ދުނިޔެ
ޕްލާސްޓިކްގެ ތަޣައްޔަރުވުން ހުއްޓުވުމުގެ މަޝްވަރާތައް ނާކާމިޔާބުވެއްޖެ: ދުނިޔެއަށް ބޮޑު ނާއުންމީދެއް

ޕްލާސްޓިކްގެ ތަޣައްޔަރުވުން ހުއްޓުވުމަށް އެއްބަސްވުމަށް ގޮވާލާ ބޭއްވުނު ހިނގާލުން
ދުނިޔޭގެ ފެންވަރުގައި ޕްލާސްޓިކްގެ ތަޣައްޔަރުވުން ހުއްޓުވުމަށް އެއްބަސްވުމަކަށް އައުމަށް ކުރިއަށް ގެންދިޔަ މަޝްވަރާތައް އެއްބަސްވުމަކާ ހަމައަށް ނުގޮސް ހުކުރު ދުވަހު ނިމުމަކަށް އައިސްފިއެވެ. ޕްލާސްޓިކްގެ މައްސަލަ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، މިކަމަށް ދުނިޔޭގެ ފެންވަރުގައި ހައްލެއް ހޯދުމަށް ޤައުމުތަކަށް އިއްތިފާޤަކަށް ނާދެވުނު ކަމީ ގިނަ ބަޔަކަށް ބޮޑު ނާއުންމީދެއް ލިބިގެންދިޔަ ކަމެކެވެ.
185 ޤައުމުގެ ފަރާތުން ބައިވެރިވި ފަންނީ މަންދޫބުން ބުރާސްފަތި ދުވަހުގެ ކަނޑައެޅިފައިވާ މުއްދަތު ހަމަވުމަށްފަހު، ރޭގަނޑު މުޅި ދުވަހު މަސައްކަތްކުރި ނަމަވެސް، ޕްލާސްޓިކް އުފެއްދުން މަދުކުރުން ފަދަ ހަރުދަނާ ފިޔަވަޅުތަކަށް އެދޭ ޤައުމުތަކާއި، ތެޔޮ އުފައްދާ ބައެއް ޤައުމުތަކުން ކުނި މެނޭޖްކުރުމަށް ސަމާލުކަން ދިނުމަށް އިސްކަންދިނުމާ ދެމެދު އެއްބަސްވުމެއް ނުހޯދުނެވެ.
މަޝްވަރާތައް ނާކާމިޔާބުވުމުން ބައެއް ޤައުމުތަކުން ވަނީ ބޮޑު ނާއުންމީދެއް ފާޅުކޮށްފައެވެ. ނަމަވެސް، ކުރިއަށް އޮތް މަޝްވަރާތަކަށް ތައްޔާރުކަމުގައި އެ ޤައުމުތަކުން ބުންޏެވެ. ތިން އަހަރުގެ ތެރޭގައި ހަ ފަހަރު މިފަދަ މަޝްވަރާތައް ބޭއްވުނު ނަމަވެސް، އެއްބަސްވުމަކަށް ނާދެވުނެވެ.
ކިއުބާ ބުނެފައިވަނީ، "އަޅުގަނޑުމެންނަށް ތާރީޚީ ފުރުސަތެއް ގެއްލިއްޖެ. ނަމަވެސް އަޅުގަނޑުމެން ކުރިއަށް ދާންޖެހޭ. އަވަސް ފިޔަވަޅުތައް އަޅަންޖެހޭ. މި ބިންގަނޑަށާއި މިހާރުގެ އަދި ކުރިއަށް އޮތް ޖީލުތަކަށް މި މުޢާހަދާ ބޭނުންވޭ."
ކޮލޮމްބިއާ ބުނީ، "މި މަޝްވަރާތަކަށް ހުރަސް އެޅީ އެއްބަސްވުމަކަށް އައުމަށް ނޭދޭ މަދު ޤައުމުތަކެއް."ކަމަށް
ޓުވާލޫއިން 14 ކުދި ރަށުގެ ތަރައްޤީވަމުންދާ ޤައުމުތަކުގެ (ޕެސިފިކް އެސް.އައި.ޑީ.އެސް) ފަރާތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އެ ޤައުމުތައް އަނެއްކާވެސް ހުސްއަތާ އެނބުރިދާން ޖެހުނީ ކަމަށެވެ. "އަޅުގަނޑުމެންގެ ރަށްތަކަށް މާނައަކީ، ދުނިޔޭގެ އެއްބާރުލުމާއި ޤައުމުތަކުގެ ފިޔަވަޅުތަކެއް ނެތި، މިލިއަނަށްވުރެ ގިނަ ޓަނުގެ ޕްލާސްޓިކް ކުނި އަޅުގަނޑުމެންގެ ކަނޑުތަކަށް އަޅަމުންދާނެ. މިއީ އަޅުގަނޑުމެންގެ ނިޒާމީ ވައްޓަފާޅި (އިކޯސިސްޓަމް)، ކާބޯތަކެތީގެ ސަލާމަތީ ކަންކަން، ދިރިއުޅުން އަދި ސަގާފަތަށް އަސަރުކުރާނެ ކަމެއް،" ޓުވާލޫއިން ބުންޏެވެ.
