Ads by Stelco

ޚަބަރު

ޒަކިއްޔާގެ މަރުގެ މައްސަލާގައި ދަޢުވާކުރަން ބޭނުންވާ މީހުންގެ ތެރޭގައި ސީޕީ ހިމެނޭ

ޒަކިއްޔާގެ މަރުގެ މައްސަލާގައި ދަޢުވާކުރަން ބޭނުންވާ މީހުންގެ ތެރޭގައި ސީޕީ ހިމެނޭ

ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 އޯގަސްޓު 2025، 08:12

11 އޯގަސްޓު 2025، 08:12

މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު ނ. ހޮޅުދޫގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އިން ދަޢުވާކުރަން ބޭނުންވާ ފަރާތްތަކުގެ ތެރޭގައި، ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ހިމެނޭކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އެންއައިސީއިން ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ އިޙުމާލު އޮތްތޯ ބެލުމަށް ކުރި ތަޙުޤީޤަށް ފަހު ސީޕީ ނަވީންގެ އިތުރުން، ފުލުހުންގެ އިސް އެހެން އޮފިޝަލުންތަކަކަށް ވެސް ދަޢުވާކުރުމަށް ބޭނުންވެއެވެ. އޭގެތެރޭގައި އެސިސްޓެންޓް ކޮމިޝަނާ މުހައްމަދު ރިޔާޒު އަދި މޭޖާ ކްރައިމް ޑިޕާޓްމަންޓުގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ހިމެނިވަޑައިގަންނަވައެވެ. 

މިދިޔަ ބުރާސްފަތި ދުވަހު ޑިއުޓީ ޕްރޮސެކިއުޝަނަށް ފޮނުވި މި މައްސަލައާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިން ބުނެފައިވަނީ، އެ މައްސަލައިގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް އެންއައިސީން ޤަބޫލު ކުރާތީ ފުލުހުންގެ މައްޗަށް ދައުވާކުރުމާ މެދު ޕީޖީއާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ޒަކިއްޔާގެ މަރުގެ މައްސަލައިގައި ފުލުހުންގެ މައްޗަށް އެންއައިސީއިން ކުރާ ތުޙުމަތުތަކުގެ ތެރޭގައި، ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ ގޮތަކަށް ޢަމަލު ކުރުމާއި، ޢަދުލު އިންސާފު ޤާއިމް ކުރުމަށް ހުރަސް އެޅުމާއި، ދަޢުލަތުގެ މުއައްސަސާތަކަށް ހުރަސްއެޅުން އަދި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހިމެނެއެވެ.  

މި މައްސަލާގައި މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި  ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ހާމަކުރީ، ޒަކިއްޔާ މަރުވީ ކަރަށް ލިބުނު ޒަޚަމްތަކަކާ ގުޅިގެން ކަމަށެވެ. އެގޮތުން ކަރުގެ ވާތްފަރާތުގައި ފުންކޮށް ތިން ޒަޚަމެއް އަދި ކަނާތްފަރާތުގައި ފުން ދެ ޒަޚަމެއް ހުރިކަމަށް ވެއެވެ. އަދި ކަރުގެ މެދުގައި ތިލަކޮށް ހުރި ޒަޚަމުގެ އިތުރުން، އިތުރު އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ވަނީ ހާމަކޮށްފައެވެ.

މިހާގިނަ ޒަޚަމްތަކެއް ހުރި ނަމަވެސް، އެއީ މީހަކު ދިން އަނިޔާތަކެއްކަން ބެލެވޭނެ އެއްވެސް ހެއްކެއް މިހާތަނަށް ފެނިފައިނުވާކަމަށް ވެސް ހާމަކޮށްފައި ވެއެވެ.

ނަމަވެސް ޒަކިއްޔާގެ ޢާއިލާއިން ތުހުމަތު ކުރަނީ އޭނާ މަރާލީ ކަމަށެވެ. އެހެންވެ، އެ ރަށުގައި އިންސާފަށް ގޮވާލައި ބޮޑެތި މުޒާހަރާތައް ވެސް ކޮށްފައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން