ދުނިޔެ
އިންސާނީ އެހީގެ ފޮށިގަނޑެއް ދަށުވެ، ޣައްޒާގައި 15 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެ

އިންސާނީ އެހީގެ ފޮށިގަނޑެއް ދަށުވެ ޝަހީދުވި ކުއްޖާ

ފަރުދުން
10 އޯގަސްޓު 2025، 10:10
10 އޯގަސްޓު 2025، 10:10
އިންސާނީ އެހީގެ ގޮތުގައި ވައިގެ މަގުން ޣައްޒާއަށް ފޯރުކޮށްދިން ކާތަކެތީގެ ފޮށިގަނޑެއްގެ ދަށުވެ، 15 އަހަރުގެ ކުއްޖަކު ޝަހީދުވެއްޖެއެވެ. ޝަހީދުވެފައިވަނީ މުހައްނަދު ޒަކަރިއްޔާ ޢީދު ނަމަކަށް ކިޔާ ފިރިހެން ކުއްޖެކެވެ. އަލްޖަޒީރާއިން ޢާންމު ކޮށްފައިވާ ވީޑިއޯ އެއްގައި ފެންނަ ގޮތުން، ޣައްޖާގެ "ނެތުޒަރިމް ކޮރިޑޯރ" ސަރަޙައްދުގައި އެ ކުއްޖާގެ ހަށިގަނޑު ކައިރީ ގިނަ ބަޔަކު އެއްވެފައި ތިއްބެވެ. އެ ކުއްޖާގެ ހަށިގަނޑު އުފުލީ އެ ކުއްޖާގެ ބޭބެއެވެ.
"ކާތަކެތީގެ ތަދުމަޑުކަމާއި، އަހަރެމެން ދިރިއުޅޭ ދަތި ޙާލަތާ އެކުގައި ވެސް، މަތިންދާ ބޯޓުން ކަނޑަށް ވައްޓާލި އެހީ ބަލައި ދާން އަހަރެންގެ ކޮއްކޮ ބޭނުންވިއެވެ. އޭނާގެ މައްޗަށް ފޮށްޓެއް ވެއްޓި، ވަޤުތުން ޝަހީދުވީއެވެ." މުހައްނަދުގެ ބޭބެ އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ބުންޏެވެ.
ވައިގެ މަގުން އެހީ ފޯރުކޮށްދިނުމަކީ ނުރައްކާތެރި ކަމެއްކަން އ.ދ. އިން އަންގާފައިވީ ނަމަވެސް، އެއްގަމު މަގުން އެކަން ކުރުން އިސްރާއީލުން މަނާކޮށްފައި ވުމުގެ ސަބަބުން، ވައިގެ މަގުން އެހީ ފޯރު ކޮށްދިނުމަށް ހެޔޮއެދޭ ފަރާތްތަކަށް ވަނީ މަޖުބޫރު ވެފައެވެ.
"މިފަދަ ލާއިންސާނީ ގޮތްގޮތުގެ ނުރައްކަލާ މެދު އަޅުގަނޑުމެން ތަކުރާރުކޮށް އިންޛާރުދީ ހަދައިފީމެވެ. އަދި އެއްގަމު މަގުން، ރައްކާތެރި ފުދުންތެރި ގޮތެއްގައި އެހީ އެތެރެކުރަން ތަކުރާރުކޮށް ގޮވާލައިފީމެވެ. ޚާއްޞަ ގޮތެއްގައި ކާތަކެއްޗާއި، ކުޑަކުދީން ބޯ ކިރާއި، ބޭސްތަކާއި، ބޭސްފަރުވާގެ އާލާތްތަކެވެ." ޣައްޒާގެ މީޑިޔާ އިދާރާއިން ބުންޏެވެ.
އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، ވައިގެ މަގުން ފޯރުކޮށްދެވުނު އެހީތަކުގެ ސަބަބުން މިހާތަނަށް އެނގިގެން 23 ފަލަސްޠީނީން ޝަހީދުވެފައިވެއެވެ. އަދި 124 ފަލަސްޠީނީން ޒަޚަމުވެފައިވެއެވެ.
ޣައްޒާއަށް ބިމުގެ މަގުން ވަދެ ނުކުތުމަށް، އިސްރާއީލުގެ ބިމުގެ ޙިއްޞާއެއް ނެތި އޮންނަ ހަމައެކަނި އިމަކީ (ބޯޑަރަކީ) ރަފަޙާއި މިޞްރާ ދެމެދުގެ އިމެވެ. މި އަހަރުގެ މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ރަފަޙު އިމަށް ވެރިވެގަނެ، އެމީހުންގެ ބާރުގެ ދަށަށް އެ އިން ވަނީ ގެންގޮސްފައެވެ. މިއާއެކު، ޣައްޒާއަށް އިންސާނީ އެހީ އެތެރެކުރުމަށް އެ މީހުން ވަނީ ހުރަސްއަޅާފައެވެ. ނަތީޖާއެއްގެ ގޮތުން، ޣައްޒާގައި ކާބޯތަކެތި ތަދުމަޑުވެ، ޣައްޒާގެ ރަޢިއްޔަތުން ބަނޑަށް ޖެހެމުން ދެއެވެ.
ޣައްޒާއަށް އެހީ ވަނުން މަނާ ކުރުމުގެ އިތުރުން، އ.ދ. ގެ ފަހުގެ ތަފާސްޙިސާބުތަކުން ދައްކާ ގޮތުގައި، ޣައްޒާގެ ދަނޑުބިން ތަކުގެ %86 އަށް އިސްރާއީލުން ވަނީ އެކިވަރުވަރުގެ ގެއްލުންތައް ދީފައެވެ. އިސްރާއީލުގެ މި ލާއިންސާނީ ޢަމަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ޣައްޒާގައި ހައްދާ ގޮވާމާއި، މޭވާ އާއި، ތަރުކާރީގެ ބާވަތްތައް ހީނަރުވެ، ބޭރުން އެތެރެކުރާ ކާތަކެއްޗަށް ވަކީން ބޮޑަށް ވަނީ ބޭނުން ޖެހިފައެވެ.