ތަޣައްޔަރުވުމާ ދެކޮޅަށް ހަނގުރާމަ 'މިތަނަކުން ނުނިމޭނެ'މިނިސްޓަރީ އޮފް އިކޮލޮޖިކަލް ޓްރާންޒިޝަންގެ ފަރާތުން ފްރާންސްގެ މިނިސްޓަރު އެގްނެސް ޕެނިއަރ-ރޫނަޗާރ ވިދާޅުވީ، "އަހަރެން ނާއުންމީދުވޭ، އަދި ހިތްހަމަނުޖެހޭ،" ކަމަށެވެ. ކުރު މުއްދަތުގެ މާލީ މަސްލަހަތުތަކަށް ރިޢާޔަތްކޮށް މަދު ޤައުމުތަކަކުން މި މުޢާހަދާ ބަލައިގަތުމަށް ހުރަސް އެޅީ ކަމަށް އޭނާ ވިދާޅުވިއެވެ. "ތެޔޮ އުފައްދާ ޤައުމުތަކާއި އެމީހުންގެ އެކުވެރިން ނިންމީ އަނެއް ފަރާތަށް ބަލަން،" އޭނާ އިތުރަށް ވިދާޅުވިއެވެ.
ޔޫރަޕިއަން ޔޫނިއަން، ބްރިޓަން، ކެނެޑާ އަދި ގިނަ އަފްރިކާ އަދި ލެޓިން އެމެރިކާ ޤައުމުތައް ހިމެނޭ "ހައި އެމްބިޝަން ކޯލިޝަން" އިން ބޭނުންވީ ޕްލާސްޓިކް އުފެއްދުން މަދުކުރުމާއި ޕްލާސްޓިކްގައި ބޭނުންކުރާ ވިހަ ކެމިކަލްތައް ބޭނުންކުރުން ހުއްޓާލުމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށެވެ.
ސަޢޫދީ ޢަރަބިއްޔާ، ކުވައިތު، ރަޝިޔާ، އީރާން އަދި މެލޭޝިޔާ ހިމެނޭ "ލައިކް-މައިންޑެޑް ގްރޫޕް" ގެ ނަމުގައި އަމިއްލަ ނަމެއް ދީފައިވާ ގިނަ ތެޔޮ އުފައްދާ ޤައުމުތަކުން ބޭނުންވީ މި މުޢާހަދާގެ ދާއިރާ ވަރަށް ކުޑަ ކުރުމަށެވެ. ކުވައިތުން ބުނީ، "އަޅުގަނޑުމެންގެ ޚިޔާލުތައް ހިމެނިފައިނުވޭ... އެއްބަސްވެވޭ ދާއިރާއެއް ނެތި މި މަސައްކަތް ރަނގަޅު މަގެއްގައި ކުރިއަކަށް ނުދާނެ، އަދި ނުރައްކަލުގެ ތެރެއަށް ވެއްޓިދާނެ." ބަޙްރެއިން ބުނީ އެ ޤައުމުން ބޭނުންވަނީ "ތަރައްޤީވަމުންދާ ޤައުމުތަކަށް އެމީހުންގެ ވަޞީލަތްތައް ބޭނުންކުރުމަށް އަދަބު ނުދޭ" މުޢާހަދާއެއް ކަމަށެވެ.
މަޝްވަރާތައް ކުރިއަށްދާނެ ގޮތެއް އަދި ސާފެއް ނޫނެވެ. ބައެއް ޤައުމުތަކުން ކުރިއަށް އޮތްތަނުގައި ހަތްވަނަ ބުރުގެ މަޝްވަރާތަކެއް ބޭއްވުމަށް ގޮވާލާފައިވާއިރު، ޔޫރަޕިއަން ޔޫނިއަން ބުނެފައިވަނީ އެންމެ ފަހުގެ ދެލިކޮޕީއަކީ "އަނބުރާ ބައްދަލުވުމެއް ބޭއްވުމަށް ރަނގަޅު އަސާސެއް" ކަމަށެވެ. ދެކުނު އެފްރިކާއިން ބުނީ "މިއަށް މިތަނުން ނިމުމެއް ނާންނާނެ" ކަމަށެވެ.
ޖެނީވާގައި އޮގަސްޓް 5 ގައި ފެށުނު މި މަޝްވަރާތައް ކުރިއަށް ގެންދެވުނީ ދެކުނު ކޮރެއާގައި މިދިޔަ އަހަރުގެ ފަހުކޮޅު ފަސްވަނަ ބުރުގެ މަޝްވަރާތައް ނާކާމިޔާބުވުމަށްފަހުއެވެ. ޤައުމުތައް ވަރަށް ދުރުގައި ތިބުމާއެކު، މަޝްވަރާތަކުގެ ރައީސް ލުއިސް ވަޔާސް ވަލްޑިވިއޭސޯ ބުދަ ދުވަހު ޤައުމުތަކުގެ އެއްބަސްވުން އޮތް މަދު ދާއިރާތަކެއްގެ މައްޗަށް ބިނާކޮށް ދެލިކޮޕީއެއް ތައްޔާރުކުރިއެވެ. ނަމަވެސް، އެ ދެލިކޮޕީއަކީ އެއްވެސް އަސަރެއް ނެތް އެއްޗެއް ކަމަށް ހައި އެމްބިޝަން ގްރޫޕުން ބުނެ، އަދި ލައިކް-މައިންޑެޑް ގްރޫޕުން އެއީ އެމީހުންގެ ރަތް ރޮނގުތައް ހުރަސްކުރާ އެއްޗެއް ކަމަށް ބުނުމުން މަޝްވަރާތައް ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔައެވެ. ވަޔާސް ބުރާސްފަތި ދުވަހު ގަދަޔަށް މަސައްކަތްކޮށް، މެންދަމުން އަލިވީ ފަހުން އައު ދެލިކޮޕީއެއް ތައްޔާރުކުރިއެވެ.
ޕްލާސްޓިކް ދުނިޔެއަށް އަހަރަކު 400 މިލިއަނަށްވުރެ ގިނަ ޓަނުގެ ޕްލާސްޓިކް ކުނި އުފައްދައެވެ. އޭގެ ދެބައިކުޅަ އެއްބައި އަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ އެއްޗިއްސެވެ. ޕްލާސްޓިކް ކުނީގެ 15 އިންސައްތަ ރިސައިކަލް ކުރުމަށް އެއްކުރެވޭ ނަމަވެސް، އެކަންކުރަނީ ހަމައެކަނި ނުވަ އިންސައްތައެވެ. ގާތްގަޑަކަށް 46 އިންސައްތަ ޕްލާސްޓިކް ކުނިގޮނޑުތަކަށް އެޅޭއިރު، 17 އިންސައްތަ އަންދާލެވެއެވެ. އަދި 22 އިންސައްތަ އަކީ ރަނގަޅަށް މެނޭޖްނުކުރެވޭތީ ވަލޫލެވިގެންދާ ކުންޏެވެ.
ޕްލާސްޓިކްގެ ތަޣައްޔަރުވުމުގެ މައްސަލަ ވަރަށް ބޮޑުވެފައިވާއިރު، އެންމެ އުސް ފަރުބަދަތަކުންނާއި، ކަނޑުގެ އެންމެ ފުން ސަރަހައްދުތަކުން އަދި އިންސާނާގެ ހަށިގަނޑުގެ ގާތްގަޑަކަށް ކޮންމެ ބައެއްގައިވެސް މައިކްރޯޕްލާސްޓިކް ފެނިފައިވެއެވެ. މިހާރުގެ ޓްރެންޑްތަކަށް ބަލާއިރު، 2060 ވަނަ އަހަރާ ހަމައަށް ތެޔޮ ބޭނުންކޮށްގެން އުފައްދާ ޕްލާސްޓިކްގެ އަހަރީ އުފެއްދުން ގާތްގަޑަކަށް ތިން ގުނަ އިތުރުވެ 1.2 ބިލިއަން ޓަނަށް އަރާނެ ކަމަށް އިކޮނޮމިކް ކޯޕަރޭޝަން އެންޑް ޑިވެލޮޕްމެންޓް (އޯ.އީ.ސީ.ޑީ) އިން ބުނެއެވެ. އަދި އެހާތަނަށް ކުނި އެއް ބިލިއަން ޓަނަށްވުރެ އިތުރުވާނެ ކަމަށްވެސް ލަފާކުރެއެވެ.