ޚަބަރު
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި ދެ މީހުން: ފޮޓޯ/ފުލުހުން
ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި އޮޕަރޭޝަނަކީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، މިހިނގާ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު ރޭ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި މި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމާ އަދި ޤަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ ވިއްކައި ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕްރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ، ލ. ގަން / ތުނޑި. ފައިވްސްޓަރ، ޢަލީ ޝާމް (29އ) އާއި ހއ. ހޯރަފުށި / މީރަންގެ، ޢަލީ އަޢުފާން (20އ) އެވެ.
ފުލުހުން ވިދާޅުވީ، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް ހުއްޓުވައި ބަލައިފާސްކުރުމަށްފަހު ކަމަށެވެ. އަދި އެ މީހުން ދުއްވި ސައިކަލު ޓޯވކޮށް އަދި އެ ސައިކަލާއި މާލޭގައި އެ މީހުން ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް (17.06ގ) ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ މިއާއެކު، ބަނގުރާކަމަށް ބެލެވޭ އެޗެއްހުރި 500 އެމްއެލްގެ 18 ފުޅިއާއި 5 ލީޓަރުގެ ފުޅިއެއްގެ އިތުރުން ބަނގުރާ އުފެއްދުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާއި ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މި މައްސަލަ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.