ދުނިޔެ

ޣައްޒާގައި ކާބޯތަކެތީގެ ތަދުމަޑުކަމެއް ކުރިމަތިވެފައިވާ ކަމަށް ރަސްމީކޮށް އިޢުލާންކޮށްފި

ޣައްޒާގައި ކާބޯތަކެތީގެ ތަދުމަޑުކަމެއް ކުރިމަތިވެފައިވާ ކަމަށް ރަސްމީކޮށް އިޢުލާންކޮށްފި

ޣައްޒާގައި ކާބޯތަކެތި ލިބިގަތުމަށް އެއްވެފައި ތިބި މީހުން.

farudhun logo

ފަރުދުން

23 އޯގަސްޓު 2025، 01:47

23 އޯގަސްޓު 2025، 01:47

ޣައްޒާގައި ކާބޯތަކެތީގެ ދަތިކަން އިތުރުވަމުން އަންނަ މިދަނޑިވަޅުގައި، އ.ދ. އިން އިޢުތިބާރުކުރާ ޖަމްޢިއްޔާއެއް ކަމުގައިވާ އައި.ޕީ.ސީ. އިން، ޣައްޒާގައި ކާބޯތަކެތީގެ ތަދުމަޑުކަމެއް ކުރިމަތިވެފައިވާކަމަށް ރަސްމީކޮށް ކަނޑައަޅައިފިއެވެ. އިންޓަގްރެޓެޑް ފުޑް ސެކިއުރިޓީ ފޭސް ކްލެސިފިކޭޝަން (އައި.ޕީ.ސީ.) އިން ބުނީ، ޣައްޒާގެ އުތުރުގެ ސަޙަރައްދުތަކުގައި އޮތީ ޢާންމުވެފައިވާ ތަދުމަޑުކަމެއް ކަމަށާއި، ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ މެދުތެރެ އަދި ދެކުނުގެ ސަރަޙައްދުތަކަށް މިޙާލަތު ފެތުރިގެން ދާނޭ ކަމަށް ބެލެވޭ ކަމުގައެވެ. މިކަމުގެ ސަބަބުން، ޣައްޒާގައި ދިރިއުޅޭ ބައި މިލިޔަނެއް ހައި މީހުން ބަނޑުހައިހޫނުކަމުގެ އަނދަވަޅުގެ ތުންފަތް މަތީގައި ވާ ކަމަށް ވެސް އެޖަމްޢިއްޔާ އިން ހާމަކުރިއެވެ.

ޣައްޒާއަށް ޔަހޫދީން ދެމުން އަންނަ ޢުދުވާނީ ޙަމަލާތަކާއެކު، ކާބޯތަކެއްޗާއި، އެހެނިހެން ޟަރޫރީ ތަކެތި އެތެރެކުރުން އެމީހުން ވަނީ މަނަޢަކޮށްފައެވެ. ވުމާއެކު، ކާބޯތަކެތީގެ ދަތިކަމުގެ ސަބަބުން ބަނޑަށް ޖެހި ޝަހީދުވާ މީހުންގެ ޢަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މި އޮގަސްޓު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ސަބަބުން 271 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި 112 ކުޑަކުދީން ހިމެނިގެންވެއެވެ.

އައި.ޕީ.ސީ. އިން ހާމަކުރި ގޮތުގައި، ޣައްޒާގެ ބައި މިލިޔަނަށް ވުރެ ގިނަ މީހުންނަކީ އައި.ޕީ.ސީ. ނިޡާމުގެ ބަނޑުހައިހޫނުކަމުގެ މިންގަނޑުން ބަލާނަމަ ފަސްވަނަ މަރުޙަލާގައި ތިބި މީހުންނެވެ. އެއީ ބަނޑުހައިހޫނުކަމުގެ އެންމެ ގޯސް ދަރަޖައެވެ. މަރުޙަލާ ފަހެއްގައި ބަޔާންކޮށްފައިވާ ގޮތުން، އާބާދީގެ ބޮޑުބަޔަކީ ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންދާ އަދި ކާޑުބަލިޖެހިފައިވާ މީހުންނެވެ. އިތުރު 1.07 މިލިޔަން މީހުން، ނުވަތަ ޣައްޒާގެ އާބާދީގެ 54 އިންސައްތަ މީހުންނަކީ އައި.ޕީ.ސީ. މަރުޙަލާ 4 ގައި ތިބި މީހުންނެވެ. އަދި 396،000 މީހުން، ނުވަތަ ޣައްޒާގެ އާބާދީގެ 20 އިންސައްތަ މީހުންނަކީ އައި.ޕީ.ސީ. ގެ މަރުޙަލާ 3 ގައި ތިބި މީހުންނެވެ.

