ކޮލަމް
އަލްސަންގެ މަރަށް މަހެއް، އަޝްފާގެ ހިތް ބަންޑުންކޮށްލައިފި

އަޝްފާ އަދި މަރްޙޫމް އަލްސަން---
މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވި ޔޫސްފް އަލްސަން ނިޔާވިތާ މިއަދަށް މަހެއް ވެފައިވާއިރު، އޭނާގެ މަންމަ އަޝްފާ މިއަދު ވަނީ އަސަރު ގަދަ ޕޯސްޓެއް ސޯޝަލް މީޑީއާއަށް ދޫކޮށްލައިފައެވެ.
އަޝްފާގެ ޕޯސްޓު ފަށައިފައިވަނީ އޭނާގެ މަރްހޫމް ލޮބުވެތި ދަރިފުޅަށް ނިސްބަތްކޮށް "އަލްސަން ދަރިފުޅާ" މިހެން ބުނަމުންނެވެ.
ދަރިފުޅު ވަކިވެ ދިޔަތާ މިއަދަކީ އެއްމަސް ފުރިހަމަ ވީދުވަސް، މިއީ މަންމަޔާ ބައްޕައަށް އުފުލޭ ވަރަށްވުރެ މާ ބަރު ހިތްދަތިކަމެއް، މަންމަޔާ ބައްޕަގެ ހިތާމަތަކާ ރިހުންތަކަށް ކިރިޔާވެސް ލުޔެއް ލިބެނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް މިކުރާ ނަމާދާ، ދުޢާޔާ ޒިކުރުތަކާ އެކަލާނގެ ކަލާމްފުޅުގެ އެހީ އާއި މަދަދުން.
އަޝްފާ ބުނެފައިވެއެވެ.
އަޝްފާގެ ޕޯސްޓުގައި އިތުރަށް ބުނެފައިވަނީ، އޭނާ އާއި އަލްސަންގެ ބައްޕަ، މުޙައްމަދު ޢަބްދުލްޣަނީގެ އާއިލާ ވެސް އަލްސަންދެކެ އިންތިހާއަށް ލޯބިވާކަމަށެެވެ. އަދި އަލްސަންގެ އެންމެ ގާތްކުދިންނާއި އެކުވެރިންނާއި އެ ކުދިންގެ މައިންބަފައިން ވެސް އަލްސަންދެކެ އިންތިހާއަށް ލޯބިވާކަމަށް އަޝްފާ ބުނެފައިވެއެވެ.
އަޝްފާ ބުނެފައިވަނީ އެއިން ކޮންމެ ހިތެއްގައި އަލްސަންއަށްޓަކައި ޚާއްސަ ޖާގައެއް އޮތްކަން އަލްސަންގެ ވަދާޢީ ވަގުތުކޮޅުގައި ވެސް ފެނުނު ކަމަށާއި އެއީ އަލްސަންއަށް ލެއްވި ހެޔޮ ރަޙްމަތެއް ކަމުގައި އަޝްފާ ސިފަކޮށްފައިވެއެވެ.
ލޯބިވާ ދަރިފުޅަށް ލެއްވި ހެޔޮ ރަޙުމަތަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތައް ޙަމްދާއި ޝުކުރު ކުރަން.
އަޝްފާ ބުނެފައިވެއެވެ.
އަޝްފާ ބުނެފައިވަނީ އަލްސަންއަކީ އޭނާ އާއި މުޙައްމަދު ޢަބްދުލްޣަނީގެ މުޅި ދުނިޔެ ކަމަށެެވެ. އަދި އެ ދެ މީހުންގެ ލޯތަކުން ކަރުނަފޫދެނީ އަލްސަންދެކެވާ އިންތިހާ ދަރަޖައިގެ ލޯބިންކަމަށާއި، ނޭވާ ހިނގަނީ އަލްސަންއަށްޓަކައި ކަމަށެވެ. އަދި އެ ދެ މީހުންގެ ދޫ ޙަރަކާތްތެރިވަނީ އަލްސަންގެ އާޚިރަތް ބާއްޖަވެރި ކޮށްދެއްވުމަށްޓަކައި ދުޢާތައް ކުރުމުގައި ކަމަށްވެސް އަޝްފާ ބުނެފައިވެއެވެ.
ދަރިފުޅަކީ މަންމަޔާއި ބައްޕަޔަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވި އަމާނާތެއް، އެކަލާނގެ ހުރިހާ ކަމެއްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވޭ، މަންމަޔާ ބައްޕަގެ ދުޢާއަކީ ބަރުޒަޚްގެ ޢާލަމަކީ ދަރިފުޅަށް ރައްކާތެރި އަމާން ތަނަވަސް، ފިނިކަމާއި އަލިކަން ލިބިގެންވާ ތަނެއް ކަމުގައި ލެއްވުން، ދަރިފުޅުގެ އެންމެހާ ކުށް ފާފަތައް ފުއްސަވާދެއްވާ، ސުވަރުގޭގެ ދާއިމީ ރަޙްމަތާ ނިޢުމަތުގާ ދަރިފުޅު ލެއްވުން ދަރިފުޅާ އެކު ސުވަރުގޭގައި ވުމަށްޓަކައި މިދަނީ ތާއަބަދު ގަދައަޅައި މަސައްކަތް ކުރަމުން.
އަސަރުން ފުރިގެންވާ އަޝްފާގެ ޕޯސްޓުގައި ބުނެފައިވެއެވެ.
އަލްސަންއަކީ އަޝްފާ އާއި މުޙައްމަދު ޢަބްދުލް ޣަނީގެ ހަމައެކަނި ދަރިފުޅެވެ. އެ ދެ ފަންނާނުންގެ ދަރިފުޅު ދުނިޔެ ދޫކުރީ އުމުރުން 17 އަހަރުގައެވެ. އަލްސަންގެ ޖަނާޒާގައި ގިނަ ބަޔަކު ބައިވެރިވުމުގެ އިތުރުން، އަލްސަން ނިޔާވުމުގެ ހިތާމައިގައި ވެސް ގިނަ ބަޔަކު ބައިވެރިވިއެވެ.
ނޫކަށިފުރައިގެ ޅަ ޒުވާނުން ކުއްލި މަރުތަކުން މަރުވުމަކީ ދުނިޔޭގައި ދިރި ތބީން އެކަމުން ޢިބްރަތްތަކެއް ލިބިގަންނަން ވީ ކަމެކެވެ. ތިމާ މަރުވާނީ ކޮންވަގުތަކު ކިހިނެއް ކަމެއް އެއްވެސް މީހަކަށް ނޭނގޭއިރު، މަރަށް ތައްޔާރުވުމަށް ތިމާގެ ޢަމަލުތައް ސީދާކޮށް ތައުބާވުން ގިނަކުރަން ޖެހެއެވެ.
ﷲތަޢާލާ އަޅަމެން އެންމެންގެ މަރު އަމާން ކުރައްވާށިއެވެ. އާމީން!