ދުނިޔެ
ޣައްޒާގެ އިންސާނީ އެހީގެ މަރުކަޒުތަކަކީ މަރުގެ އަނދަވަޅުތަކެއް: އ.ދ.

އ.ދ. އިން ހިންގަމުން ދިޔަ ޞިއްޙީ މަރުކަޒަކަށް އިސްރާއީލުން ޙަމަލާ ދީ ސުންނާފަތި ކުރުމުގެ ސަބަބުން ފަލަސްޠީނު މީހަކު މާޔޫސްވެފައި. ތާރީޚު: 6 އޮގަސްޓު 2025

ފަރުދުން
16 އޯގަސްޓު 2025، 12:33
16 އޯގަސްޓު 2025، 12:33
ޣައްޒާގައި ހުރި "އިންސާނީ އެހީ" ގެ މަރުކަޒުތަކަކީ މަރުގެ އަނދަވަޅުތަކެއް ކަމުގައި އ.ދ. އިން ތަކުރާރުކޮށް ބުނެފިއެވެ. އ.ދ. އިން އިންތިޡާމު ކޮށްގެން ކުރިއަށް ގެންދިޔަ 400 އެއް ހައި އެހީދޭ މަރުކަޒުތަކަށް މިއަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ބާރުފޯރުވައި، އެމަރުކަޒުތަކުގެ ބަދަލުގައި ޖީ.އެޗް.އެފް. ގެ 4 މަރުކަޒަކުން އެހީ ދޭން އިސަރާއީލުން ނިންމިއެވެ. ގާޒާ ހިޔުމެނިޓޭރިއަން ފައުންޑޭޝަން (ޖީ.އެޗް.އެފް) އަކީ އެމެރިކާ އާއި އިސްރާއީލުގެ "އެހީ" ގެ ދަށުން ހިންގޭ "އިންސާނީ" މުއައްސަސާއެކެވެ.
ޖީ.އެޗް.އެފް އިން އެހީ ދޫކުރުން ކުރިއަށް ގެންދަނީ ވަރަށް ކުޑަ ވަޤުތު ކޮޅަކަށް ތާވަލުކޯށްގެންނެވެ. މީޑިޔާ ތަކުން ރިޕޯޓު ކުރާ ގޮތުގައި، ބައެއް ދުވަސް ދުވަހު، އެންމެ 10 ވަރަކަށް މިނެޓަށް އެހީ ދޫކުރުން ހުޅުވާލައެވެ. މިކަން އިޢުލާނު ކުރަނީ ވެސް އެހީ ދޫކުރަން ފެށުމުގެ ކުޑަ ވަޤުތު ކޮޅެއް ކުރިންނެވެ. ނަތީޖާއެއްގެ ގޮތުން، ޖީ.އެޗް.އެފް. އިން ދޫކުރާ "އިންސާނީ އެހީ" ލިބިގަތުމަށް ފަލަސްޠީނު ރައްޔިތުން ތެޅިފޮޅިގަންނަން މަޖުބޫރުވެއެވެ. ނަމަވެސް، ފަަލަސްޠީނު ރައްޔިތުން އެހީ ބަލައި އަތުވުމުން، އޭގެ ތެރެއިން އެތައް ބަޔަކަށް، ޢާދައެއްގެ ގޮތުން، އިސްރާއީލުން ޙަމަލާ ދެއެވެ.
އ.ދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިދާރާއިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، މިއަހަރުގެ މެއި މަހުގެ ނިމޭ ކޮޅުން ފެށިގެން އަދާ ހަމައަށް، އެހީ ލިބިގަތުމަށް ދިޔަ 1760 އެއަހައި ފަލަސްޠީނީން އިސްރާއީލުން ޝަހީދުކޮށްފައިވެއެވެ. މިމަހުގެ 1 ވަނަ ދުވަހު އެޢަދަދު ހުރީ 1373 ގައެވެ. ވީމާ، މިއޮގަސްޓު މަސް ފެށުނީއްސުރެ އެހީލިބިގަންނަން ދިޔަ 387 އެއް ހައި މީހުން އިސްރާއީލުން ވަނީ ޤަތުލުކޮށްފައެވެ. މިކަން ހަރުކަށި ބަހުން ކުއްވެރިކުރައްވައި، މިއީ އިސްރާއީލުން ރާވައިގެން ތައްޔާރުކުރާ "މަރުގެ އަނދަވަޅުތަކެއް" ކަމަށް އ.ދ. ގެ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯރކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ.) ގެ ޗީފް، ފިލިޕް ލަޒަރިނީ، އެތައް ފަހަރެއްގެ މަތިން ވިދާޅުވެފައިވެއެވެ.
އެހީ ލިބިގަތުމަށް ދިޔަ ފަލަސްޠީނު މީހުން، ޝަހީދުވެފައިވާ ޢަދަދު، އޮގަސްޓު މަހުގެ ވަކިވަކި ބައެއް ދުވަސްތަކުގެ ތަފާސްޙިސާބު:
- 2 އޮގަސްޓު: 45 މީހުން
- 3 އޮގަސްޓު: 56 މީހުން
- 4 އޮގަސްޓު: 36 މީހުން
- 5 އޮގަސްޓު: 58 މީހުން
- 6 އޮގަސްޓު: 38 މީހުން
- 9 އޮގަސްޓު: 21 މީހުން
- 10 އޮގަސްޓު: 26 މީހުން
- 12 އޮގަސްޓު: 19 މީހުން
- 14 އޮގަސްޓު: 13 މީހުން
އިސްރާއީލުގެ ޢުދުވާނުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްޠީނު ރައްޔިތުންގެ ޖުމުލަ ޢަދަދު މިހާރު ވަނީ 61,827 އަށް އަރާފައެވެ. ޒަޚަމުވީ މީހުންގެ ޢަދަދު 155,275 އަށް ވަނީ އަރާފައެވެ.
ޣައްޒާގެ ޙުދޫދަށް ވަންނަ ޟަރޫރީ ތަކެތީގެ މައްޗަށް އިސްރާއީލުން ބާރުފޯރުވުމުގެ ސަބަބުން، ޣައްޒާގެ ސަރަޙައްދުގައި ބޮޑު ތަދުމަޑުކަމެއް ފާޅުވަމުން ދާނޭ ކަމަށް މާހިރުން އިންޛާރުދެއްވައެވެ. އިސްރާއީލުގެ ލާއިންސާނީ، ރަޙުމުކުޑަ، ނާޖާއިޒު ޢަމަލުތައް ދުނިޔޭގެ އިންސާނީ ޙައްޤުތަކާ ބެހޭ ބޮޑެތި މުއައްސަސާ ތަކުން ކުއްވެރިކުރަމުން ދިޔަ ނަމަވެސް، އިސްރާއީލުގެ އުނދަގޫތައް ދަނީ އިތުރަށް ބޮޑުވަމުންނެވެ.