ޚަބަރު
ސިޔާސީ ފިކުރެއްގެ ސަބަބުން މުވައްޒަފުން ވަޒީފާއިން ވަކިނުކުރައްވާނެކަން ރައީސް ދަނީ ސާބިތުކޮށްދެއްވަމުން: ވަޒީރު ޝިޔާމް

މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް/ފޮޓޯ: ދިޔަރެސް
ތާއީދުކުރާ ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެކަން ރައީސް ދަނީ ސާބިތުކޮށްދެއްވަމުންކަމަށް މަސްވެރިކަމުގައި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވިދާޅުވެއެޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އަދުގެ ސަރުކާރާއި ގުޅުވައިގެން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅަކަށް ރައްދު ދެއްވަމުންނެވެ.
އަބްދުﷲ ޝާހިދު ވަނީ، ޕީއެންސީގެ ލިސްޓަކަށް އެޗްޑީސީގައި ވަޒީފާ އަދާކުރަމުންދިޔަ 5 ދާއިމީ މުވައްޒަފަކު ސަސްޕެންޑުކުރި ކުރުމުން ހާމަވަނީ ރައީސް މުޢިއްޒުގެ އަނިޔާވެރިކަން ކަމަށް ބުނެފައެވެ. ހަމަ އެހެންމެ، ވަޒީފާގެ ބިރުވެރިކަން އުފައްދައި އަނިޔާވެރިކަން ދައްކައިގެން ރައްޔިތުން ފަހަތަށް ޖެއްސޭނެކަމަށް ހީފުޅުކުރެއްވުމަކީ ގޯހެއްކަމަށާއި، މީގެ ކުރިންވެސް މި ސަރުކާރުންވަނީ ހައުސިންގ މިނިސްޓްރީގެ ދާއިމީ މުއައްޒަފުންތަކެއް ވަޒީފާއިން ވަކި ކޮށްފައިކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.
މި ވާހަކަތަށް ރައްދު ދެއްވަމުން ވަޒީރު ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދިވެހި ޤައުމާއި ޚާއްޞަކޮށް ދިވެހި ރައްޔިތުންނާއި ދޭތެރޭގައި ކަންތައް ކުރިގޮތް ރައްޔިތުން އަދި ހަނދާނުން ނުނެތޭކަމަށެވެ. ހަމަ އެހެންމެ، ނިމިދިޔަ ސަރުކާރުގެ ވެރިކަން ފެށިގޮތަށް މާލެއާ ރަށްރަށުގައި ފެނަކަފަދަ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދިޔަ އެތައް ސަތޭކަ ކުދިންނެއް ޕާޓީގެ އެކްޓިވިސްޓުންގެ އެދުމަށް ވަޒީފާތަކުން ވަކިކޮށް، އަދި އޮފީސްތަކުގައި ދާއިމީ ޒިންމާދާރު ވަޒީފާތަކުގައި ތިބި ފަރާތްތައް ޒިންމާތަކުން އެކަހެރިކޮށް، އެވީ އަނިޔާއަކީ ދުވަހަކުވެސް އެއާއިލާތަކުން ހަނދާން ނެތޭނެ ކަންކަމެއް ނޫންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ތާއީދު ކުރާ ސިޔާސީ ފިކުރެއްގެ ސަބަބުން އެއްވެސް މުއައްޒަފަކު ވަޒީފާއިން ވަކިނުކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައިވާ ކަމަށެވެ. އަދި މިއަދާއި ހަމައަށް ވެސް ރައީސް ގެންދަވަނީ އެކަން ސާބިތުކޮށްދެއްވަމުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ހަމަ މިއާއެކު، އަމިއްލަ ޕާޓީތެރޭގައި ރިޔާސީ ކެނޑިޑޭޓުން ގިނަވެ، އިންތިހާއަށް ކޯޅުން ގިނަވުމުގެ ސަބަބުން ދައްކަވާނެ ވާހަކައެއް ނެތިގެން އުޅުއްވާކަހަލަ ގޮތަކަށް އަބްދުﷲ ޝާހިދުގެ ޢަމަލުތައް ފެނިވަޑައިގަންނަވާކަމަށް ވަޒީރު ވިދާޅުވިއެވެ.