ޚަބަރު
މަސްތުވާތަކެއްޗާއެކު ކޮޅުފުށި އަދި ބިލެއްދޫއިން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މ. ކޮޅުފުއްޓާއި ފ. ބިލެތްދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި ދެ މީހުންގެ ތެރެއިން ކޮޅުފުށީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި / އުނިމާގެ، އަޙްމަދު ހުމައިދު (30އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ ކޮޅުފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައިކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އެގޮތުން، މި މަހުގެ 8 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ކޮޅުފުށީ ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 8 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެ އިތުރުން، މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމުގެ ތުހުމަތުކުރެވޭ މައްސަލައިގައި ފ. ބިލެތްދޫއިން ހައްޔަރުކޮށްފައި ވަނީ ހދ. ނޭކުރެންދޫ / ގުލޭނޫރަންމާގެ، ދާޢޫދު ޢަބްދުއްސައްތާރު (43އ) އެވެ. ފުލުހުން ވިދާޅުވީ، މި މަހު 7 ވަނަ ދުވަހު ބިލެތްދޫ ބަނދަރުމަތިން މީނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލަތަކާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އަޙްމަދު ހުމައިދު 30 ދުވަހަށް އަދި ދާޢޫދު ޢަބްދުއްސައްތާރު 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.