Ads by Stelco

ޚަބަރު

އެމްއެންޑީއެފް ކޯސްޓްގާޑު 13 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ ދަރިވަރުން ދަސްވެނިވެއްޖެ

އެމްއެންޑީއެފް ކޯސްޓްގާޑު 13 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ ދަރިވަރުން ދަސްވެނިވެއްޖެ

އެމްއެންޑީއެފް ކޯސްޓްގާޑު 13 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ ދަރިވަރުން ދަސްވެނިވުން/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޯގަސްޓު 2025، 04:01

07 އޯގަސްޓު 2025، 04:01

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ކޯސްޓްގާޑު 13 ވަނަ ބޭސިކް ޑައިވިންގ ކޯހުގެ ދަރިވަރުން ދަސްވެނިވެއްޖެއެވެ.

ޅ. މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރުގައި މިއަހަރުގެ މެއިމަހުގެ 7 ވަނަ ދުވަހުން ފެށިގެން އޮގަސްޓު 7 ވަނަ ދުވަހުގެ ނިޔަލަށް ހިންގި މި ކޯހުގައި ޖުމްލަ 16 ދަރިވަރުން ބައިވެރިވިއެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުގެ 7 ސިފައިން ހިމެނެއެވެ. އެއީ، ސްރީލަންކާ އަސްކަރިއްޔާގެ 3 ސިފައިންނާއި، އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، އަދި މެލޭޝިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ 4 ސިފައިން ކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.

މި ކޯހަކީ، ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކުރުމަށް ފަހު އެމްއެންޑީއެފްގެ ޚިދުމަތާ އަލަށް ގުޅޭ ސިފައިންނާއި، އެމްއެންޑީއެފްގައި ވަޒީފާ އަދާކުރަމުންދާ ސިފައިންގެ ތެރެއިން ޑައިވިންގެ މަސައްކަތަށް ޚާއްޞަ އަސާސީ ތަމްރީނެއް ލިބިފައި ނުވާ ސިފައިންނަށް އަމާޒުކޮށްގެން، ޑައިވިންގެ އަސާސީ ޢިލްމާއި ހުނަރު ދަސްކޮށްދިނުމަށް ކުރިއަށްގެންދާ ކޯހެކެވެ. އެގޮތުން، މި ކޯސް ފުރިހަމަކުރާ ފަރާތްތަކަކީ ކަނޑުގައި ދިމާވެދާނެ ކޮންމެ ޙާލަތެއްގައި ވެސް ހުނަރުވެރިކަމާ އެކު ޑައިވަރެއްގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ކުރިމަތިލާން ކެރޭ، ޖިސްމާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެންދާނެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މި ކޯހުގައި ދަރިވަރުންނަށް އުނގަންނައިދެވުނު ބައިތަކުގެ ތެރޭގައި ޑައިވިންގ ހިސްޓްރީ އެންޑް ރެގިއުލޭޝަން، ފިޒިކަލް އެޑިޔުކޭޝަން، ފިޒިކްސް އެންޑް ފިޒިއޮލޮޖީ އޮފް ޑައިވިންގ، ޑައިވިންގ އިކްއިޕްމެންޓްސް އެންޑް އެސަސަރީސް، ޑައިވިންގ ޓޭބަލް އެންޑް ކޮމްޕިއުޓަރޒް، ޑައިވިންގ ފަސްޓްއެއިޑް، ޑައިވިންގ ސްކިލް، ޑައިވިންގ އޮޕަރޭޝަން، ވެސަލް ރެސްކިޔު އެންޑް ސެލްވޭޖް، ޑައިވިންގ ކޮމިއުނިކޭޝަން، ޑައިވިންގ ސަރޗް ޕެޓާންސް އަދި ދަރިވަރުންގެ އެޓިޓިއުޑް ހިމެނޭ ކަމަށެވެ.

ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯސް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ކޯހުން ފާސްވި ދަރިވަރުންނަށް ޑައިވަރސް ބެޖާއި ލިޔުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް ހަވާލުކޮށްދެއްވާފައިވާއިރު، ކޯހުގެ އިންސްޓްރަކްޓަރުންނަށް އެކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ރިޒްމީ ވަލީދެވެ.

މީގެ އިތުރުން، މި ކޯހުގެ "ފަސްޓް އިން މެރިޓު އެވޯޑް" ޙާސިލުކޮށްފައިވަނީ އެމްއެންޑީއެފް ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕްގެ ޕްރައިވެޓް މުޙައްމަދު އަރުޒާން އިސްމާޢީލްއެވެ. އަދި "ބެސްޓް ޑައިވަރ" ގެ އެވޯޑް އެމްއެންޑީއެފް ސްޕެޝަލް އޮޕަރޭޝަން ގުރޫޕްގެ ސާޖަންޓް ޢަބްދުﷲ ފިކުރީ ހާސިލުކޮށްފައިވާއިރު، "ބެސްޓް ފޮރިންގ ޑައިވަރ" ގެ އެވޯޑު ހާސިލުކުރީ މެލޭޝިއާ ނޭވީއަށް ނިސްބަތްވާ އޭބީ ސީމަން އަލްފޮންސަސް ބޭކިންއެވެ. ހަމަ މިއާއެކު، ކޯހުގެ "ފިޓެސްޓް ޑައިވަރ" އެވޯޑް ހާސިލުކޮށްފައިވަނީ އެމްއެންޑީއެފް ސްޕެޝަލް ފޯސަސްގެ ލާންސް ކޯޕްރަލް އިބްރާހީމް އާނިމް އަޙްމަދެވެ.

މި ރަސްމިއްޔާތުގައި، އެމްބެސެޑަރ އެޓް ލާޖް އޮނަރަބަލް ޑރ. މުޙައްމަދު ފަހުމީ ޙަސަންއާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަންއާއި، ދިވެހިރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައިކަމިޝަންގެ ތާޑް ސެކެޓްރީ އެމްޑީ ޒިލާއުއް ރަޙްމާންއާއި، އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ، ކެޕްޓަން ދީޕަކް ބާލީ ބައިވެރިވެވަޑައިގެންފައިވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން