ޚަބަރު
ދަނޑުވެރި ނަފާ ލޯނު: މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 45 ފަރާތަކަށް

ދަނޑުވެރިކަން ކުރަނީ/ފޮޓޯ: ޓޫ ތައުސަންޑް އައިލްސް
ދަނޑުވެރި ނަފާ ލޯނުގެ ދަށުން މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 45 ފަރާތަކަށްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ދަނޑުވެރި ނަފާ ލޯނަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އާއި ގުޅިގެން ދޫކުރާ ލޯނެކެވެ.
ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ނަފާ ލޯނަށް 2019 އިން ފެށިގެން ހުޅުވާލާފައިވާއިރު މިހާތަނަށް ލޯނު ދޫކޮށްފައިވަނީ 45 ފަރާތަކަށް ކަމަށެވެ. ހަމަ އެހެންމެ، މިހާތަނަށް ރަޖިސްޓަރ ކުރެވިފައިވަނީ ޖުމްލަ 6699 ދަނޑުވެރިންކަމަށް ވެސް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ދަނޑުވެރި ނަފާ ލޯނުގައި 2 ކެޓެގްރީއެއް ވަނީ ހިމަނާފައެވެ. އެއީ އެއްލައްކަ ރުފިޔާ އާއި ހަމައަށް ނެގޭ ލޯނަކާއި އެއްލައްކައިން ފެށިގެން 2 މިލިޔަނާއި ހަމައަށް ދޫކުރުމަށް ހަމަޖެހިފައިވާ ލޯނެކެވެ. މީގެ ތެރެއިން ކޮންމެ ލޯނަކަށްވެސް އަހަރަކު 6 އިންސައްތައިގެ އިންޓަރެސްޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް، އެއްލައްކަ ރުފިޔާއާއި ހަމައަށް ނެގޭ ލޯނު ދެއްކުމަށް އެންމެ ދިގު މުއްދަތަކަށް ކަނޑައަޅާފައިވަނީ 3 އަހަރެވެ. އަދި 2 މިލިޔަނާއި ހަމައަށް ދޫކުރާ ލޯނު ދެއްކުމަށް ދެނީ ގިނަވެގެން 7 އަހަރެވެ.
ދަނޑުވެރި ނަފާ ލޯނުގެ ތެރެއިން ގިނަ މީހުން ލޯނު ނަގާފައިވަނީ 2 މިލިޔަނާއި ހަމައަށެވެ. މިކަމާއި ގުޅިގެން ދަަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވާރޓިކަލް ފާރމިންގ، އަދި ގްރީން ހައުސް ފާރމިން އަށް ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާ ކަމަށެވެ.