Ads by Stelco

ޚަބަރު

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިންނާއި ފުލުހުން އިލްތިމާސްކޮށްފި

ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިންނާއި ފުލުހުން އިލްތިމާސްކޮށްފި

އެމްއެންޑީއެފް ކޯސްޓުގާޑް/ފޮޓޯ: އެމްއެންޑީއެފް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 އޯގަސްޓު 2025، 03:25

04 އޯގަސްޓު 2025، 03:25

ހުލާސާ


ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ސިފައިންނާއި ފުލުހުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފުން) ވިދާޅުވީ، ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް މުޅި ރާއްޖެއަށް މޫސުން ގޯސްވެ، ވިއްސާރަވެ، ޢާންމު ގޮތެއްގައި ވައި ބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވުމާއި ގުޅިގެން ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، މި ދުވަސްވަރަކީ ސްކޫލު ޗުއްޓީ ދުވަސްވަރުކަމުން ކަނޑުމަގުން ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން ވަަނީ އެދިފައެވެ.

މީގެ އިތުރުން، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް ދަތުރުކުރައްވާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސްކުރެއެވެ. އަދި ރޭގަނޑު ދަތުރު ނުކުރެއްވުމަށާއި، މޫސުން ތަންނުދޭ ނަމަ މޫސުން ރަނގަޅު ވަންދެން ދަތުުރު ފަސްކޮށްލެއްވުމަށާއި، ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މިކަމާއި ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ދުވަސްވަރަކީ ވައިގަދަ އަދި ވިއްސާރަ ދުވަސްވަރަކަށް ވުމާއެކު ހިނގާފާނެ ހާދިސާތަކުން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، ވަކިން ޚާއްޞަކޮށް ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓުތަކުގައި ރައްކާތެރިކަމަށް ޖަހާފައިހުންނަ ފެންސުތައް ވަޔާ ނުދާނޭހެން ރަނގަޅަށް ހަރުކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން