ޚަބަރު
މީޑިއާތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ހިލޭ ލިބޭނެ ގޮތަށް ނިއުސް އެޖެންސީއެއް ގާއިމުކުރަނީ

"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ފަރުދުން
07 އޯގަސްޓު 2025، 01:01
07 އޯގަސްޓު 2025، 01:01
"ގައުމީ ނިއުސް އެޖެންސީ" އެއް އުފެއްދުމަށްޓަކައި، ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އާއި ޕަބްލިކް ސާރވިސް މީޑިއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު އިބްރާހީމް ވަހީދުއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.
މި ފަހުމުނާމާގެ ދަށުން ގާއިމްކުރާ ނިއުސް އޭޖެންސީގެ ތެރެއިން މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޚަބަރާއި މަޢުލޫމާތު ޑިޖިޓަލް ޕޯޓަލްއެއްގެ ތެރެއިން ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިޚިދުމަތަކީ، ރަޖިސްޓްރީ ކުރާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ޚަބަރާއި މައުލޫމާތު، އަދި އެކަމަކާ ގުޅޭ ފޮޓޯ އާއި ވީޑިއޯ ފަސޭހަކަމާއެކު ލިބިގެންދާނެ ޚިދުމަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ހަބަރާއި މަޢުލޫމާތު ފެތުރުމުގެ ދާއިރާއިންނާއި މައުލޫމާތު ލިބިގަތުމުގައި ހުރި ފަސޭހަތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅު ތެރޭގައި ހިމެނޭ މުހިއްމު އެއް ސިޔާސަތެވެ.