ޚަބަރު
އަލަށް ތަރައްޤީކުރާ 'ޝަހީދު އަލީ' ސްކޫލާއިއެކު ކުރިއަށް އޮތް ދެ އަހަރު ޖާގައިގެ ދަތިކަމެއް ނުޖެހޭނެ: ތަޢުލީމީ ވުޒާރާ

ޝަހީދު އަލީ' ސްކޫލް ގެ މަސައްކަތް ކުރިއަށްދަނީ ފޮޓޯ:ވުޒާރާ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރަމުންދާ "ޝަހީދު އަލީ" ސްކޫލާއެކު، ކުރިއަށް އޮތް ދެ އަހަރަށް ދަރިވަރުންނަށް ޖާގައިގެ ދަތިކަމެއް ނުޖެހޭނެކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކުރައްވައިފިއެވެ. މި ސްކޫލް އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ހުޅުވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މިހާރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގްރޭޑް 10 އަށް ހަމައަށް ކިޔަވައިދެމުން އަންނަނީ ޞަލާހުއްދީން ސްކޫލްގައި އެކަންޏެވެ. ނަމަވެސް، "ޝަހީދު އަލީ" ސްކޫލް ހުޅުވުމުން ދެވަނަ ފިޔަވަހީގައި ގްރޭޑް 10 ހަމައަށް ކިޔަވައިދޭ އިތުރު ސްކޫލެއް ޤާއިމުވެގެންދާނެއެވެ. މި ސްކޫލްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހަށް ނިންމާ، އަންނަ ޖެނުއަރީގައި ފަށާ ދިރާސީ އައު އަހަރާއެކު ކިޔަވައިދިނުން ފެށުމަށް ވަނީ ނިންމާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދު ވިދާޅުވީ، "ޝަހީދު އަލީ" ސްކޫލަށް ކުދިން ވެއްދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ. އެގޮތުން މާލެއާއި ހުޅުމާލެއިންވެސް އެ ސްކޫލަށް ވަންނަން ބޭނުންވާ ކުދިންނަކީ ކޮބައިތޯ ބެލިފައިވާކަމަށާއި، މިހާތަނަށް 600 އަށްވުރެ ގިނަ ކުދިން ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ކުދިންނަށް އެ ސްކޫލުން ޖާގަ ލިބޭނެކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދު ވިދާޅުވި ގޮތުގައި، "ޝަހީދު އަލީ" ސްކޫލްގެ ޖާގައަކީ 1500 ކުދިންނަށް ކަމަށް ވީ ނަމަވެސް، ދެ ދަންފަޅިއަށް ކިޔަވައިދޭއިރު 2000 އާއި 2500 އާ ދެމެދުގެ އަދަދަކަށް ކުދިންނަށް ޖާގަ ލިބޭނެއެވެ. މިހާރު ދިރިއުޅެމުންދާ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހުރިހާ ދަރިވަރުންނަށް ޖާގަ ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ފޭސް 2 ގައި މިހާރު ދިރިއުޅެމުންދާ ހުރިހާ ބެލެނިވެރިންނަށްވެސް ދަންނަވާލަން ބޭނުންވަނީ ސަލާހުއްދީންއާއި ޝަހީދު އަލީ މި ދެ ސްކޫލް ވީމާ މި ފެށޭ ދިރާސީ އަހަރު އަދި 2027 އަށްވެސް ޖާގައިގެ ދަތިކަމެއް ނެތި ދަރިވަރުންނަށް ޖާގަތައް މަގުފަހިކޮށްދެވޭނެ. އަތޮޅުތަކުން އަންނަ ދަރިވަރުންނާއި މާލޭގައި ތިބި ދަރިވަރުންނަށްވެސް ޖާގަ ލިބޭނެ ސްޓޭޓް މިނިސްޓަރ ހުސައިން ސަޢީދު މުޙައްމަދު
މި ސްކޫލްގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާއިރު، މުޅި އިމާރާތުގެ ކޮންކްރީޓް މަސައްކަތްތައް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ފިނިޝިންގ މަސައްކަތްތަކެވެ. މި ސްކޫލަކީ އޭސީކޮށްފައިވާ 54 ކްލާސްރޫމާއި، މަލްޓިޕާޕަސް ހޯލަކާއި، ޒަމާނީ ވަޞީލަތްތަކުގެ އިތުރުން ޓާފްދަނޑެއް އެކުލެވޭގޮތަށް ޢިމާރާތް ކުރާ ސްކޫލެކެވެ.
މި މަސައްކަތް ކޮންޓްރެކްޓަރ ފައިނޭންސިންގ އުސޫލުން ކުރިއަށްގެންދަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރު.ސީ.ސީ) އާ ހަވާލުކޮށްގެންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް ތަރައްޤީކުރާ މި ސްކޫލްގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.
ދެވަނަ ފިޔަވަހީގައި މިހާރު ތަރައްޤީކުރަމުންދާ ސްކޫލުގެ އިތުރުންވެސް، އެ ސަރަޙައްދުގައި އިތުރު ސްކޫލްތައް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މިއީ ހުޅުމާލޭގެ އާބާދީ އިތުރުވަމުންދާ ވަރަކަށް، ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެކެވެ.