ޚަބަރު
މިދިޔަމަހު ވޭޕާއި ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 127،000ރ އަށް

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: އެޑިޝަން އެމްވީ
ނިމިދިޔަ ޖުލައި މަހު ވޭޕާއި ގުޅޭ މައްސަލަތަކުގައި ޖޫރިމަނާކުރި އަދަދު 127،000 ރުފިޔާއަށް އަރާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ފާއިތުވި ޖުލައި މަހުގެ އެއްވަނަ ދުވަހުން ފެށިގެން 31 ގެ ނިޔަލަށް ވޭޕް އާއި ގުޅޭ އެކި މައްސަލަތަކުގައި ޖުމްލަ 22 މީހުން 127،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ނިމިދިޔަ ޖުލައި މަހު ވޭޕާއި އީ- ސިނގްރޭޓާއި ގުޅުންހުރި މައްސަލަތައް:
- ވޭޕް އަދި އީ-ސިނގްރޭޓް ގެންގުޅެގެން 8 މައްސަލަ
- ވޭޕް އަދި އީ-ސިނގްރޭޓް ބޭނުން ކޮށްގެން 6 މައްސަލަ
- ވޭޕް އަދި އީ-ސިނގްރޭޓާ ގުޅުންހުރި އެހެނިހެން 1 މައްސަލަ
މީގެ އިތުރުން، މިދިޔަ މަހު ވޭޕް ބޭނުންކޮށްގެން ޖުމްލަ 13 މީހަކު 62,000 ރުފިޔާއިން ޖޫރިމަނާކޮށްފައިވެއެވެ. ހަމަ މިއާއެކު، ވޭޕް ގެންގުޅެގެން 9 މީހަކު 58,000 ރުފިޔާއިން ރުފިޔާއިން ޖޫރިމަނާކޮށްފައިވާއިރު، ވޭޕްގެ ވިޔަފާރިކޮށްގެން އެކަކު 7000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި، ވިއްކުމާއި، ހިލޭ ބެހުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އަމަލުކުރަން ފަށާފައިވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު 15 ވަނަ ދުވަހުން ފެށިގެންނެވެ. މި ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތައް އެތެރެކުރުމުން 50,000 ރުފިޔާއިން ޖޫރިމަނާކުރެވޭނެއެވެ. އަދި އެތެރެކުރާ ކޮންމެ ވޭޕަކަށް 10,000 ރުފިޔާގެ މަގުން އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ޤާނޫނުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ، އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުން ކުރާ ޖޫރިމަނާގެ އިތުރުން 50,000 ރުފިޔާގެ އިތުރު ޖޫރިމަނާއެއް ކުރެވޭނެއެވެ.
ފުލުހުންގެ ޚިދުމަތުން ވަނީ ޤާނޫނާ ޚިލާފުވާ ފަރާތްތަކަށް މޯބައިލް ފޯނުގެ ޒަރީއާއިން ކުރު މެސެޖެއް ފޮނުވައި، ވާރު ޕޭގެ ޕޭމަންޓް ލިންކެއް މެދުވެރިކޮށް ޖޫރިމަނާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައެވެ. އަދި ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް އާންމުން ފުރިހަމައަށް އަމަލުކުރުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި ފުލުހުންގެ ޚިދުމަތަށް އެއްބާރުލުން ދިނުމަށް އިލްތިމާސްކޮށްފައިވެއެވެ.