ޚަބަރު
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފި

އަބްދުލްޣަނީ މުޙައްމަދު--
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަދި ޓެކްސް އެޕީލް ޓްރިބިއުނަލްގެ ރައީސްގެ މަޤާމުގައި ހުންނެވި އަބްދުލްޣަނީ މުޙައްމަދު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 62 މެންބަރުންގެ އިއްތިފާގުންނެވެ.
އުއްތަމަ ފަނޑިޔާރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުން ޣަނީގެ އިތުރުން ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި ފެމިލީ ކޯޓުގެ ގާޒީ އަދި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބްދުﷲ މުހައްމަދު ކުރިމަތި ލެއްވިއެވެ. އެ ތިން ބޭފުޅުންނާ އިންޓަރވިއުކުރުމަށްފަހު ޖުޑީޝަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން އިސްކަން ދެއްވާފައިވަނީ އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމަށެވެ.
ހަމަ އެހެންމެ، ރައީސުލްޖުހުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީގައި ވެސް ވަނީ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް ޢަބްދުލްޣަނީ މުޙައްމަދު އައްޔަންކުރެއްވުމަށް ޖޭއެސްސީން އެމަނިކުފާނަށް ލަފާދެއްވާފައިވާކަމަށް ބަޔާންކުރައްވާފައެވެ. ހަމަ މިއާއެކު، އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރުމުގެ މައްސަލަ މަޖިލީހަށް ހޯމަ ދުވަހު ހުށައެޅުމާއެކު، ހަމަ އެ ދުވަހު އުއްތަމަ ފަނޑިޔާރުކަމަށް އަބްދުލްޣަނީ މުޙައްމަދު އައްޔަންކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ރުހުންދެއްވިއެވެ.
އުއްތަމަ ފަނޑިޔާރުގެ މަޤާމަށް މީހަކު އައްޔަނުކުރުމަށް އިޢުލާނުކޮށްފައި ވަނީ، އެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަޙްމަދު މުޢުތަސިމް އަދުނާން މިދިޔަ މަހު މަޤާމުން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.