ޚަބަރު
މޫސުން ގޯސްވުމުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ | ފޮޓޯ: އަވަސް އެމްވީ
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން އުތުރާއި މެދުރާއްޖެތެރެއަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 15:30 އިން ފެށިގެން މިރޭ 21:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، އެ ސަރަޙައްދުގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް މިހާރު މިކުރާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި މިހާރު މިކުރާ ވިއްސާރަ ހުކުރު ދުވަހުން ފެށިގެން އަލިކުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.