ދުނިޔެ

"އަހަރެން ދުވަހަކުވެސް ޙަޤީޤަތް ބަޔާންކުރުމުގައި ފަސްޖެހިފައެއް ނުވާނެ": އަނަސް އަލް-ޝަރީފްގެ ފަހު މެސެޖު

"އަހަރެން ދުވަހަކުވެސް ޙަޤީޤަތް ބަޔާންކުރުމުގައި ފަސްޖެހިފައެއް ނުވާނެ": އަނަސް އަލް-ޝަރީފްގެ ފަހު މެސެޖު

ޞަހީދުކޮށްލި ނޫސްވެރިޔާ އަނަސް އަލް-ޝަރީފް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 އޯގަސްޓު 2025، 11:57

11 އޯގަސްޓު 2025، 11:57

ފަލަސްޠީނުގެ ހާލަތު ދުނިޔެއަށް ހާމަކުރެއްވުމުގައި ނުގުޑާނެ ހިތްވަރެއް ދެއްކެވި މަޝްހޫރު ނޫސްވެރިޔާ އަނަސް ޖަމާލް އަލް-ޝަރީފްގެ އެކްސް (X) އެކައުންޓުން ވަނީ، އެނާ ޝަހީދުވެއްޖެނަމަ އާންމުކުރުމަށްޓަކައި 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ލިޔުއްވާފައިވާ ހިތްދަތި ފަހު ވަޞިއްޔަތެއް ނުވަތަ ފަހު މެސެޖެއް ހިއްސާކޮށްފައެވެ. މި މެސެޖުގައި އަނަސް ވަނީ އެނާގެ ލޯބިވާ އާއިލާއަށް އަލްވަދާޢު ކިޔައި، ފަލަސްޠީނާއި އެތަނުގެ ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށް ވަރަށް ބޮޑަށް ގޮވާލައްވާފައެވެ.

މެސެޖުގެ ފެށުން: 'އިސްރާއީލަށް އަހަރެން މަރާލެވި އަހަރެންގެ އަޑު ކަނޑުވާލެވިއްޖެނަމަ' އެނާގެ ފަހު މެސެޖުގައި ލިޔުއްވާފައިވަނީ:

"މިއީ އަހަރެންގެ ވަޞިއްޔަތާއި ފަހު މެސެޖެވެ. މި ލިޔުން ތިޔަބޭފުޅުންނާ ހަމައަށް ފޯރައިފިނަމަ އެނގިލައްވާނެއެވެ. އިސްރާއީލުން އަހަރެން މަރާލައި އަހަރެންގެ އަޑު ކަނޑުވާލައިފިއެވެ. ފުރަތަމަ ކަމަކަށް، ތިޔަބޭފުޅުންގެ މައްޗަށް ސަލާމާއި، ﷲގެ ރަޙްމަތާއި، ބަރަކާތްތައް ލެއްވުން އެދި ދުޢާކުރަމެވެ."

ޖަބާލިޔާ ރެފިއުޖީ ކޭމްޕުގެ ގޯޅިތަކާއި މަގުތަކުން ދިރިއުޅުމަށް ހޭލެއްވީއްސުރެ، އޭނާގެ ހުރިހާ ބާރަކާއި މަސައްކަތެއް އޭނާގެ ރައްޔިތުންނަށް އެހީތެރިވެދިނުމަށްޓަކައި އަދި އެބައިމީހުންގެ އަޑު ކަމުގައި ވުމަށްޓަކައި ދެއްވިކަން މާތް ﷲ ދެނެވޮޑިގެންވާނެ ކަމަށް އަނަސް ލިޔުއްވިއެވެ. އޭނާގެ އުއްމީދަކީ އާއިލާއާއެކު އަސްޤަލާނަށް އެނބުރި ދިޔުމަށް ﷲ ތަޢާލާ އެނާގެ އުމުރު ދިގުކުރެއްވުން ކަމަށްވެސް އެނާ ބަޔާންކުރެއްވިއެވެ. ނަމަވެސް ﷲގެ ތަޤްދީރު އިސްވެގެންދިޔައީ ކަމަށް ވެސް އެނާ ފާހަގަކުރެއްވިއެވެ.

