ދުނިޔެ
އީރާނާއި ޔޫރަޕުގެ ތިން މައި ޤައުމާ ދެމެދު ނިއުކްލިއަރ މަޝްވަރާތައް އަންނަ ހަފްތާގައި އަލުން ފެށުމަށް އެއްބަސްވެއްޖެ

ޔޫރަޕްގެ ބައެއް އިސްވެރިންނާއި އެކު އީރާނުގެ ފޮރިންގ މިނިސްޓަރ
އީރާނާއި ޔޫރަޕުގެ ތިން މައި ޤައުމާ ދެމެދު ނިއުކްލިއަރ މަޝްވަރާތައް އަންނަ ހަފްތާގައި އަލުން ފެށުމަށް އެއްބަސްވެއްޖެއެވެ.
އީރާނުގެ ސަރުކާރުގެ މީޑިއާއިން ރިޕޯޓުކުރި ގޮތުގައި، އެ ގައުމުގެ ފޮރިން މިނިސްޓަރ އައްބާސް އަރަގްޗީ ވަނީ ފަރަންސޭސި، ބްރިޓިޝް އަދި ޖަރުމަނު އޭނާގެ އަރިހުން ބައްދަލުވުމެއް ބާއްވައި، ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި އަންނަ އަންގާރަ ދުވަހު ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވެފައެވެ.
ޖަރުމަނުގެ ފޮރިން މިނިސްޓަރ ޖޮހާން ވަޑެފުލް ވަނީ މި މަޝްވަރާތައް ކަށަވަރުކޮށްދެއްވައި، އިރާނުން ތަސްދީގު ކުރެވޭ އަދި ދެމެހެއްޓެނިވި އެއްބަސްވުމަކަށް އައުމަށް އެއްބަސްނުވާނަމަ، "ސްނެޕްބެކް" މެކޭނިޒަމްގެ ދަށުން އދ. ގެ ފިޔަވަޅުތައް އަލުން ތަންފީޒު ކުރެވިދާނެކަމުގެ އިންޒާރު ދެއްވާފައެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، އަރަގްޗީ ވަނީ މި އިންޒާރު ބަލައިނުގަންނަ ކަމަށް ބުނެ، ޔޫރަޕުގެ ތިން ގައުމަށް ސްނެޕްބެކް ފިޔަވަޅުތައް ތަންފީޒުކުރުމުގެ ޤާނޫނީ އަދި އަޚްލާޤީ ޤާބިލުކަން ނެތް ކަމަށް ބުނެފައެވެ. އަދި އެފަދަ ފިޔަވަޅެއް އަޅައިފިނަމަ ނަތީޖާ ކުރިމަތިވާނެ ކަމުގެ އިންޒާރުވެސް ދީފައިވެއެވެ.
އެމެރިކާގެ އެހީތެރިކަމާއެކު ޔޫރަޕުގެ ތިން ސަރުކާރުން ވަނީ އިރާނުން ބައިނަލްއަޤްވާމީ އެއްބަސްވުންތަކާ ޚިލާފަށް ޔުރޭނިއަމް އެންރިޗްކުރުން ކުރިއަށް ގެންދާ ކަމަށް ތުހުމަތުކޮށްފައެވެ. އަދި އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ބޭނުންކުރެވިދާނެ ކަމަށް ބުނެފައެވެ. ނަމަވެސް އިރާނުން ބުނަނީ އެ ޤައުމުގެ ނިއުކްލިއަރ މަސައްކަތްތައް ކުރަނީ ހަމައެކަނި މަދަނީ ބޭނުންތަކަށް ކަމަށެވެ.
އީރާނާއި އެމެރިކާގެ މަޝްވަރާތައް ވަނީ ޖޫން މަހު ހުއްޓިފައެވެ. އޭގެ ފަހުން އައިއޭއޭއޭގެ އިންސްޕެކްޓަރުންނަށް އިރާނުގެ ފެސިލިޓީތަކަށް ވަދެވިފައެއް ނުވެއެވެ. އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ އައިއޭއޭއޭއިން "ދެފުށް ސިޔާސަތު" ދޫކޮށްލައި، އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމާ ގުޅޭ ގޮތުން އެއްބާރުލުން އަލުން ޤާއިމުކުރަން ބޭނުންވާނަމަ އެކަން ކުރުމަށް އިންޒާރު ދެއްވާފައެވެ.