ދުނިޔެ

ސޯލްގެ ޕާކެއްގައި ހޮލޮގްރާމް ފުލުހުންގެ ހިދުމަތް: ކުށްކުރުން %22 ދަށްވެއްޖެ!

ސޯލްގެ ޕާކެއްގައި ހޮލޮގްރާމް ފުލުހުންގެ ހިދުމަތް: ކުށްކުރުން %22 ދަށްވެއްޖެ!

ސޯލްގެ ޕާކުގައި ހުންނަ ހޮލޮގްރާމް ފުލުސް މީހާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

17 އޯގަސްޓު 2025، 01:16

17 އޯގަސްޓު 2025، 01:16

ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ ބާރުބޮޑު އަވަށެއްގައި ކުށްކުރުން ހުއްޓުވުމަށް އާދަޔާޚިލާފު ގޮތަކަށް ހޮލޮގްރާމް ފުލުސް އޮފިސަރެއް ތަޢާރަފްކޮށްފިއެވެ. މި މަޝްރޫޢަކީ ރައްޔިތުންގެ ސަލާމަތީ އިހުސާސް އިތުރުކުރުމަށް ފުލުހުން ކުރަމުންދާ ތަޖުރިބާއެކެވެ.

ސޯލްގެ ޖޯޑޮންގް ނަންބަރު 3 ޕާކަށް ކޮންމެ ހަވީރެއްގެ 7:00 އިން ރޭގަނޑު 10:00 އާ ދެމެދު ޒިޔާރަތްކުރާ މީހުންނަށް، 170 ސެންޓިމީޓަރަށް ވުރެ ދިގު، ޔުނިފޯމް އަޅާފައިވާ ފުލުސް އޮފިސަރެއް ފެނެއެވެ. ފުރަތަމަ ފެނުމަށް މީހަކު ކަމަށް ހީވި ނަމަވެސް، މިއީ ހަގީގަތުގައި 3ޑީ ހޮލޮގްރާމެކެވެ. މި ހޮލޮގްރާމްގެ މައިގަނޑު މަގުސަދަކީ ކުއްލި ހާލަތެއްގައި ފުލުހުންގެ އެހީތެރިކަން އަވަހަށް ލިބޭނެކަން ހަނދާންކޮށްދީ، ނަފްސާނީ ހަމަޖެހުމެއް ފޯރުކޮށްދިނުމުގެ އިތުރުން ކުށްކުރުން ހުއްޓުވުމެވެ.

މި ހޮލޮގްރާމް އޮފިސަރު ތައްޔާރުކޮށްފައިވަނީ ހޮލޮގްރާމް މެޓީރިއަލްސް ތައްޔާރުކުރުމަށް ހާއްސަވެފައިވާ ދެކުނު ކޮރެއާގެ ޓެކްނޮލޮޖީ ކުންފުންޏެއް ކަމަށްވާ ހޮލޮގްރަފިކާ އިންނެވެ. މިދިޔަ އޮކްޓޯބަރު މަހު ޕާކުގައި މި ސިސްޓަމް ތަޖުރިބާކުރުމުގެ ގޮތުން ބަހައްޓާފައިވާއިރު، މިހާރުވެސް ވަނީ އުންމީދީ ނަތީޖާތަކެއް ދައްކާފައެވެ. ސަރަހައްދީ އޮފިޝަލުން ހާމަކުރެއްވި މައުލޫމާތުތަކުން ދައްކާ ގޮތުގައި، ހޮލޮގްރާމް ބެހެއްޓި ފަހުން ޕާކުގައި ރިޕޯޓްކޮށްފައިވާ ކުށްތައް 22 އިންސައްތައަށް ދަށްވެފައިވެއެވެ.

ޖުންގްބޯ ފުލުހުންގެ ސްޓޭޝަންގެ ޗީފް އޮން ޑޮންގް ހުއާން ވިދާޅުވީ މިއީ ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށެވެ. "ހޮލޮގްރާމް ސައިންއަކީ ރައްޔިތުންނަށް ދެވޭ ރައްކާތެރިކަން އިތުރުކޮށް، ގޯސް ކަންކަން ހުއްޓުވުމަށް އެހީތެރިވެދޭ ސްމާޓް ސެކިއުރިޓީ އާލާތެއް،" އޮން ޑޮންގް ހުއާން ވިދާޅުވިއެވެ. އަދި އޭނާ އިތުރަށް ވިދާޅުވީ، ފުލުހުންގެ އަމާޒަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭ.އައި) ބޭނުންކޮށްގެން މިފަދަ ޓެކްނޮލޮޖީގެ ބޭނުން ފުޅާކުރުން ކަމަށެވެ. "އަޅުގަނޑުމެން ބޭނުންވަނީ ރައްޔިތުންނަށް ސަލާމަތްތެރިކަން އިހުސާސް ކުރެވޭނެ ޕާކްތައް އުފެއްދުން."

