ޚަބަރު
މަތީ ތަޢުލީމު ޙާޞިލުކުރުމަށް ސަރުކާރުން ދޫކޮށްފައިވާ ފައިސާގެ ޢަދަދު 1 ބިލިޔަނަށް

ދިވެހި ދަރިވަރުންތަކެއް ދަސްވެނި ވަނީ. ފޮޓޯ؛ އެމް.އެން.ޔޫ.

ފަރުދުން
10 އޯގަސްޓު 2025، 12:16
10 އޯގަސްޓު 2025، 12:16
މަތީ ތަޢުލީމު ޙާޞިލުކުރުމަށް އަދާހަމައަށް ސަރުކާރުން 1 ބިލިޔަނަށް ވުރެ ބޮޑު ޢަދަދެއްގެ ފައިސާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ކަމަށް ތަފާސް ޙިސާބުތަކުން ހާމަވެއްޖެއެވެ.
މަތީ ތަޢުލީމާބެހޭ ވުޒާރާއިން މިއަދު ޝާއިޢުކުރި ތަފާސްޙިސާބުތަކުގައިވާ ގޮތުން، މިއަހަރުގެ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް، މަތީ ތަޢުލީމު ޙާޞިލުކުރަން ދޫކުރި ލޯނު ފައިސާ ވަނީ 1,011,811,520.95 (އެއް ބިލިޔަން، އެގާރަ މިލިޔަން، އަށް ލައްކަ އެގާރަ ހާސް، ފަސް ސަތޭކަ ވިހި ރުފިޔާ ނުވަދިހަ ފަސް ލާރި) އަށް އަރާފައެވެ. މީގެ ތެރޭގައި، 2025 ވަނަ އަހަރުގެ މިހާ ތަނަށް ދޫކުރި 311,441,221.95 (ތިން ސަތޭކަ އެގާރަ މިލިޔަން، ހަތަރު ސަތޭކަ ސާޅީސް އެއް ހާސް، ދުވިސައްތަ އެކާވީސް ރުފިޔާ ނުވަދިހަ ފަސް ލާރި) ހިމެނެއެވެ.
📊 Higher Education | Student Loan Statistics
— Min. of Higher Edu, Labour and Skills Development (@MoHEmv) August 10, 2025
🗓 Updated: 7th Aug 2025 pic.twitter.com/9Dqjx9HoJj
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހާމަކުރި ތަފާސް ޙިސާބުތަކުގެ ތަފުޞީލަށް ބަލައިލާ އިރު، ސަރުކާރުން މިހާތަނަށް 1,159 ފަރާތަކަށް ލޯނު ދޫކޮށްފައިވާއިރު، އޭގެތެރޭގައި 546 ފިރިހެން ދަރިވަރުން އަދި 613 އަންހެން ދަރިވަރުން ހިމެނެއެވެ. އަދި 2025 ވަނަ އަހަރުގެ މިހާ ތަނަށް 115 ފިރިހެން ދަރިވަރުންނާއި 167 އަންހެން ދަރިވަރުންނަށް ލޯނު ދޫކޮށްފައިވެއެވެ. މިއީ ޖުމުލަ ގޮތެއްގައި މިއަހަރު 282 ދަރިވަރުންނެވެ.
ސަރުކާރުން ލޯނު ދޫކުރި ފަރާތްތަކުގެ ތެރެއިން ދަސްވެނި ވެފައިވާ ދަރިވަރުންގެ ޢަދަދުތަކަށް ބަލައިލާ އިރު، އަދާހަމައަށް 964 ދަރިވަރުން ދަސްވެނިވެފައިވެއެވެ. އެއީ 558 ފިރިހެން ދަރިވަރުންނާއި، 406 އަންހެން ދަރިވަރުންނެވެ. މީގެ ތެރެއިން މިއަހަރު ދަސްވެނިވީ 227 ފިރިހެން ދަރިވަރުންނާއި 115 އަންހެން ދަރިވަރުންނެވެ. ވީމާ، ޖުމުލަ މިއަހަރު ދަސްވެނިވެފައިވަނީ 382 ދަރިވަރުންނެވެ.
ސަރުކާރުގެ ލޯނު އެހީގައި 1676 ދަރިވަރުން ރާއްޖެ ހިމެނޭހެން 40 ޤައުމެއްގައި މިހާރު ކިޔަވަމުން އަންނައިރު، އެއީ 681 ފިރިހެން ދަރިވަރުންނާއި 995 އަންހެން ދަރިވަރުންނެވެ.