ޚަބަރު
ޖަރުމަނުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ލައްކައެއް ފަހަނަޅައިފި!

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ފޮޓޯ: ފަރުދުން
މިއަހަރުގެ މިހާތަނަށް ޖަރުމަނުވިލާތުން ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި 5 ވަނަ ގައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ޖަރުމަނުވިލާތުން ރާއްޖެއަށް 100،546 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއަދަދު ރާއްޖެއަށް އައި ފަތުރުވެރިންގެ %6.9 ހިއްސާކުރެއެވެ. ޖަރުމަނުގެ އިތުރުން މިއަހަރު ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ފޮނުވާފައިވާ އެހެން ޤައުމުތަކުގެ ތެރޭގައި ޗައިނާ (230،374 ފަތުރުވެރިން)، ރަޝިއާ (174،434 ފަތުރުވެރިން)، އިނގިރޭސިވިލާތް (132،732 ފަތުރުވެރިން)، އަދި އިޓަލީވިލާތް (105،379 ފަތުރުވެރިން) ހިމެނެއެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 1،463،566 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %9.2 އިތުރު އަދަދެކެވެ. ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ 1 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިންނެވެ. 2 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައެވެ. އެއީ 3 ލައްކައަށްވުރެ ގިނަ ފަތުރުވެރިންނެވެ.
ސަރުކާރުން މި އަހަރު ރާއްޖެއަށް 2.3 މިލިޔަން ފަތުރުވެރިން ގެނައުމަށް އަމާޒުހިފާފައިވާއިރު، މިހާތަނަށް 1.4 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މި އަމާޒަށް ވާސިލުވުމަށް އެހީތެރިވެދޭނެކަމަށް ބެލެވޭ އެއް ކަމަކީ، ޖުލައި މަހު ހުޅުވުނު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ޕެސެންޖަރ ޓާމިނަލްއެވެ. މި ޓާމިނަލްއަކީ އަހަރަކު 7.5 މިލިޔަން ފަތުރުވެރިންނަށް ޚިދުމަތް ދެވޭނެކަމަށް ސަރުކާރުން ވިދާޅުވާ ތަނެކެވެ. މިއާއިއެކު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުވެ، ސަރުކާރުގެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެއެވެ.