ދުނިޔެ
ސޫދާނުގައި ކޮލެރާ ބަލިމަޑުކަމުގައި 40 މީހުން މަރުވެއްޖެ: އެމްއެސްއެފް

ސޫދާނުގައި ކޮލެރާ ފެތުރުން
ސޫދާނުގެ ދާރްފޫރް ސަރަޙައްދުގައި ފެތުރެމުންދާ ކޮލެރާ ބަލިމަޑުކަމުގައި މަދުވެގެން 40 މީހުން މަރުވެއްޖެކަމަށް ޑޮކްޓަރސް ވިތައުޓް ބޯޑަރސް (އެމްއެސްއެފް) އިން ބުނެފިއެވެ.
މިއީ އެ ޤައުމުގައި މިހާތަނަށް ފެތުރުނު އެންމެ ނުރައްކާތެރި ކޮލެރާ ބަލިމަޑުކަން ކަމަށް އެ ޖަމްޢިއްޔާއިން ބުނެފައިވެއެވެ.
ސޫދާނުގެ ހަނގުރާމައިގެ ސަބަބުން ވީރާނާވެފައިވާ ޑާފަރ ސަރަޙައްދުގައި، ވޭތުވެދިޔަ އަހަރު ފެށުނު މި ބަލިމަޑުކަމުގައި އެމްއެސްއެފްގެ ޓީމުތަކުން މިދިޔަ ހަފްތާގައި 2،300 އަށް ވުރެ ގިނަ ބަލިމީހުންނަށް ފަރުވާ ދީފައިވާ ކަމަށް އެ ޖަމްއިއްޔާއިން ހާމަކޮށްފައިވެއެވެ. މުޅި ޤައުމުގައި 2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން 99،700 ކޮލެރާ ކޭސް ރިޕޯޓުވެ، 2،470 މީހުން މަރުވެފައިވާ ކަމަށް ސިއްޙީ އިދާރާތަކުން ބުނެއެވެ.
ހަނގުރާމައިގެ ސަބަބުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ލައްކަތަކެއް މީހުންނަށް ސާފު ބޯފެން ލިބުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް އެމްއެސްއެފްއިން ބުނެއެވެ. "ހަނގުރާމައިން ދިރިއުޅުން ސަލާމަތްކުރި މީހުން، ފަސޭހައިން ރަނގަޅުކުރެވޭނެ ބައްޔަކުން މަރުވަމުންދާ މަންޒަރު ދެކެން ޖެހިފައި މިވަނީ،" އެމްއެސްއެފްގެ މިޝަން ހެޑް ޓުނާ ޓަރކްމެން ވިދާޅުވިއެވެ.
ދާރްފޫރްފެ ތަވީލާގައި ހުރި ކޭމްޕްތަކުގައި ދިރިއުޅޭ މީހުންނަށް ދުވާލަކަށް ލިބެނީ އެންމެ 3 ލީޓަރު ފެން ކަމަށާއި، މިއީ ކުއްލި ހާލަތުގައި ބޭނުންވާ އެންމެ މަދު މިންވަރު ކަމަށްވާ 7.5 ލީޓަރަށްވުރެ މާ މަދު އަދަދެއްކަން އެމްއެސްއެފްއިން ފާހަގަކޮށްފައިވެއެވެ. ގިނަ ފަހަރަށް ކޭމްޕްތަކުގައި ތިބޭ މީހުންނަށް ނަޖިސްވެފައިވާ ފެން ނޫން އެހެން ގޮތެއް ނެތް ކަމަށްވެސް އެ ޖަމްއިއްޔާއިން ބުނެއެވެ.
2023 ވަނަ އަހަރުގެ އޭޕްރީލް މަހު ފެށުނު ސޫދާނުގެ ހަނގުރާމައިގައި މިހާތަނަށް 40،000 އަށް ވުރެ ގިނަ މީހުން މަރުވެ، 12 މިލިއަން މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި މިލިއަނުން ގުނޭ އަދަދަށް މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.