ދުނިޔެ
އެއްދުވަހުގެ ތެރޭގައި ޖަޕާނުގެ ހޫނުގަދަކަމުގެ ރެކޯޑު ދެފަހަރަށް މުގުރާލައިފި

ހޫނުގަދަކަމުގެ ސަބަބުން، ޖަޕާނުގެ ޓޯކްޔޯގައި ރައްޔިތުން ކުޑަ ހިފައިގެން.

ފަރުދުން
05 އޯގަސްޓު 2025، 02:53
05 އޯގަސްޓު 2025، 02:53
ޖަޕާނުގެ ހޫނުގަދަކަމުގެ ރެކޯޑު މިއަދު ވިދިވިދިގެން 2 ފަހަރަށް މުގުރިފައިވާ ކަމަށް އެޤައުމުގެ މެޓު އޮފީހުން ހާމަކޮށްފިއެވެ. މިއަދު ޖަޕާނުގެ އިސެސާކީ ސަރަޙައްދުގެ ފިނިހޫނުމިން 41.6 ޑިގުރީ ސެލްސިއަސް އަށް އަރާފައިވާ އިރު، އޭގެ އިރުކޮޅެއް ފަހުން އެޢަދަދު 41.8 ޑިގުރީ އަށް އުފުލިފައިވެއެވެ.
މިއަދު އިސެސާކީ ސަރަޙައްދުން ރެކޯޑު ކުރެވުނު ދެ ޢަދަދަކީ، މިދިޔަ ހަފުތާގައި ހްޔޯގޯ ސަރަޙައްދުގައި ޘާބިތުކުރެވުނު ރެކޯޑު ކަމުގައިވާ 41.2 ޑިގުރީ ގެ ރެކޯޑު މުގުރާލި ފުރަތަމަ ފަހަރެވެ. މިއާ އެކު، ޖަޕާނުގެ ފިނިހޫނުމިން އަރާފައިވާ ކަމަށް މިހާތަނަށް ދެނެގަނެވިފައިވާ އެންމެ މަތީ ޢަދަދަކީ މިއަދު ރެކޯޑު ކުރެވުނު 41.8 ޑިގުރީ އެވެ.
ޖައްވު ހޫނުގަދަވުމަކީ މުޅި ދުނިޔެއަށް ވެސް ކުރިމަތި ވަމުން ދާ ޢާލަމީ މައްސަލައަކަށް ވީ އިރު، ޖަޕާނުގެ ތިމާވެށްޓަށް މިކަމުގެ ނޭދެވޭ އަޘަރުތައް އެކި ގޮތްގޮތުން ކުރެއެވެ. މިގޮތުން، ޖަޕާނުގެ ޗެރީ ގަސްތަކަށް މާފޮޅުމުގެ މައްސަލަތަކެއް ދިމާ ވެފައިވާ ކަމަށާއި، ދަނޑުގޮވާންތައް ހެއްދުމުގައި ދަތިތަކާ ކުރިމަތިވެފައިވާ ކަމަށް ޖަޕާނުގެ ތަޖުރިބާކާރުން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ކޮންމެ އަހަރެއްގެ އޮކުޓޫބަރު މަހު ޖަޕާނުގެ މަޝްހޫރު މައުންޓް ފޫޖީ ފަރުބަދައަށް ވެހޭ ގަނޑުފެން، މިދިޔަ އަހަރު ފެނިފައިވަނީ ނޮވެމްބަރު މަސް ފެށުނު ފަހުންނެވެ.
ޖަޕާނު މިހާރު ތަޖުރިބާކުރަމުންދާ ހޫނުމޫސުމުގެ ގަދަ އަވިން ރައްކާތެރިވުމުގެ ގޮތުން، އޭ.ސީ. ކޮށްފައި ހުންނަ ކޮޓަރިތަކުގައި ތިބުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް، ޖަޕާނުގެ އޮފިޝަލުން ވަނީ އިލްތިމާސްކުރައްވާފައެވެ.