ދުނިޔެ
ތުރުކީވިލާތައް 6.1 މެގްނެޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެ

ތުރުކީވިލާތައް އައި ބިންހެލުން އައި ސަރަހައްދު
އިއްޔެ ރޭ ތުރުކީވިލާތުގެ ބަލިކެސިރު ޕްރޮވިންސްއަށް 6.1 މެގްނިޓިއުޑްގެ ވަރުގަދަ ބިންހެލުމެއް އައިސް، އެކަކު މަރުވެ، ގިނަ އަދަދެއްގެ އިމާރާތްތަކަށް ގެއްލުން ވެއްޖެއެވެ.
އެ ޤައުމުގެ އިންޓީރިއާ މިނިސްޓަރ އަލީ ޔަރްލިކަޔާ ވިދާޅުވި ގޮތުގައި މި ބިންހެލުމުގައި 10 އަށް ވުރެ ގިނަ އިމާރާތް ވަނީ ފުނޑުފުނޑުވެފައެވެ.
ބިންހެލުމުގެ ސަބަބުން ފުނޑުފުނޑުވެފައިވާ އެއް ގެއިން ހަތަރު މީހުން ވަނީ ސަލާމަތްކުރެވިފައެވެ. އޭގެ ތެރެއިން ތިން މީހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު، 81 އަހަރުގެ އެއް މީހަކު ވަނީ ނިޔާވެފައެވެ. ތުރުކީވިލާތުގެ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އަފާޑް) އިން ބުނި ގޮތުގައި މި ބިންހެލުން އައީ ރޭ 7:53 ގައެވެ. މި ބިންހެލުމުގެ ސަބަބުން 30 އަކަށް މީހުންނަށް އަނިޔާވެފައިވެއެވެ.
އަފާޑްއިން ބުނި ގޮތުގައި ފުރަތަމަ އައި ބިންހެލުމަށްފަހު، ފުރަތަމަ ގަޑިއިރު ތެރޭގައި 6 އާފްޓަރ ޝޮކް އައިސްފައިވެއެވެ. އޭގެ ތެރެއިން އެއް އާފްޓަރ ޝޮކްގެ މެގްނިޓިއުޑަކީ 4.6 އެވެ. އަދި ގެއްލުން ލިބިފައިވާ އިމާރާތްތަކަށް ނުވަންނަން އާންމުންނަށް އިރުޝާދު ދީފައިވެއެވެ.
އިންޓީރިއާ މިނިސްޓަރ ޔަރްލިކަޔާ ވިދާޅުވި ގޮތުގައި ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ވަނީ ނިމިފައެވެ. އަދި އިތުރު ބޮޑެތި ގެއްލުމެއް ނުވަތަ ޙާދިސާއެއް ހިނގާފައި ނުވާކަމަށް ވިދާޅުވިއެވެ. ކަރަންޓާއި ފެނުގެ ޚިދުމަތަށް އެއްވެސް ބުރޫއެއް އަރާފައި ނުވާކަމަށްވެސް އެ މިނިސްޓަރު ވިދާޅުވިއެވެ.
ތުރުކީވިލާތުގެގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ މި ހާދިސާގައި އަނިޔާވި ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ. "އަޅުގަނޑުމެންގެ ޤައުމު މިފަދަ ކޮންމެ ކާރިސާއަކުން ﷲ ސަލާމަތްކުރައްވާށި" ރައީސް އުރްދުޣާން އެކްސް ގައި ލިޔުއްވާފައެވެ.
ތުރުކީވިލާތަކީ ގިނަ ފޯލްޓް ލައިންތަކެއް އޮންނަ ޤައުމަކަށްވުމުން، އެ ޤައުމުގައި ބިންހެލުން އައުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ވަކިން ޚާއްސަކޮށް 16 މިލިއަން މީހުން ދިރިއުޅޭ އިސްތަންބޫލް ސިޓީއަކީ ބިންހެލުމުގެ ނުރައްކަލަށް އެންމެ ހުށަހެޅިފައިވާ ސަރަހައްދެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އައި 7.8 މެގްނިޓިއުޑްގެ ދެ ބިންހެލުމުގައި ތުރުކީގައި 53,000 އަށް ވުރެ ގިނަ މީހުން މަރުވެ، އަވައްޓެރި ސީރިއާގައި 6,000 މީހުން މަރުވެފައިވެއެވެ.