ދުނިޔެ
އަސީރުން މަރުވިޔަސް، ތާއީދުކުރަނީ ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށް: އިސްރާއިލްގެ ވަޒީރު

އިސްރާއިލްގެ ވަޒީރު އޯރިޓް ސްޓްރޯކް
އަސީރުން މަރުވިޔަސް، ތާއީދު ކުރާނީ ހަނގުރާމަ ހުއްޓާނުލާ ކުރިއަށް ގެންދިޔުމަށްކަމަށް އިސްރާއިލްގެ އާބާދީއާ ބެހޭ ވަޒީރު އޯރިޓް ސްޓްރޯކް ބުނެފިއެެވެ.
އިސްރާއިލްގެ އާބާދީއާ ބެހޭ ވަޒީރު އޯރިޓް ސްޓްރޯކް ބުނެފައިވަނީ ޣައްޒާގައި ހިފެހެއްޓިފައިވާ އަސީރުން މަރުވާން ޖެހުނު ނަމަވެސް، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ކެބިނެޓުގައި ވޯޓު ދޭނެކަމަށެވެ. އޭނާގެ މި ބަސްތަކާ ގުޅިގެން އަސީރުންގެ އާއިލާތަކުގެ ފަރާތުން ވަނީ އެ ބަސްތައް ކުށްވެރިކޮށް ވަރަށް ބޮޑަށް ވަޒީރު އޯރިޓްއަށް ފާޑުކިޔައިފައެވެ.
"ކޯލް ބަރާމާ" ރޭޑިއޯއަށް ދިން ބަސްތީގަތުމެއްގައި އޯރިޓް ބުނެފައިވަނީ ހަމާސްއިން އަސީރުން މަރާލާނެކަން ޔަޤީންވި ނަމަވެސް، ހަނގުރާމަ ކުރިއަށް ގެންދިއުމަށް ވޯޓު ދޭނެ ކަމަށެވެ. އަދި އަސީރުންގެ ފުރާނައިގެ އަގުގައި ހަނގުރާމަ ކުރިއަށް ގެންދިއުމަށް ވޯޓު ދޭނީ އޭނާ އެކަނި ނޫންކަމަށް އޯރިޓް ވަނީ ބުނެފައެވެ.
އިސްރާއީލުގެ އަންދާޒާތަކުން ދައްކާ ގޮތުގައި މިވަގުތު ޣައްޒާގައި އިސްރާއިލްގެ 50 އަސީރުން އެބަތިއްބެވެ. އޭގެ ތެރެއިން 20 މީހުން ދިރި ތިބި ކަމަށް ބެލެވެއެވެ. އެހެންނަމަވެސް، އިސްރާއީލުގެ ޖަލުތަކުގައި 10،800 އަށްވުރެ ގިނަ ފަލަސްތީނު އަސީރުން ބަންދުކޮށްފައި ތިބި ކަމަށް އިންސާނީ ޙައްޤުތަކުގެ ޖަމާއަތްތަކުން ބުނެއެވެ.
އަސީރުންގެ އާއިލާތަކުގެ ކޮމިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ ސަރުކާރުންނާއި ވަޒީރު ސްޓްރޯކް ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށެވެ. އަދި އިސްރާއީލުގެ 80 އިންސައްތަ ރައްޔިތުން ބޭނުންވަނީ ހަނގުރާމަ ހުއްޓާލައިގެން ނަމަވެސް އަސީރުން ގެއަށް ގެނައުމަށް ކަމަށް ފާހަގަކޮށްފައިވެއެވެ.
މި ދަނޑިވަޅުގައި، އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި އަސީރުން ދޫކޮށްލުމަށް މިޞްރު، ޤަޠަރު އަދި އެމެރިކާގެ މެދުވެރިކަމާއެކު މަސައްކަތްތަކެއް ކުރެވެމުންދެއެވެ. ހަމާސްއިން ހުށަހެޅި އައު ހުށަހެޅުމަކަށް އިސްރާއީލުން ރުހުން ދީފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކުރެވިފައެވެ.