ދުނިޔެ
ޣައްޒާ ހިފުމަށް އިސްރާއިލުން ހަނގުރާމައިގެ ޕްލޭން ފަށައިފި

އިސްރާއިލް ސިފައިންގެ ބަޔަކު ހަތިޔާރާއިއެކު ހަރަކާތްތެރިވަނީ ނ
ޣައްޒާ ހިފުމަށް އިސްރާއިލުން ހަނގުރާމައިގެ ޕްލޭން ފަށައިފިއެވެ.
ޣައްޒާ ހިފުމަށް އިސްރާއިލުން ފަށައިފައިވާ އޮޕަރޭޝަނަށް ނަންދީފައިވަބނީ "ގިޑިއަން 2" ގެ ނަމުންނެވެ. މި އޮޕަރޭޝަނަށް 60،000 އަށްވުރެ ގިނަ ވަގުތީ ސިފައިން ގޮވާލާފައިވާ ކަމަށް އިސްރާއިލްގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ.
އިސްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މިއަދު ދެކުނު ސަރަހައްދަށް ޒިޔާރަތްކޮށް، ޣައްޒާ ސިޓީ ހިފުމުގެ ޕްލޭން ފާސްކުރުމަށް ހަމަޖެހިފައިވާ ކަމަށް އިޒްރޭލުގެ ޗެނަލް 12 އިން ހާމަކޮށްފައިވެއެވެ. ނަތަންޔާހޫގެ އޮފީހުން ބުނެފައިވަނީ ހަމާސް ހަރަކާތުގެ މައި މަރުކަޒުތައް "ކޮންޓްރޯލް ކުރުމާއި ބަލިކުރުމަށް" ނަގާނެ ވަގުތު މަދުކޮށްފައިވާ ކަމަށެވެ.
ނިއުޔޯކް ޓައިމްސްއަށް އިސްރާއިލުގެ ސިފައިންގެ އިސް އޮފިޝަލަކު ބުނެފައިވަނީ، މި އޮޕަރޭޝަނަކީ "ޣައްޒާ ސިޓީއާއި އޭގެ ވަށައިގެންވާ ސަރަހައްދުތަކުގައި ހިންގާ ފަރުވާތެރި، ދަރަޖަކުރެވިފައިވާ އަދި ވަކި ލަނޑުދަނޑިތަކަކަށް އަމާޒުކުރެވިފައިވާ" އޮޕަރޭޝަނެއް ކަމަށެވެ.
ހަމާސް ހަރަކާތުން މި އޮޕަރޭޝަނާ މެދު ކަންބޮޑުވުން ފާޅުކޮށް، މިއީ "22 މަސްދުވަހަށްވުރެ ގިނަ ދުވަހު ކުރިއަށްދާ ނައްތާލުމުގެ ހަނގުރާމައިގެ އިތުރު ފިޔަވަޅެއް" ކަމަށް ބުނެފައިވެއެވެ. އަދި މިއީ ހަނގުރާމަ ހުއްޓުވުމަށާއި އަސީރުން ދޫކޮށްލުމަށް މެދުވެރިން ކުރަމުންދާ މަސައްކަތްތަކަށް ނަތަންޔާހޫ ދޭ އަހައްމިއްޔަތުކަން ކުޑަކަން ދައްކުވައިދޭ ކަމެއް ކަމަށްވެސް ހަމާސްއިން ބުނެފައިވެއެވެ.
އިސްރާއިލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މިހާރު "ޣައްޒާ ސިޓީގެ ބޭރު ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ" ކަމަށާއި، ހަމާސްގެ އަސްކަރީ ފަޅި ކަމަށްވާ އަލް-ޤައްސާމް ބްރިގޭޑްސްގެ މައި މަރުކަޒުތަކަށް ހަމަލާދިނުން އިތުރުކުރާނެ ކަމަށެވެ.
މީގެ އިތުރުން، ޒައިތޫން ސަރަހައްދުގައި ވޭތުވެދިޔަ ދުވަސްތަކުގައި 450 އަށްވުރެ ގިނަ ގެދޮރާއި އިމާރާތް ހަލާކުކޮށްލާފައިވާ ކަމަށް ޣައްޒާގެ ސިވިލް ޑިފެންސްއިން ހާމަކޮށްފައިވެއެވެ.