ސޯލް މެޓްރޮޕޮލިޓަން ފުލުހުންގެ އެޖެންސީން ހާމަކުރެއްވި ގޮތުގައި، ހޮލޮގްރާމަށް ކުށްވެރިން ހައްޔަރުނުކުރެވުނަސް، ހޮލޯގްރާމެއް ހުރުމުން އެކަނިވެސް ކުށްކުރުން ހުއްޓުވާ ވަސީލަތެއްގެ ގޮތުގައި މަސައްކަތްކުރެއެވެ. ފުލުސް އޮފިސަރެއްގެ ސިފަ ހުރި ކޮންމެ ކަމަކުންވެސް، އެއީ ހަގީގީ މީހެއްކަމުގައި ވިޔަސް ނުވަތަ ނޫންކަމުގައި ވިޔަސް، ސަމާލުކަމުގެ އިހުސާސެއް އުފައްދައެވެ. އެތައް ރައްޔިތުންނަށް ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ސަރަހައްދު މޮނިޓަރ ކުރެވޭ ކަމުގެ ހިތްހަމަޖެހުން ލިބެއެވެ.

ނަމަވެސް، މި މަޝްރޫޢަށް އާންމުންގެ އެކި ރައްދުތައް ވަނީ ލިބިފައެވެ. ބައެއް މީހުން މިފަދަ މަސައްކަތްތަކަށް ތަޢުރީފުކޮށް، ޓެކްނޮލޮޖީއާއި އާންމު ރައްކާތެރިކަން އެއްކުރުމަށް އީޖާދީ ގޮތެއް ކަމަށް ސިފަކޮށްފައިވެއެވެ. ނަމަވެސް، އަނެއް ބަޔަކު މިކަން އެހާ ބޮޑަށް ގަބޫލުކޮށްފައެއް ނުވެއެވެ. އޮންލައިން ކޮމެންޓްތަކުގައި ބައެއް މީހުން މި ހޮލޮގްރާމަށް "ޣައިބުގައިވާ ފުލުހެއް" ކަމަށް ބުނެފައިވެއެވެ. އަދި ބައެއް މީހުން ޖޯކަކަށްހަދާ ބުނެފައިވަނީ، ހޮލޮގްރާމް ފެނިގެން މީހުން ޕާކަށް ދާން ބިރުގަންނަނީމާ ކުށްކުރުން މަދުވީ ކަމަށެވެ. ކޮމެންޓްކުރި މީހަކު ލިޔެފައިވަނީ، "މިއީ ކޮން ބޭކާރު ކަމެއްތަ؟ ޣައިބުގައިވާ ފުލުހެއް މިތަނުގައި ހަރަކާތްތެރިވަނީ، އެމީހުން ކޮންކަހަލަ ވިސްނުމެއްތަ ގެންގުޅެނީ؟"

މިފަދަ ޝައްކުތައް ހުރި ނަމަވެސް، މި ޕްރޮގްރާމުން ދައްކުވައިދެނީ ދެކުނު ކޮރެއާއިން ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމަށް އެޑްވާންސްޑް ޓެކްނޮލޮޖީ ބޭނުންކުރުމަށް ދެމުންދާ ސަމާލުކަމެވެ. އޮފިޝަލުން ގަބޫލުކުރައްވާ ގޮތުގައި، މިފަދަ ވަސީލަތްތައް ސާރވައިލެންސް ކެމެރާތަކާއި  ފުލުހުންގެ މަސައްކަތާ ގުޅިގެން އާންމު ތަންތަން ސަލާމަތީ ތަންތަންގޮތުގައި ބަދަލުކުރުމަށް އެހީވެދެއެވެ.


                    

Ads by MSS

މި ލިޔުން ކިޔާލުމުން