ޚަބަރު
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރުނު ހުދު ސަމާލު ދަންމާލައިފި

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ | ފޮޓޯ: ޕީއެސްއެމް
ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ނެރިފައިވާ ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ދަންމާލައިފިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މިއަދާއި މިރޭ ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ވަނީ މިއަދު މެންދުރުފަހު 13:45 އިން ފެށިގެން މިރޭގެ 19:45 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރިފައެވެ. އަދި މި ވަގުތުތަކުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. މީގެ އިތުރުން، މި ވަގުތުތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ހުދު ސަމާލަކީ، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ހަމައަށް މިއަދު ނެރުނު 2 ވަނަ ސަމާލެވެ. އެ އިދާރާއިން ވަނީ، މިއަދު ހެނދުނު 09:45 އިން ފެށިގެން މެންދުރުފަހު 13:45 އާއި ހަމައަށް ވެސް އެ ސަރަޙައްދަށް ހުދު ސަމާލު ނެރިފައެވެ.
މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އެހެނިހެން ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.