ދުނިޔެ

"ފަލަސްތީން އެކްޝަން" ހަރަކާތަށް އެހީތެރިވެދިން 60 މީހަކު އިނގިރޭސި ފުލުހުން ޝަރީޢަތައް ގެންދަނީ

"ފަލަސްތީން އެކްޝަން" ހަރަކާތަށް އެހީތެރިވެދިން 60 މީހަކު އިނގިރޭސި ފުލުހުން ޝަރީޢަތައް ގެންދަނީ

އިނގިރޭސި ވިލާތުގައި ހިންގި އިޙްތިޖާޖަކުން މީހުން ހައްޔަރުކުރަނީ---

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

16 އޯގަސްޓު 2025، 03:07

16 އޯގަސްޓު 2025، 03:07

އިސްރާއީލާ ދެކޮޅު "ފަލަސްތީން އެކްޝަން" ހަރަކާތަށް އެހީތެރިވެދިނުމުގެ ތުހުމަތުގައި މަދުވެގެން 60 މީހަކާމެދު ޝަރީއަތް ކުރިއަށް ގެންދިއުމަށް އިނގިރޭސި ފުލުހުން ނިންމައިފިއެވެ. 

އިނގިރޭސި ފުލުހުން ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ މީހުންނާމެދު ތަހުޤީޤުކޮށް، ބޭނުންވެއްޖެ ހާލަތެއްގައި ހަފްތާއަކު އެއްފަހަރު ޝަރީއަތަށް ހުށަހެޅޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.

މިދިޔަ ޖުލައި މަހުގެ ކުރީކޮޅު "ޓެރަރިސްޓް ޖަމާއަތެއް" ގެ ގޮތުގައި ކަނޑައަޅައި މަނާކުރި "ފަލަސްތީން އެކްޝަން"އަށް ތާއީދުކުރާ 700 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ.

 މީގެ ތެރޭގައި މިދިޔަ ހަފްތާގައި ބޭއްވުނު އިހްތިޖާޖެއްގައި ހައްޔަރުކުރެވުނު 522 މީހުން ހިމެނެއެވެ. މިއީ ލަންޑަންގައި އެއް އިހްތިޖާޖަކުން އެންމެ ގިނަ މީހުން ހައްޔަރުކުރެވުނު ރެކޯޑެއް ކަމަށް ބެލެވެއެވެ.

ޕްރޮސެކިއުޝަން ސަރވިސްގެ ޑިރެކްޓަރ ސްޓީވެން ޕާކިންސަން ވިދާޅުވެފައިވަނީ، ފަހުގެ އިހްތިޖާޖުތަކުގައި ހައްޔަރުކުރެވުނު ގިނަ އަދަދެއްގެ މީހުންނާ ގުޅޭގޮތުން އިތުރު ނިންމުންތައް ކުރިއަށް އޮތް ހަފްތާތަކުގައި އަންނާނެ ކަމަށެވެ. މި މަހުގެ ކުރީކޮޅު، ޖުލައި މަހު ބޭއްވުނު އިހްތިޖާޖެއްގައި ހައްޔަރުކުރެވުނު ތިން މީހަކާ ދެކޮޅަށް ޓެރަރިޒަމްގެ ޤާނޫނުގެ ދަށުން ދައުވާ އުފުލާފައިވެއެވެ.

އިނގިރޭސި ފުލުހުން ބުނާ ގޮތުގައި މި ކުށްތަކަށް ސާބިތުވާ މީހުންނަށް 6 މަސް ދުވަހުގެ ޖަލު ހުކުމަކާއި އިތުރު އަދަބުތަކާ ކުރިމަތިލާން ޖެހިދާނެއެވެ. އެންމެ ފަހުން ކުރެވުނު ޖަމާއީ ހައްޔަރުތަކާ ގުޅިގެން، އެތެރޭގެ ވަޒީރު އިވެޓް ކޫޕަރ ވިދާޅުވެފައިވަނީ ޤައުމީ ސަލާމަތާއި އާންމު ރައްކާތެރިކަމަކީ އަބަދުވެސް އެންމެ އިސްކަމެއް ދޭންޖެހޭ ކަންކަން ކަމަށެވެ.

2020 ވަނަ އަހަރު އުފެދުނު "ފަލަސްތީން އެކްޝަން" އަށް އިތުރު ސަމާލުކަމެއް ލިބުނީ 2023 ގެ އޮކްޓޯބަރު 7 ން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރި ޢުދުވާނާ ގުޅިގެންނެވެ. މި ޖަމާއަތް މަނާކުރުމާ ގުޅިގެން އދ އާއި އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އަދި މި ހައްޔަރުތަކަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ނުރައްކަލެއް ކަމަށް ބުނެފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން