ދުނިޔެ
އެމެރިކާ އިން 1.4 މިލިޔަން ޑޮލަރުގެ ވެލާ ބޭރުކުރި މީހަކު އަތުލައިގެންފި

ޤަވާޢިދާ ޚިލާފަށް ބޭރުކުރަން އުޅެނިކޮށް ހޯދި ވެލާތައް.

ފަރުދުން
12 އޯގަސްޓު 2025، 02:28
12 އޯގަސްޓު 2025، 02:28
ޤަވާޢިދާ ޚިލާފަށް އެމެރިކާއިން 850 ވެލާ ބޭރުކުރިކަމުގެ ތުހުމަތުގައި ކޯޓުން މައްސަލަ ބެލުމުން، އެތުހުމަތު ކުރެވުނު މީހާގެ މައްޗަށް ކުށް ޘާބިތުވެއްޖެއެވެ. އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާ ގޮތުގައި، އެމީހާއަކީ ޗައިނާއަށް ނިސްބަތްވާ، "ވެއި ޗިއަންގ ލިން" ނަމަކަށް ކިޔާ މީހެކެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓް އިން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި، 2023 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން، 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް، ވެއި ޗިއަންގ ލިން ވަނީ ހޮންގްކޮންގް އަށް 200 ވެލާ ޕާރުސެލް ފޮނުވާފައެވެ. އެޕާރުސެލުތަކުގައި ހުރި ވެލާތައް ފޮރުވުމަށްޓަކައި، ވެއި އެވެލާތަށް އިސްޓާކީނު ތެރެއަށް ލެއްވިއެވެ. އެމެރިކާއިން އެޕާރުސަލުތައް ބޭރު ކޮށްފައިވަނީ ޕްލާސްޓިކް ކުޅޭ ތަކެތީގެ ނަމުންނެވެ.
ވެއި ބޭރުކުރި މައިގަނޑު ބާވަތްތަކަކީ "އީސްޓަރން ބޮކްސް ޓަރޓަލް" އަދި "ތްރީ ޓޯޑް ބޮކްސް ޓަރޓަލް" އެވެ. މިދެ ބާވަތަކީ ވެސް އެމެރިކާއިން ޙިމާޔަތްކޮށްފައިވާ، ނުހަނު އަގުހުރި ދެބާވަތެވެ. މިގޮތުން، އެމެރިކާގެ އޮފިޝަލުން ހެދި ޙިސާބުތަކުން ދައްކާ ގޮތުގައި، އެމީހާ މިހާތަނަށް ބޭރު ކޮށްފައިވާ 850 ވެލާގެ ޖުމުލަ އަގު 1.4 މިލިޔަން ޔޫއެސް ޑޮލަރަށް އަރާނޭކަމަށް ބެލެވެއެވެ.
ނާޖާއިޒު ގޮތުގައި ވެއި ބޭރުކުރި ވެލާތަކުގެ އިތުރުން، ވިހަގަދަ ހަރުފަތަކެއް ވެސް އޭނާ ބޭރުކޮށްފައިވާ ކަމަށް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމެންޓް އިން ހާމަކުރިއެވެ. ވެއިގެ ޙުކުމް އިއްވުން މިއަހަރުގެ 23 ޑިސެމްބަރަށް ތާވަލުކޮށްފައިވާ އިރު، އެމެރިކާގެ ޤާނޫނުގެ ދަށުން ގިނަވެގެން 5 އަހަރަށް އޭނާ ޖަލަށް ލުމަކީ އެކަށީގެންވާ ކަމެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަހަރުގެ މާރިޗު މަހުގައި ވެސް ޤަވާޢިދާ ޚިލާފަށް އިސްޓާކީނުގައި އޮޅައިގެން ވެލާތަކެއް ބޭރު ކުރި މައްސަލައެއްގައި ޗައިނާ މީހަކަށް ޙުކުމް ކޮށްފައިވެއެވެ. އޭނާ 2،000 ވެލާ ބޭރުކޮށްފައިވީއިރު، 30 މަސްދުވަހުގެ ޖަލު ޙުކުމެއް އޭނާއަށް ވަނީ އިއްވާފައެވެ.