Ads by Stelco

ޚަބަރު

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު |ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

05 އޯގަސްޓު 2025، 01:28

05 އޯގަސްޓު 2025، 01:28

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެގޮތުން، ޚާއްޞަ އިނާމާބެހޭ ކޮމިޓީން މިއަދު ވަނީ މި ފުރުޞަތު ހުޅުއްވައިލައްވައި، ޚާއްޞަ އިނާމު ދިނުމާ ގުޅޭ އުސޫލު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް ނަން ހުށަހެޅުމަށް ހަމަޖެހިފައިވަނީ، ހަމައެކަނި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ "ފޯމު ހުށަހެޅުން" http://apply.presidency.gov.mv މި ޕޯޓަލް މެދުވެރިކޮށްގެން ކަމަށެވެ. އަދި ފޯމު ހުށަހެޅޭނީ، މިއަދުން ފެށިގެން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށްކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ޚާއްޞަ އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ ޖުމްލަ 4 ގިންތިއަކުންނެވެ. އެގޮތުން، ފުރަތަމަ ގިންތިއަކީ މަތީ ތަޢުލީމާއި ތަމްރީނުގެ ކޯހަކުން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކަށް އިނާމުދޭ ގިންތިއެވެ. މި ގިންތީގައި ހިމެނެނީ، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯދާފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ނުވަތަ 9ގެ ސަނަދެއް ހާސިލުކުރުމުގައި، މަތީ ތަޢުލީމުދޭ މަރުކަޒަކުން ކަނޑައަޅާ އެންމެމަތީ ދަރަޖައިގައި ކޯހުން ފާސްވެ، އެ މަރުކަޒަކުންދޭ އެންމެމަތީ ޝަރަފު ލިބޭ ފަރާތްތަކެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު މި އަހަރު ދެއްވުމަށް ހަމަޖެހިފައިވާ 2ވަނަ ގިންތިއަކީ، ރާއްޖެ ތަމްސީލުކުރުމަށްޓަކައި ބައިވެރިވާ ބައިނަލްއަޤްވާމީ މަޢުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަޤްވާމީ މިނޫންވެސް މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ. އަދި 3ވަނަ ގިންތިއަކީ، ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން ނުވަތަ ޢިލްމީ ދިރާސާއެއް ކޮށްގެން ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމުގެ ގިންތިއެވެ.

މީގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު މި އަހަރު ދެއްވުމަށް ހަމަޖެހިފައިވާ 4ވަނަ ގިންތިއަކީ، ހުނަރުވެރި އަދި ފަންނުވެރި މަސައްކަތްތެރި ޒުވާނުން ޤައުމީ ތަރައްޤީއަށް ކުރާ އުފެއްދުންތެރި އީޖާދީ މަސައްކަތުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމު ދެއްވުމަށް ހިމަނުއްވާފައިވާ ގިންތިއެކެވެ. މި ގިންތިން އިނާމު ދެއްވުމަށް ހަމަޖެހިފައިވަނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށްކަމަށް ރައީސް އޮފީހުން މަޢުލޫމާތުދެއެވެ.

މި އިނާމަށް ނަން ހުށަހަޅުއްވާއިރު، ފޯމާއެކުގައި ހުށަހަޅުއްވަންޖެހޭ އެންމެހާ ލިޔުންތައް، ފޯމުގައި ބަޔާންކޮށްފައިވާ ގޮތަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރެއްވުމަށްފަހު ހުށަހެޅުއްވުމަށާއި، އިނާމަށް ހުށަހަޅާ ލިޔުންތަކަކީ، އަސްލާ އެއްގޮތް ލިޔުންތަކެއްކަން ކަށަވަރު ކުރުމަށްޓަކައި، އިނާމު ދިނުމާގުޅޭ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ސަމާލުކަން ދެއްވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން އެދިވަޑައިގަންނަވާފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ އިނާމު މި އަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން