ދުނިޔެ
ޖަރުމަނުވިލާތުގައި އުފަންވި ކުއްޖެއްގެ ނަމަކަށް "ޔަޙްޔާ ސިންވާރު"، ދެބަސްވުންތަކެއް އުފެދިއްޖެ

ލެއިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލުން ކޮށްފައިވާ ޕޯސްޓު.

ފަރުދުން
07 އޯގަސްޓު 2025، 11:52
07 އޯގަސްޓު 2025، 11:52
ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކަންހިނގާ ގޮތުގައި، ކުޑަދަރިފުޅަށް ނަންކިޔުމަކީ ކުއްޖާގެ މައިންބަފައިންނަށް ލިބިގެންވާ ޙައްޤެކެވެ. އެނަކަމަކީ ހުތުރު ނަމަކަށް ނުވާ ނަމަ، މައިންބަފައިން ބޭނުން ކޮންމެ ނަމެއް ވެސް ކުޑަދަރިފުޅަށް ކިޔެއެވެ. ނަމަވެސް، މިފަހަކުން ޖަރުމަނުވިލާތުގެ ލެއިޕްޒިގް ޔުނިވާރސިޓީ ހޮސްޕިޓަލުގައި އުފަންވި ކުއްޖަކަށް "ޔަޙްޔާ ސިންވާރު" ގެ ނަމުން ނަންދިނުމުން، އެކަމާ ވިދިގެން އިޖުތިމާޢީ ވިޔުގަތަކުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދުނެވެ.
ލެއިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލަކީ، އެހޮސްޕިޓަލުގައި އުފަންވާ ކުދިންގެ ނަންތައް ކޮންމެ ދުވަހަކު ވެސް ޙިއްޞާ ކުރާ ހޮސްޕިޓަލެކެވެ. އެހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި، އެހޮސްޕިޓަލުން މިކަން ކުރަނީ މައިންބަފައިންގެ ރުހުމާ އެކުގައި، ދުނިޔެއަށް އަލަށް އުފަންވާ ކުދިންނަށް މަރުޙަބާ ކިޔުމުގެ ނިޔަތުގައެވެ. މިގޮތުން، މިއޮގަސްޓު މަހުގެ 3 ވަނަ ދުވަހުގެ 3:34 ގައި އުފަންވި "ޔަޙްޔާ ސިންވާރު" ކިޔާ ކުއްޖެއްގެ ނަން، އެހޮސްޕިޓަލުގެ އިންސްޓަގްރާމް ގައި ވަނީ ޙިއްޞާ ކޮށްފައެވެ. ނަމަވެސް، މިޕޯސްޓު ވައިރަލްވެގެން ގޮސް، ޙަމާސްގެ އިހުގެ ލީޑަރުގެ ނަމުން ޔޫރަޕުގެ ޤައުމެއްގައި ކުޑަކުއްޖަކަށް ނަންދީފައިވުމުން، ޔޫރަޕާއި ހުޅަނގުގެ ގިނަ ފަރާތްތަކެއް މިކަމާ މެދު ނުރުހުން ފާޅު ކޮށްފައިވެއެވެ. އެފަދަ މީހުން ބުނާ ގޮތުގައި، މުސްލިމު "އިރުހާބީ" (terrorist) އެއްގެ ނަމުން އެމީހުންގެ ޤައުމުތަކުގައި ކުޑަކުދިންނަށް ނަންދިނުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫނެވެ.
މިކަމުގައި ވާހަކަދެއްކި ބައެއް މުސްލިމް އެކައުންޓުތަކުން ބުނެފައިވާ ފަދައިން، ކަމުގެ ޙަޤީޤަތަކީ: އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅުވެރިވެ، ފަލަސްޠީނާ އެއްބައިވާ މީހުން ހުޅަނގެ ޢާންމުންގެ މެދުގައި ގިނަވަމުން ދާތީ، އެކަމާ އެމީހުން ކަންބޮޑުވަމުން ދާ ކަމެވެ. ކޮންމެއަކަސް، ލެއިޕްޒިގް ޔުނިވަރސިޓީ ހޮސްޕިޓަލުން ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓަށް ލިބުނު ގިނަ އިދިކީލި (negative) ރައްދުތަކުގެ ސަބަބުން، އެހޮސްޕިޓަލުން އެޕޯސްޓު ޑިލީޓު ކުރުމަށް ވަނީ ނިންމާފައެވެ. މިކަމަށް "މަޢާފަށް އެދެމުން" އެހޮސްޕިޓަލުން ބުނީ، އަލަށް އުފަންވާ ކުދިންނަށް މަރުޙަބާ ކިޔުމަކީ އެހޮސްޕިޓަލުގެ ޢާދަ ކަމަށާއި، ދީނީ ނުވަތަ ސިޔާސީ އެއްވެސް މަޤުޞަދެއް އެހޮސްޕިޓަލުގެ ނެތްކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކުރީގެ ޙަމާސް ލީޑަރު އައްޝަހީދުލް މަރްޙޫމް ޔަޙްޔާ ސިންވާރަށް ޔޫރަޕާއި ހުޅަނގުގެ ޤައުމުތަކުގައި ގިނަ ބައެއްގެ އިޙުތިރާމު ލިބިފައި ވެއެވެ. އޭނާ ޝަހީދުވުމަށް ފަހު، އޭނާގެ ނަމަށް ޔޫރަޕުގެ ޤައުމުތަކުގައި އިތުރު މަޤުބޫލުކަމެއް ލިބިގެން ދިޔައެވެ. މިކަމަކީ ޖަރުމަނަށް ޚާއްޞަ ކަމެއް ނޫނެވެ. އިނގިރޭސިވިލާތުގެ ތަފާސް ޙިސާބު ތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޔަޙްޔާ ސިންވާރު ޝަހީދުވުމާ ގުޅިގެން، އިނގިރޭސިވިލާތުގައި "ޔަޙްޔާ" މިނަމަށް ބޮޑު ޝުހުރަތެއް ލިބިގެން ދިޔައެވެ. މިގޮތުން، "ޔަޙްޔާ" މިނަން އިނގިރޭސި ވިލާތުގެ އެންމެ މަޤުބޫލު ނަންތަކުގެ ލިސްޓުގައި 33 ދަރަޖަ ކަޑައްތުކޮށް، އެލިސްޓުގެ ގަދަ 100 ގައި ވަނީ ހިމެނިފައެވެ. މިދިޔަ އަހަރު އިނގިރޭސިވިލާތުގައި 583 ކުއްޖަކަށް މިނަން ކިޔާފައިވާ އިރު، އެޤައުމުގެ އެންމެ މަޤުބޫލު ކުޑަކުދިންގެ ނަންތަކުގެ ލިސްޓުގެ 93 ވަނައަށް އެނަން ވަނީ އަރާފައެވެ.

އިނގިރޭލިވިލާތުގެ "ޤައުމީ ތަފާސްޙިސާބުތަކާ ބެހޭ އިދާރާ" އިން ޝާއިޢުކޮށްފައިވާ ލިސްޓު.