޕޯޓު ސަރަހައްދު ޓްރެފިކް ފްލޯއަށް އަންނަ ބަދަލުތަކާއި އަދި މަގުތަކުގެ ޓްރެފިކަށް ބަދަލެއް އަންނަ ނަމަ އެކަންވެސް ކުރިން އަންގާނެކަމެއް ވިދާޅުވެއެވެ.
އަޒީނާ ވިދާޅުވީ މި އެކްސަސައިޒު ކުރިއަށްދާނީ އެއަރޕޯޓުގެ އޮޕަރޭޝަންތަކަށް ބުރޫ ނާރާ ގޮތަށް ކަމަށެވެ. އަދި އެއްވެސް ފްލައިޓެއް ޑިލޭވުން ފަދަ ކަމެއް ނުހިނގާނެހެން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ފުރަން އަންނަ ހުރިހާ ފަރާތްތަކުންވެސް ގަޑިއަށް ޗެކިންއަށް އައުމަށް އެމް.އޭ.ސީ.އެލްއިންވަނީ އިލްތިމާސްކުރައްވާފައެވެ.
ޝެޑިއުލިން އެއްވެސް މައްސަލައެއް ނޫޅޭނެ. މިވަގުތު ޝެޑިއުލްކޮށްފައި އިންގޮތަށް ޓޭކް އޮފް ލޭންޑިން ކުރިއަށްދާނެ ކަމަށް ޤަބޫލުކުރެވެނީ. އެ 1 ގަޑިއިރަށް ރަންވޭ ބަންދުކުރާތީ ނޯޓަމް އިޝޫކޮށްފައި. ހުރިހާ އެއަރލައިންތަކަށްވެސް ދީފައިވަނީ. އެހެންވީމަ މިގަޑިއަށް ނުވަންނަ ގޮތަށް ފްލައިޓް ޝެޑިއުލްވެސް އިންނާނީ
އަޒީނާ