ޚަބަރު
ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާގެ މަޤާމަށް ހެންވޭރު ހޯސްޓްސައިޑް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ، އުއްތަމަފަނޑިޔާރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އައްޔަނުކުރައްވާފައިވަނީ ޤާނޫނުއަސާސީގެ 147 ވަނަ މާއްދާގެ ދަށުންނެވެ. މި ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވާފައިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދުއެވެ. އަދި އުއްތަމަފަނޑިޔާރުކަމުގެ ހުވައިކުރެއްވުމަށްފަހު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ ހުވައިގެ އިޤްރާރުގައި ސޮއިކުރައްވާފައެވެ.
މި މަޤާމާއި ހަވާލުވެވަޑައިގަތުމާއި ހަމައަށް ޢަބްދުލްޣަނީ ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަޤާމުގައެވެ. މީގެ އިތުރުން، އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރ ކަމާއި، ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ. ހަމަ މިއާއެކު، އެމަނިކުފާނުގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި، ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި، ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި، ޖުޑިޝިއަލް ސާރވިސް ކޮމިޝަނުގެ މެންބަރުކަން ވަނީ އަދާކުރައްވާފައެވެ.
އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލް.އެލް.ބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވާފައެވެ. އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވާ ވިދާޅުވަމުންނެވެ.
އުއްތަމަފަނޑިޔާރުގެ މަޤާމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް ފާސްވީ މަޖިލީހުގެ ތަޅުމުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.