ދުނިޔެ

ރަނގަޅު ކާނާ ނުލިބިފައި ޣައްޒާގައި 40،000 ޅަކުދީން

ރަނގަޅު ކާނާ ނުލިބިފައި ޣައްޒާގައި 40،000 ޅަކުދީން

ޣައްޒާގައި، ބަނޑަށް ޖެހުމުގެ ސަބަބުން އަނަރޫފަވެފައިވާ ކުއްޖެއް

farudhun logo

ފަރުދުން

17 އޯގަސްޓު 2025، 02:20

17 އޯގަސްޓު 2025، 02:20

ޣައްޒާގައި ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ހަށިގަނޑު ނިކަމެތިވެފައިވާ ކަމަށް ރެކޯޑު ކުރެވިގައިވާ ޅަކުދީންގެ ޢަދަދު 40،000 އަށް އަރާފައިވާ ކަމަށް ޣައްޒާގެ ރަސްމީ މީޑިޔާ އިދާރާއިން މިއަދު ހާމަކޮށްފިއެވެ. މިއެންމެހައި ކުދީންނަކީ 1 އަހަރުން ދަށުގެ ކުދީން ނުވަތަ "އިންފެންޓު"ންނެވެ. 1 އަހަރުން މަތީގެ ކުޑަކުދީންގެ ތެރެއިން ވެސް ގިނަ ކުދިން ބަނޑަށް ޖެހެމުން ދެއެވެ.

އިސްރާއީލުގެ އިޙްތިލާލުން 100،000 (އެއް ލައްކަ) އަށް ވުރެ ގިނަ ކުޑަކުދީންނާއި ބަލިމީހުން ޤަޞްދުގައި އަމާޒުކޮށްގެން ބަނޑަށް ޖައްސަމުން ދެއެވެ. އަދި އެއްގަމުމަހާއި، ކަނޑުމަހާއި، އެހެނިހެން އަސާސީ ކެއިންބުއިމުގެ ސާމާނު އެތެރެކުރުން މަނާ ކުރަމުން ދެއެވެ.

ޣައްޒާގެ މީޑިޔާ އިދާރާގެ ރަސްމީ ޓެލެގްރާމް ގައި މިއަދު ޙިއްޞާކޮށްފައިވާ ބަޔާނުގައި ވެއެވެ.

މިބަޔާނުގައި ބުނެފައިވާ ގޮތުން، އ.ދ. އާއި ދުނިޔޭގެ ބޮޑެތި މުއައްސަސާ ތަކުން އިސްރާއީލުގެ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް، އެކަމާ ދެކޮޅަށް އަޑުއުފުލަމުން ދިޔަ ނަމަވެސް، އެންމެ ކުޑަ މިނުން ޅަކުދީންނަށް ބޭނުންވާ ތަކެތި އެތެރެ ކުރުމުގެ ހުއްދަވެސް އިސްރާއީލުން ނުދެއެވެ. ޣައްޒާގެ މީޑިޔާ އޮފީހުން ބުނީ މިއީ މަޑުމަޑުން އެކުދީން ޤަތުލުކުރުމަށް އިސްރާއީލުން ރޭވި ރޭވުމެއް ކަމަށެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް ބަނޑުހައިހޫނުކަމުގެ ސަބަބުން 11 ފަލަސްޠީނު މީހުން ނިޔާވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިއާއެކު، ބަނޑަށް ޖެހުމުގެ ސަބަބުން މަރުވެފައިވާ ފަލަސްޠީނު މީހުންގެ ޖުމުލަ ޢަދަދު ވަނީ 251 އަށް އަރާފައެވެ. މީގެ ތެރޭގައި 108 ކުޑަކުދީން ހިމެނެއެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނެތަންޔާހޫ މިކަމާ މެދު ސުވާލުވެވުމުން، ޣައްޒާގައި ކާއެތިކަމުގެ ދަތިކަމެއް ނެތްކަމަށް ބުނެ، އެކަން އޭނާ ވަނީ ދޮގުކޮށްފައެވެ. "ބަނޑުހައިހޫނުކަމެއް މިހާރަކު ނެތް. ބަނޑުހައިހޫނުކަމެއް ކުރިއަކު ވެސް ނެތް. ބަނޑަށް ޖެއްސުމުގެ އުޞޫލެއް ނުގެންގުޅެން." މިދިޔަ ހަފްތާގައި މީޑިޔާތަކާ މުޚާޠަބުކުރަމުން ނެތަންޔާހޫ ބުންޏެވެ.

ފަލަސްޠީނު ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަދުމަޑުކަމަށް ނެތަންޔާހޫ އިންކާރު ކުރިޔަސް، އެކަމަކީ އެންމެނަށް ފެންނާން ހުރި ފާޅުކަން ބޮޑު ޙަޤީޤަތެކެވެ. އަދި ކިއެއްތަ: ބަނޑުހައިހޫނުކަމުގައި މަރުވި ފަރާތްތަކުގެ ތަފާސްޙިސާބުތަކާއި ބަނޑަށްޖެހިފައިވާ ފަރާތްތަކުގެ ތަފާސްޙިސާބުގައި ރިކޯޑު ކުރެވިފައިވާ ޢަދަދަކީ އަޞްލު ޢަދަދު ތަކަށް ވުރެ ބޮޑުތަނުން މަދު ޢަދަދުތަކެއް ކަމަށް އ.ދ. އިން ވަނީ ލަފާކޮށްފައެވެ.

ޣައްޒާގެ ރައްޔިތުން ބަނޑަށް ޖެއްސުމުގެ އިތުރުން، ޣައްޒާގެ ޢުމްރާނީ ބިނާތަކަށް ބޮޑެތި ގެއްލުންތަކެއް އިސްރާއީލުން ވަނީ ދީފައެވެ. މިގޮތުން، ޣައްޒާގެ މީޑިޔާ އިދާރާއިން މިއަހަރުގެ ކުރީކޮޅު ހާމަކޮށްފައިވާ ގޮތުގައި، ޣައްޒާގެ ޢިމާރާތްތަކުގެ ގާތްގަނޑަކަށް 90% ވަނީ މުޅީން ފުނޑުފުނޑުވެފައެވެ. މިކަމުގެ ސަބަބުން އެތައް ބަޔަކު ފޭލިގެތަކުގައި ދިރިއުޅެން މަޖުބޫރުވެފައިވާ އިރު، އަނެއް ބަޔަކު ދިރިއުޅުމަށް ފޭލިގެއެއް ވެސް ނުލިބެއެވެ.

ޣައްޒާއަށް ޙަމަލާ ދިނުމުގައި އިސްރާއީލުގެ ހަމައެއް ލަމައެއް ނޯވެއެވެ. ބަލިމީހުންނާއި، މުސްކުޅީންނާއި، ކުޑަކުދީންނަށް ވެސް ޙަމަލާތައް އަމާޒުކުރެއެވެ. ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ވެސް ޣައްޒާގައި ހުންނަ އަލްއަހްލީ ހޮސްޕިޓަލަށް އިސްރާއީލުން ވަނީ ބޮން އަޅާފައެވެ. މިކަމުގެ ސަބަބުން 7 މީހުން ޝަހީދުވެފައިވެއެވެ. އަދި އެތައް ބަޔަކަށް ޒަޚަމުވެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން