ދުނިޔެ
ހަމާސްގެ ވަފުދެއް ޤާހިރާއަށް: އާ އެއްބަސްވުމަކަށް މަގުފަހިވެދާނެ ކަމުގެ އުންމީދެއް

ހަމާސްގެ ޚަލީލް އަލްހައްޔާ---
ހަމާސްގެ އިސް ވަފުދެއް މިއަދު ޤާހިރާއަށް ދަތުރުކުރާނެ ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.
ޚަލީލް އަލްހައްޔާގެ އިސްވެރިކަމުގެ ދަށުން ދަތުރުކުރާ މި ވަފުދުން މާދަމާ މިޞްރުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އަލްޖަޒީރާގައި ބުނެފައިވެއެވެ.
މި ދަތުރަކީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް އާ ހުށަހެޅުމެއް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ ދަތުރެކެވެ. ފަލަސްތީނުގެ އިސްވެރިއެއް އޭ.އެފް.ޕީއަށް ދިން އިންޓަވިއުއެއްގައި ބުނީ، މި ވަފުދުން ހަނގުރާމަ ހުއްޓުވުމާއި އަސީރުން ދޫކޮށްލުމާ ގުޅޭ މަޝްވަރާތައް މިޞްރުގެ އިސްވެރިންނާއެކު ކުރިއަށް ގެންދާނެއެވެ.
ފަލަސްތީނުގެ އެހެން މަސްދަރަކުން ހާމަކުރި ގޮތުގައި، މެދުވެރިން މިހާރު މަސައްކަތް ކުރަމުންދަނީ "ފުރިހަމަ އެއްބަސްވުމެއް" އެކުލަވާލުމަށެވެ. މީގެ ތެރޭގައި 60 ދުވަހަށް ހަމަލާތަައް ހުއްޓާލުމަށްފަހު، ދިގު މުއްދަތުގެ ހަނގުރާމަ ހުއްޓުވުމުގެ މަޝްވަރާތަކާއި، އިސްރާއީލުގެ ހުރިހާ އަސީރުން (ދިރިތިބި އަދި މަރުވެފައިވާ) އެއްފަހަރާ ދޫކޮށްލުމުގެ އެއްބަސްވުމެއް ހިމެނެއެވެ.
އެހެންނަމަވެސް، ހަމާސްގެ އިސް ވެރިއެއް ހާމަކުރި ގޮތުގައި، މިހާތަނަށް އެއްވެސް އާ ހުށަހެޅުމެއް އެ ޖަމާޢަތަށް ލިބިފައެއް ނުވެއެވެ. ނަމަވެސް އިސްރާއީލުން "އަނިޔާވެރިކަމާއި ހަނގުރާމަ ހުއްޓާލައި، ހިޞާރު ނިމުމަކަށް ގެނެސް، އެހީ ފޯރުކޮށްދިނުމުގެ މަގު ތަނަވަސްކޮށްދޭން" ނިންމައިފިނަމަ، އެއްބަސްވުމަކަށް އައުމަށް ހަމާސްއިން ތައްޔާރަށް ތިބިކަމަށް އޭނާ ފާހަގަކުރިއެވެ.
މި މަޝްވަރާތަކާ ގުޅިގެން އިސްރާއީލުގެ މީޑިއާއިން ދައްކާ ގޮތުގައި، މިސްރުން ވަނީ ހަމާސްއަށް ފުޅާ އެއްބަސްވުމެއް ހުށަހަޅާފައެވެ. މީގެ ތެރޭގައި ހަމާސްގެ ހަތިޔާރު ނައްތާލުމާއި، އިސްރާއީލުގެ އަސީރުން ދޫކޮށްލުމާއި، ބަދަލުގައި ހަނގުރާމަ ހުއްޓާލުމާއި ފަލަސްތީނުގެ އަސީރުން ދޫކޮށްލުން ހިމެނެއެވެ.