ދުނިޔެ
ރަޝިޔާއިން ވަޓްސްއެޕް އާއި ޓެލެގްރާމްގެ ކޯލްތައް ކޮންޓްރޯލްކުރަނީ

ވަޓްސްއެޕް އަދި ޓެލެގްރާމް
ރަޝިޔާގެ އިންޓަނެޓް ކޮންޓްރޯލް އިތުރަށް ހަރުދަނާކުރުމުގެ ގޮތުން، ވަޓްސްއެޕް އަދި ޓެލެގްރާމް މެދުވެރިކޮށް ކުރެވޭ ވޮއިސް ކޯލްތައް ހިފެހެއްޓުމަށް އެ ޤައުމުން ނިންމައިފިއެވެ.
މި ނިންމުމުގެ ސަބަބުން ރަޝިއާގައި ވަޓްސްއެޕް ބޭނުންކުރާ 96 މިލިއަން މީހުންނާއި ޓެލެގްރާމް ބޭނުންކުރާ 89 މިލިއަން މީހުންނަށް އަސަރުކުރާނެއެވެ.
ރަޝިޔާގެ މީޑިއާ އަދި އިންޓަނެޓް ރެގިއުލޭޓަރު ކަމަށްވާ ރޮސްކޮމްނަޑްޒޯއިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅު އަޅަން ޖެހުނީ ކުށްކުރުން ހުއްޓުވުމަށް ކަމަށެވެ.
"ޤާނޫނު ތަންފީޒުކުރާ އިދާރާތަކުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ޓެލެގްރާމް އަދި ވަޓްސްއެޕް ވަނީ މީހުންގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށާއި، ރަޝިއާގެ ރައްޔިތުން ޓެރަރިޒަމްގެ ޙަރަކާތްތަކުގައި ބައިވެރިކުރުވުމަށް ބޭނުންކުރެވޭ މައިގަނޑު ވަސީލަތްތަކަށް ވެފައި،" ރޮސްކޮމްނަޑްޒޯއިން ނެރުނު ބަޔާނުގައި ވެއެވެ.
މި މައްސަލަ ހައްލުކުރުމަށް އެޅޭނެ ފިޔަވަޅުތަކާ ގުޅޭގޮތުން މެސެޖިންގ ސަރވިސްތަކުގެ ވެރިފަރާތްތަކަށް ތަކުރާރުކޮށް ގުޅުމުންވެސް އެއްވެސް އިޖާބައެއް ލިބިފައިނުވާ ކަމަށް ރަޝިޔާއިން ބުނެއެވެ. އަދި މި ޚިދުމަތްތަކުން ރަޝިއާގެ ޤާނޫނުތަކާ އެއްގޮތަށް ޢަމަލުކުރަން ފެށުމުން ކޯލްތައް އަލުން ހުޅުވާލެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.
2022 ވަނަ އަހަރު ޔުކްރެއިންއާ ދެކޮޅަށް ރަޝިއާއިން ފެށި ހަނގުރާމައިން ފެށިގެން، ރަޝިޔާގެ އިންޓަނެޓް ކޮންޓްރޯލްކުރުމަށް އެ ޤައުމުން ވަނީ ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި ޔުކްރެއިންއިން ޓެލެގްރާމް މެދުވެރިކޮށް ރަޝިޔާގައި ސަބޮޓޭޖް ހިންގުމަށް މީހުން ރެކްރޫޓްކުރާ ކަމަށް ބުނެ އެޅި ފިޔަވަޅުތައްވެސް ހިމެނެއެވެ.
މިކަމާ ގުޅޭގޮތުން ވަޓްސްއެޕްގެ ފަރާތުން ހާމަކޮށްފައި ވަނީ، އެ އެޕްގެ އެންކްރިޕްޓެޑް މުއާސަލާތުތަކަށް ސަރުކާރުން ވަނުމަށް މަސައްކަތްކުރާތީ، އެކަން ހުއްޓުވުމަށް މަސައްކަތްކުރާ ކަމަށެވެ. އަދި ޓެލެގްރާމްގެ ފަރާތުން ބުނެފައިވަނީ އެ ޕްލެޓްފޯމް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ކޮންމެ ދުވަހަކުވެސް މިލިއަނުން ގެއްލުންދެނިވި ކޮންޓެންޓް ރިމޫވްކުރަމުންދާ ކަމަށެވެ.