ސައިންސް / ދުނިޔެ
ކެންސަރަށް ރަޝީޔާއިން އުފެއްދި ވެކްސިން އިންސާނުން ބޭނުންކޮށްގެން ތަހުލީލްކުރަން ފަށަނީ

ކެންސަރަށް އުފައްދާފައިވާ ވެކްސިން
ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ ދާއިރާއިންނާއި ޕާސަނަލައިޒްޑް މެޑިސިންގެ ދާއިރާއިން މުހިންމު ކުރިއެރުމެއް ހޯދުމުގެ ގޮތުން، ކޮވިޑް-19 ގެ ވެކްސިން 'ސްޕުޓްނިކް ވީ' އުފެއްދި ރަޝިއާގެ ގަމަލޭޔާ ނޭޝަނަލް ރިސަރޗް ސެންޓަރ ފޯ އެޕިޑިމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީން މި އަހަރު ވަނީ، ދުނިޔޭގެ ފުރަތަމަ ޕާސަނަލައިޒްޑް އެމްއާރްއެންއޭ (mRNA) ބޭސްކޮށްފައިވާ މެލަނޯމާ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ކްލިނިކަލް ޓްރަޔަލްތައް އަންނަ މަސްތަކުގެ ތެރޭގައި ފަށާނެ ކަމަށް އިއުލާންކޮށްފައެވެ.
ގަމަލޭޔާ ސެންޓަރުގެ ޑިރެކްޓަރ އެލެކްސެންޑަރ ޖިންޓްސްބަރގް ވަނީ މި ވެކްސިންގެ ތަޖުރިބާ ރަޝިއާގެ މައި އޮންކޮލޮޖީ އިދާރާތަކާ ގުޅިގެން 2025 ވަނަ އަހަރުގެ ސެޕްޓެންބަރު-އޮކްޓޯބަރު މަސްތަކުގައި ފެށޭނެކަން ކަށަވަރުކޮށްދެއްވާފައެވެ. މި ވެކްސިނަކީ ކޮންމެ ބަލިމީހެއްގެ ކެންސަރުގެ ޓިއުމަރުގެ ޖެނެޓިކް ހާލަތަށް ވަކިވަކީން ތައްޔާރުކުރާ ވެކްސިނެކެވެ.
މެލަނޯމާ އާއި އެމްއާރްއެންއޭ ވެކްސިންގެ ހާއްސަކަން:
މެލަނޯމާ ސެލްސް އުފެދެނީ މެލަނޯސައިޓްސް އިންނެވެ. މިސެލްތައް ބޮޑުވެ ކެންސަރަށް ބަދަލުވުމުން މެލަނޯމާ އުފެދެއެވެ. މިއީ ހަމުގެ އެންމެ ނުރައްކާތެރި ކެންސަރުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެންސަރެކެވެ. ކުރީކޮޅު ފަރުވާ ނުކުރެވިއްޖެނަމަ މިއީ ވަރަށް އަވަހަށް ފެތުރިދާނެ ކެންސަރެކެވެ.
އެމްއާރްއެންއޭ ނުވަތަ މެސެންޖަރ އާރުއެންއޭއަކީ ޑީއެންއޭއިން ސެލްގެ ޕްރޮޓީން އުފައްދާ މަސައްކަތްކުރާ ތަންތަނަށް ޖެނެޓިކް މައުލޫމާތު ފޯރުކޮށްދޭ މޮލެކިއުލްއެކެވެ. ވެކްސިންގައި މިއީ ވަކި ޕްރޮޓީންތައް (ބަލީގެ ސެލްތައް ދެނެގަތުމަށް ބޭނުންވާ ޕްރޮޓީންތައް) އުފެއްދުމަށް ބޭނުންވާ ކޯޑު ފޯރުކޮށްދޭ މެސެންޖަރެއް ފަދައެވެ. މިއިން ހަށިގަނޑުގެ ދިފާއީ ނިޒާމަށް ކެންސަރުގެ ސެލްތައް ދެނެގަނެ ނައްތާލުމަށް މަގުދައްކައެވެ.
މި ވެކްސިންގެ ޕާސަނަލައިޒްޑް ގޮތްގަނޑުގެ ސަބަބުން ކޮންމެ ބަލިމީހެއްގެ ޓިއުމަރުގެ ހާއްސަ ކުދިކުދި ބަދަލުތަކަށް އަމާޒުކޮށް ފަރުވާ ދިނުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ކެންސަރަށް ފަރުވާ ދިނުމުގައި ވަރަށް ބޮޑު އިންގިލާބެއް ގެނެސްދާނެ ކަމަށް ލަފާކުރެވެއެވެ. މިކަމުގެ ސަބަބުން މެލަނޯމާ ކެންސަރަށް ފަރުވާ ނުލިބިފައިވާ ފަރާތްތަކަށް އައު އުންމީދެއް ލިބިގެންދާނެއެވެ.