ޙަޤީޤަތް ބަޔާންކުރުމުގައި ފަސްނުޖެހުން

މެސެޖުގައި ލިޔުއްވާފައިވެއެވެ: "ހުރިހާ ތަފްޞީލަކާއެކު އަހަރެން ވަނީ ތަދުތަކުގެ ތެރެއިން ދިރިއުޅެފައެވެ. ތުރާލާއި ގެއްލުންތަކުގެ ރަހަ ވަރަށް ގިނައިން ތަޖުރިބާކޮށްފައެވެ. އެހެންނަމަވެސް، އަހަރެން ދުވަހަކުވެސް ޙަޤީޤަތް ބަޔާންކުރުމުގައި، ބަދަލުކުރުމެއް ނުވަތަ އޮޅުވުމެއް ނެތި ފަސްޖެހިފައެއް ނުވާނެއެވެ. އެއީ ﷲ ތަޢާލާ، އަނިޔާވެރިކަން ބަލައިގެން، އަޅުގަނޑުމެންގެ ނޭވާ ހިފަހައްޓައި، އަދި އަޅުގަނޑުމެންގެ ކުޑަކުދިންނާއި އަންހެނުންގެ ހަށިގަނޑުތައް ބުރިބުރިއަށް ބައިބައިވެގެންދާއިރު ހިތަށް އަސަރު ނުކުރި މީހުންނަށް ދެކޮޅަށް ހެކިބަސް ދެއްވުމަށްޓަކައެވެ. އަދި އަހަރެންގެ ރައްޔިތުންނަށް ފާއިތުވި ދޮޅު އަހަރަށްވުރެ ގިނަ ދުވަހު ކުރިމަތިވެފައިވާ ޤަތުލުއާންމު ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރި މީހުންނަށް ދެކޮޅަށްވެސް ﷲ ހެކިބަސް ދެއްވާނެއެވެ."

ފަލަސްޠީނަށް ވަޞިއްޔަތް

އެނާ ވަޞިއްޔަތްކުރެއްވީ "މުސްލިމު އުންމަތުގެ ތާޖުގެ އަގުބޮޑު ގަހަނާއެއް" ކަމުގައިވާ ފަލަސްޠީނަށެވެ. އަދި "ދުނިޔޭގެ ކޮންމެ މިނިވަން މީހެއްގެ ހިތުގެ ތެޅުން" ކަމުގައިވާ ފަލަސްޠީނަށެވެ. އެނާ ވަޞިއްޔަތްކުރެއްވީ ފަލަސްޠީނުގެ ރައްޔިތުންނަށާއި، ހުވަފެން ދެކެން ނުވަތަ އަމާންވެރިކަމާއެކު ދިރިއުޅެން ވަގުތު ނުލިބުނު މަޒުލޫމު، މައުސޫމު ކުޑަކުދިންނަށެވެ. އެމީހުންގެ ޠާހިރު ހަށިގަނޑުތައް އެތައް ހާސް ޓަނު ބަރުދަން ހުރި އިސްރާއީލުގެ ބޮންތަކާއި މިސައިލްތަކުގެ ދަށުގައި ތެޅިގަތް ކަމަށް ވެސް އެނާ ފާހަގަކުރެއްވިއެވެ.

"ތިޔަބޭފުޅުންގެ އަޑު ކަނޑުވާލަން ބަނދެފައިވާ ހަތަރުފައި ނުދިނުމަށާއި، ބޯޑަރުތަކުން ތިޔަބޭފުޅުން ހިފެހެއްޓުވިޔަ ނުދިނުމަށް އަހަރެން ވަރަށް ބޮޑަށް ގޮވާލަމެވެ. އަހަރެމެންގެ ވަގަށް ނަގާފައިވާ ބިމުގައި އިއްޒަތްތެރިކަމާއި މިނިވަންކަމުގެ އިރު އަރަންދެން ބިމާއި ރައްޔިތުންނަށް މިނިވަންކަން ހޯދައިދިނުމަށްޓަކައި ބްރިޖްތަކެއް ކަމުގައި ވާށެވެ." އަނަސް އިތުރަށް ލިޔުއްވިއެވެ.


އާއިލާއަށް ކުރެއްވި ވަޞިއްޔަތް 

އަނަސް ވަޞިއްޔަތްކުރެއްވީ އޭނާގެ އާއިލާއަށް ބެލެހެއްޓުމަށެވެ. އެނާ ލޯބިވާ ދަރިފުޅު ޝަމަށެވެ. އެނާގެ ދެލޮލުގެ ނޫރެވެ. އޭނާ އުއްމީދުކުރި ގޮތަށް ޝަމް ބޮޑުވަމުންދާ މަންޒަރު ބަލަން ފުރުސަތު ނުލިބުނު ކަމަށް އެނާ ފާހަގަކުރެއްވިއެވެ. އަދި އޭނާގެ ލޯބިވާ ދަރިފުޅު ޞަލާޙަށެވެ. ޞަލާޙް ބޮޑުވެ، އޭނާގެ ބުރަ އުފުލައި، އެ މިޝަން ކުރިއަށް ގެންދެވޭ ވަރަށް ވަރުގަދަވުމަށް ދިރިއުޅުމުގައި އެހީތެރިވެ، އެނާގެ އެހީތެރިއަކަށް ވާން އޭނާ ބޭނުންވި ކަމަށްވެސް އެނާ ލިޔުއްވިއެވެ.

އަދި އޭނާ ލޯބިވާ މަންމައަށެވެ. އޭނާގެ މަންމަގެ ބަރަކާތްތެރި ދުޢާތަކުން އޭނާ މިހާ ހިސާބަށް އައީ ކަމަށާއި، އެ ދުޢާތައް އޭނާގެ ހިފެހެއްޓުން ކަމަށާއި، އެ ނޫރުން އޭނާގެ މަގު ދައްކައިދިނީ ކަމަށް އެނާ ލިޔުއްވިއެވެ. ﷲ އޭނާގެ މަންމައަށް ބާރާއި ކެތްތެރިކަމާއި، އެނާގެ ފަރާތުން އެންމެ ހެޔޮ ޖަޒާ ދެއްވުން އެދި ދުޢާކުރެއްވިއެވެ.

އޭނާގެ ދިރިއުޅުމުގެ ބައިވެރިޔާ، ލޯބިވާ އަނބިކަނބަލުން، އުއްމު ޞަލާޙް (ބަޔާން) އަށެވެ. ހަނގުރާމައިގެ ސަބަބުން އެތައް ދުވަހެއް ވަންދެން ވަކިވެގެން ދިޔަ ނަމަވެސް، އޭނާ އެބައިމީހުންގެ ގުޅުމަށް ވަފާތެރިކަންމަތީ ދެމިހުރި ކަމަށާއި، ޒައިތޫނި ގަހެއްގެ ގަސްގަނޑު ފަދައިން ސާބިތުކަންމަތީ ހުރި ކަމަށާއި، ކެތްތެރިކަމާއި، ﷲ އަށް އިތުބާރުކޮށް، އޭނާ ނެތްތަނުގައި ހުރިހާ ބާރަކާއި އީމާންކަމަކާއެކު ޒިންމާ އުފުލި ކަމަށް އެނާ ލިޔުއްވިއެވެ.

ފަހު ވަޞިއްޔަތް އަދި ދުޢާ

"ތިޔަބޭފުޅުން އެބައިމީހުންނާއެކު ދުރުހެލިނުވެ ތިބުމަށާއި، ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފަހުން އެބައިމީހުންގެ އެހީތެރިއަކަށް ވުމަށް އަހަރެން ގޮވާލަމެވެ. އަހަރެން މަރުވެއްޖެނަމަ، އަހަރެންގެ އަސާސްތަކުގެ މަތީގައި ސާބިތުކަންމަތީ މަރުވާނަމެވެ. އަހަރެން ﷲ އަށް ހެކިވަމެވެ. އަހަރެން ﷲގެ ތަޤްދީރަށް ހިތްހަމަޖެހި، އެކަލާނގެއާ ބައްދަލުކުރުން ޔަޤީންކޮށް، ﷲގެ ހަޒްރަތުގައިވާ ތަކެތި ރަނގަޅުކަމާއި ދެމިހުންނާނެކަން ޔަޤީންކުރަމެވެ."

"ޔާ ﷲ، އަހަރެން ޝަހީދުކަމުގެ ދަރަޖަ ދެއްވާށި، އަހަރެންގެ ފާއިތުވި އަދި ކުރިމަގުގެ ފާފަތައް ފުއްސަވާށި، އަދި އަހަރެންގެ ލޭ އަހަރެންގެ ރައްޔިތުންނަށާއި އާއިލާއަށް މިނިވަންކަމުގެ މަގު ދައްކުވައިދޭ ނޫރަކަށް ހައްދަވާށި. އަހަރެން ފަރުވާކުޑަކުރިނަމަ އަހަރެންނަށް މާފުކުރައްވާށި، އަދި އަހަރެންނަށް ރަޙްމަތްލެއްވުން އެދި ދުޢާކުރައްވާށި. އެއީ އަހަރެން ވަޢުދު ފުއްދައި، ބަދަލުކުރުމެއް ނުވަތަ ޚިޔާނާތްތެރިވުމެއް ނެތި ސާބިތުވެ ހުރީތީއެވެ."

މެސެޖު ނިންމަވާލައްވަމުން އަނަސް އަލް-ޝަރީފް ވަނީ ޣައްޒާ ހަނދާންނައްތާނުލުމަށާއި، އަދި އެނާގެ ފާފަތައް ފުއްސަވައި، އެނާ ޤަބޫލުކުރެއްވުން އެދި ހެޔޮ ދުޢާތަކުން އެނާ ހަނދާންނައްތާނުލުމަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވާފައެވެ.


ހުށަހެޅުއްވީ: އަނަސް ޖަމާލް އަލް-ޝަރީފްތާރީޚް: 06.04.2025 (އާންމުކުރެވުނީ އޭނާ ޝަހީދުވުމަށްފަހު)


Ads by MSS

މި ލިޔުން ކިޔާލުމުން