ހިނގަމުންދާ އޮގަސްޓު މަހުގެ މެދުތެރެއިން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު އިތުރަށް ގޯސްވެގެން ދާނޭ ކަމަށް އައި.ޕީ.ސީ. އިން ލަފާކޮށްފައިވެއެވެ. މިގޮތުން، ޣައްޒާގެ މެދުތެރޭ ސަރަޙައްދެއް ކަމަށްވާ ދީރުލް ބަލާޙް އާއި ދެކުނުގައި އޮންނަ ޚާން ޔޫނިސް އަށް ބަނޑުހައިހޫނުކަމުގެ ޙާލަތު ފެތުރިގެން ދާނޭ ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޣައްޒާގެ ޖުމްލަ އާބާދީގެ ތިންބައިކުޅަ އެއްބައި، ނުވަތަ 641،000 މީހުން، އައި.ޕީ.ސީ. މަރުޙަލާ 5 ގެ ޙާލަތުގައު ތިބޭނޭ ކަމަށް އައި.ޕީ.ސީ. އިން ވަނީ އިންޛާރުދީފައެވެ. އަދި މަރުޙަލާ 4 ގައި ތިބި މީހުންގެ ޢަދަދު 1.14 މިލިޔަނަށް ނުވަތަ އާބާދީގެ 58 އިންސައްތައަށް އިތުރުވާނޭ ކަމަށް ވެސް އެޖަމްޢިއްޔާއިން އަންދާޒާކޮށްފައިވެއެވެ. މިއީ 21 ޖަމްޢިއްޔާއެއްގެ ބައިވެރިވުމާއެކު، އައި.ޕީ.ސީ. އިން ޣާއްޒާގެ ބަނޑުހައިހޫނުކަމުގެ ޙާލަތު ތަޙްޤީޤުކުރާން ފެށީއްސުރެ، ޣައްޒާގެ ޙާލަތު އެންމެ ގޯސްވެފައިވާ ދަނޑިވަޅެވެ.

އ.ދ. ގެ ސެކެޓްރީ ޖެނެރަލް، އެންތޯނިއޯ ގުތޭޚެޝް ވިދާޅުވީ، ޣައްޒާއަށް ކުރިމަތިވެފައިވާ ތަދުމަޑުކަމުގެ ޙާލަަތަކީ އިންސާނުން ޤަޞްދުގައި ކުރިމަތިކުރުވާފައިވާ ޙާލަތެއް ކަމުގައެވެ. އެއީ އިންސާނިއްޔަތު ނާކާމިޔާބު ވެފައި (ފޭލްވެފައި) ވާ ކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ވަނީ ޞިފަކުރައްވައިފައެވެ. ޢާންމުވެފައިވާ ބަނޑުހައިހޫނުކަމަކީ ހަމައެކަނި ކާބޯތަކެއްޗާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި އެއީ އިންސާނުން ދިރިހުރުމަށް ބޭނުންވާ މުހިންމު ނިޡާމުތައް ގަޞްދުގައި ފުނޑުފުނޑުކޮށްލުން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ޣައްޒާގައި ބަނޑަށް ޖެހުމުގެ ސަބަބުން ނިޔާވަމުންދާ ފަރާތްތަކުގެ ޙާލަތު ފާހަގަކުރައްވަމުން ގުތޭޙެޝް ވިދާޅުވީ، މިކަމާ މެދު ފިޔަވަޅު އެޅުމުގެ ވާޖިބު އެބައެއްގެ ބޮލުގައި އެޅިފައިވާ މީހުންނަށް އެދެވޭ ފިޔަވަޅެއް އެޅިފައި ނުވާ ކަމުގައެވެ.

ގުތޭޚެޝް އިތުރަށް ވިދާޅުވީ، އިސްތިޢުމާރީ ބާރެއްގެ ގޮތުގައި ޔަހޫދީން އޮވެ، ޣައްޒާގެ ރައްޔިތުން ބެލެހެއްޓުމަށް ޔަހޫދީންގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން ކޮންމެހެން ލާޒިމުވާ ކަންތައްތަކެއް ވާ ކަމަށެވެ. މިކަންކަމުގެ ތެރޭގައި ޣައްޒާގެ އާބާދީއަށް ބޭނުންވާ ކާބޯތަކެއްޗާއި ބޭސްފަރުވާ ފޯރުކޮށްދިނުން ހިމެނޭ ކަމަށް އޭނާ ފާހަގަކުރެއްވި ނަމަވެސް، މިކަންކަން ފޯރުކޮށްދިނުމަށް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. ގުތޭޚެޝް ވިދާޅުވީ، ޣައްޒާގައި މިހާރު އެއޮތް ޙާލަތު އެގޮތުގައި ދެމި އޮތުމަށް ފުރުޞަތު ދެވިގެން ނުވާނޭ ކަމަށާއި، ޔަހޫދީންގެ އިޖުރާމީ ޢަމަލުތައް ކުށްވެރިކޮށް، ފިޔަވަޅު އަޅަންވީ ވަޤުތަކީ މިއީ ކަމުގައެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި، އިންސާނީ އެހީގެ ސާމާނު ބަރުކޮށްފައިވާ އެތައް ސަތޭކަ ލޮރީއެއް ޔަހޫދީންގެ ސަބަބުން ޣައްޒާއަށް ނުވަދެވި އިމުގެ ސަރަޙައްދުގައި މަޑުކޮށްގެން ހުރި ކަމަށް އ.ދ. ގެ އިންސާނީ އެހީ ފޯރުކޮށްދިނުމާ ބެހޭ އިދާރާގެ އިސްވެރިޔާ، ޓޮމް ފްލެޗަރ ވަނީ ވިދާޅުވެފައެވެ. ޓޮމް ވިދާޅުވީ، ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެހެމުންދަނީ ކާބޯތަކެތި ހުރި ސަރަޙައްދުތަކާ ވަރަށް ކައިރީގައި ކަމަށެވެ. އޭނާ ވަނީ ޣައްޒާއަށް ޖައްސާފައިވާ ޙާލަތު ވަޤުތުން ވަޤުތަށް ނައްތާލައި، އިންސާނިއްޔަތަށްޓަކައި ޣައްޒާއަށް އެހީގެ ސާމާނު ވެއްދޭނެގޮތް މަގުފަހިކޮށްދިނުމަށް، ޔަހޫދީންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލައްވައިފައެވެ.

ޔޫ.އެން.އާރް.ޑަބްލިޔު.އޭ. އިން މަޢުލޫމާތުދީފައިވާ ގޮތުގައި، މިޞްރާއި އުރުދުނުގައި ހުރި އެޖަމްޢިއްޔާގެ ގުދަންތަކުގައި 6،000 ލޮރީ ފުރާލެވޭ ވަރަށް ކާބޯތަކެއްޗާއި ބޭސްފަރުވާގެ ސާމާނު އެބަހުއްޓެވެ. ނަމަވެސް މިތަކެތި އެތެރެނުކުރެވެނީ، ޔަހޫދީން އެކަމަށް ހުރަސްއެޅުމުގެ ސަބަބުންނެވެ.

ޔަހޫދީން ޣައްޒާއަށް ކުރިމަތިކުރުވަމުން ގެންދާ ލާއިންސާނީ ޙާލަތާ މެދު އެމީހުންގެ ބަސްބުނުންތަކުގައި ފުށުއެރުމެއް ވެއެވެ. މިގޮތުން، ޣައްޒާގައި ބަނޑުހައިހޫނުކަމުގެ ޙާލަތެއް ނެތް ކަމަށް މިދިޔަ ހަފުތާ ގައި ނަތަންޔާހޫ ބުނި ނަމަވެސް، ކާބޯތަކެތި ވެއްދުން މަނަޢަކުރަނީ އެއީ "ހަނގުރާމައިގެ ހަތިޔާރަ"ކަށް ވާތީ ކަމަށް ޔަހޫދީން މިހާރު ބުނެއެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބްލިޔު.އެޗް.އޯ. ގެ ޑިރެކްޓަރ ޖެނެރަލް، ތެދްރޮސް އަދަނޮމް ގެބްރިއޭސުސް ވިދާޅުވީ، ޣައްޒާއަށް ޢަމްދުގައި ކުރިމަތިކުރުވާފައިވާ ތަދުމަޑުކަމުގެ ޙާލަތުގެ ސަބަބުން، ބޭރަށް ހިންގުން ފަދަ ޢާދައިގެ ބަލިތައް ވެސް ނުރައްކާތެރި ބަލިތަކަކަށް ވެފައިވާ ކަމަށެވެ. މި ފަދަ ބަލިބަލީގެ ނުރައްކާ ޚާއްޞަގޮތެއްގައި ކުޑަކުދީންނަށް އިތުރު ކަމުގައި އޭނާ ވިދާޅުވިއެވެ. އޭނާ ވެސް ވަނީ މިހާރުން މިހާރަށް ޣައްޒާއަށް އެހީގެ ސާމާނު ވެއްދުމަށް މަގުފަހިކުރުމަށް ޔަހޫދީންނަށް ގޮވާލައްވައިފައެވެ.

އިސްރާއީލުން ބޮން އެޅުމުގެ ސަބަބުން، މިއަދު ފަތިހު ވެސް ޣައްޒާގައި 24 މީހުން ޝަހީދުވެފައިވެއެވެ. މިޢަދަދުގައި 4 ކުޑަކުދީން ހިމެނެެވެ. މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަނޑަށް ޖެހުމުގެ ސަބަބުން އިތުރު 2 މީހަކު ދުނިޔެއިން ވަކިވެފައިވާ ކަމަށް ވެސް މީޑިޔާ ތަކުން ރިޕޯޓުކޯށްފައިވެއެވެ. މިއާއެކު، އިސްރާއީލުން ޝަހީދުކޮށްލި ފަލަސްޠީނީންގެ ޢަދަދު 62،263 އަށް ވަނީ އަރައިފައެވެ. އަދި ޒަޚަމުވީ މީހުންގެ ޢަދަދު 157،365 އަށް ވަނީ އުފުލިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން