ޚަބަރު
މީރީ "ޔޫތް ވޮއިސެސް" ކެމްޕެއިންގެ ދަށުން އިނާމު ހޯދުމުގެ ފުރުޞަތު!

މީރީ ޔޫތް ވޮއިސެސް ކެމްޕެއިން

ފަރުދުން
28 އޯގަސްޓު 2025، 10:50
28 އޯގަސްޓު 2025، 10:50
މޯލްޑިވްސް އެންހޭންސިންގ އެމްޕްލޮޔަބިލިޓީ އެންޑް ރެޒިލިއެންސް އޮފް ޔޫތް ޕްރޮޖެކްޓް (މީރީ ޕްރޮޖެކްޓް) ގެ ދަށުން "ޔޫތް ވޮއިސެސް" ގެ ނަމުގައި ޒުވާނުންނަށް ޚާއްސަ ކެމްޕެއިނެއް ފައްޓައިފިއެވެ. މިކެމްޕެއިންގެ ދަށުން އިނާމުތައް ހޯދުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ.
"ޔޫތް ވޮއިސެސް" ކެމްޕެއިންގެ ދަށުން ވަނަ ހޯދާ ފަރާތްތަކަށް އިނާމުގެ ގޮތުގައި ކަނޑައަޅާފައިވަނީ، އީ-ރީޑަރ، ޓްރައިޕޮޑް އަދި އައިޕެޑް އެވެ. މި ކެމްޕެއިންގައި 16 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ ޒުވާނަކަށް ވެސް ބައިވެރިވެވޭނެއެވެ.
މީރީ ޕްރޮޖެކްޓްގެ މި ކެމްޕެއިންގައި ބައިވެރިވުމަށް 3 މިނެޓްގެ ވީޑިއޯއެއް ނުވަތަ 10 ގަނޑު ހިމެނޭ ސްލައިޑް ޑެކެއް ހުށަހަޅަން ޖެހެއެވެ. ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކްގައި، ތިމާ މަސައްކަތްކުރާ ނުވަތަ ތަމްރީނުވަމުންދާ ދާއިރާ، ދިމާވި ގޮންޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރި މަސައްކަތްތައް، ހާޞިލުކުރި ތަޢުލީމާއި ތަމްރީނުގެ ސަބަބުން ލިބިފައިވާ ހުނަރާއި ޤާބިލުކަން، އަދި އެ ދާއިރާ އިން ކުރިއަށްދިޔުމަށް ޝައުގުވެރިވާ ޒުވާނުންނަށް ދޭން ބޭނުންވާ މެސެޖެއް ހިމަނަން ވާނެއެވެ.
ކެމްޕެއިންގައި ބައިވެރިވުމަށް ހުށަހަޅާ ވީޑިއޯ ނުވަތަ ސްލައިޑް ޑެކް ގެ އިތުރުން، ހުށަހަޅާ ފަރާތުގެ އައި.ޑީ. ކާޑް ކޮޕީ "ޔޫތް ވޮއިސެސް ސަބްމިޝަން" ގެ ސަބްޖެކްޓް ލައިނާއެކު، [email protected] މިއެޑްރެހަށް އީ-މެއިލް މެދުވެރިކޮށް ހުށަހަޅަންވާނެއެވެ. ކެމްޕެއިންގައި ބައިވެރިވުމަށް، އިޖްތިމާޢީ ވިއުގައިގެ މަންސަތަކުގައި މީރީ (MEERY) ޕްރޮޖެކްޓަށް ފޮލޯ ކުރަންވާނެއެވެ.
"ޔޫތް ވޮއިސެސް" ކެމްޕެއިންގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން ވީޑިއޯ ނުވަތަ ސްލައިޑް ޑެކް ހުށަހެޅުމުގެ ސުންގަޑި އަކީ 12 ސެޕްޓެމްބަރ 2025 ވާ ހުކުރު ދުވަހެވެ.