ދުނިޔެ
ޣައްޒާގައި ފެނުގެ ކާރިސާ ބޮޑުވެ ގިނަ ބަޔަކު ފެނަށްޖެހިއްޖެ

ޣައްޒާގެ ރައްޔިތުން ބޯފެން ހޯދުމަށް ކިއުގައި
ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އާއި އަނިޔާވެރިކަމުގެ ސަބަބުން މިހާރު ފެނުގެ ހާލަތު ވަރަށް ބޮސްވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ސާފު ބޯފެނުގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، މިކަމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުވެރިކަން ވަނީ އުފެދިފައެވެ. މި ހާލަތާ ގުޅިގެން އިޒްރޭލުގެ ސިޔާސަތުތަކަށް އެގައުމުގެ ތެރެއިންނާއި ބޭރުންވެސް ފާޑުކިޔުންތައް އަމާޒުވެ، ތެލްއަވީވްގައިވެސް ބޮޑެތި މުޒާހަރާތައް ވަނީ ކުރިއަށް ގޮސްފައެވެ.
އޭއެފްޕީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގިނަ މަސްތަކެއް ވަންދެން ހިނގަމުންދާ ހަނގުރާމަ އާއި މީހުން ރައްކާތެރި ތަންތަނަށް ބަދަލުވާން ޖެހިފައިވާތީ، ޣައްޒާގެ ހާލަތު ވަނީ ނާޒުކުވެފައެވެ. ވައިގެ ހަމަލާތަކާއި ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާ ރައްޔިތުންނަށް މިހާރު ސާފު ބޯފެނުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާކަމަށް އެ ރިޕޯޓުގައި ބުނެއެވެ. މަދުމަދުން ފެން ޓޭންކަރުތައް ބައެއް އަވަށްތަކަށް ދިޔަ ނަމަވެސް، އެހީދޭ ޖަމިއްޔާތަކުން ދޫކުރާ ފެނުގެ މިންވަރު ގިނަ އާބާދީއަށް ބޭނުންވާ މިންވަރަށް ނުފުދެއެވެ.
ހަނގުރާމައިގެ ކުރީކޮޅު އިޒްރޭލުން ވަނީ ޣައްޒާއަށް ދޫކުރާ ފެން މުޅިން ކަނޑާލާފައެވެ. ފަހުން ޣައްޒާގެ އުތުރުގެ ބައެއް ސަރަހައްދުތައް އިޒްރޭލުގެ ގައުމީ ފެންކުންފުނި މެކޯރޮޓްއާ ގުޅުވާލި ނަމަވެސް، އެ ސަރަހައްދުތަކުގެ ރައްޔިތުން ބުނަނީ އެ މީހުންނަށް ފެން ލިބިފައިނުވާ ކަމަށެވެ.
ޣައްޒާ ސިޓީގެ ތަރުޖަމާނު އާސިމް އަލް-ނަބީހު ވިދާޅުވީ، މެކޯރޮޓްއާ ގުޅިފައިވާ ފެން ނެޓްވޯކް ދެ ހަފްތާއެއްހާ ދުވަސް ވަންދެން ހިނގާފައިނުވާ ކަމަށެވެ. މީގެ ސަބަބުން މުނިސިޕަލިޓީއަށް އެއްވެސްވަރަކަށް ފެން ލިބިފައިނުވާތީ، އެތައްހާސް ރައްޔިތުންގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ލޯކަލް އޮތޯރިޓީތަކާއި އިންޖިނިއަރުން ވަނީ ޣައްޒާގެ ފެނުގެ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓުކޮށްފައެވެ. ހަނގުރާމައިގެ ސަބަބުން މުހިންމު ފެން ހޮޅިތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ގިނަ ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުން އެއީ ނުވާނެކަމެއްކަމަށް އެ ފަރާތްތަކުން ބުނެއެވެ. ހޫނުމިން މަތިވަމުންދާ މި ދުވަސްވަރު ސާފު ބޯފެން ނުލިބުމަކީ އާއްމު ސިއްހަތަށް ބޮޑު ނުރައްކަލެކެވެ. އެހީދޭ ޖަމިއްޔާތަކުން އިންޒާރުދެނީ، ބަލިމަޑުކަން ފެތުރިދާނެކަމުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށާއި، ހާއްސަކޮށް ބާރުބޮޑުވެފައިވާ ހިޔާވަހިކަންދޭ މަރުކަޒުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް މިކަމުގެ އަސަރު ބޮޑުވާނެ ކަމަށެވެ.
ހަނގުރާމަ ކުރިއަށްދާ ވަރަކަށް، ބައިނަލްއަގްވާމީ ޖަމްޢިއްޔާތަކުން ގޮވާލަނީ ފެން ލިބޭނެގޮތް ހެދުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، މި ކާރިސާ އާއްމު ސިއްހަތަށް ކުރިމަތިވާ ކާރިސާއަކަށް ބަދަލުވިޔަ ނުދިނުމަށެވެ.
މިކަމާ ގުޅިގެން، އިސްރާއީލުން ޣައްޒާގެ ރައްޔިތުންނަށް ބަނޑުހައިހޫނުކަން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ބުނެ، ތެލްއަވީވް އާއި ނިއުޔޯކްގައި ވަނީ ބޮޑެތި މުޒާހަރާތަކެއް ކުރިއަށް ގޮސްފައެވެ. އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫގެ ސަރުކާރުގެ އަމަލުތަކާ ދެކޮޅަށް އޭނާގެ ރައްޔިތުންވެސް މަގުތަކަށް ނުކުމެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ތެލްއަވީވްގެ ނިއުސް އެޖެންސީ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ގިނަ އަދަދެއްގެ އިސްރާއީލް ރައްޔިތުން މަގުތަކަށް ނުކުމެ، ބަނޑުހައިކަމުގެ ޝިކާރައަކަށްވެފައިވާ ފަލަސްތީނުގެ ކުޑަކުދިންގެ ފޮޓޯތައް ހިފައިގެން މުޒާހަރާކޮށްފައިވެއެވެ. އިޒްރޭލީ މުޒާހަރާގެ ބައިވެރިން ނެތަންޔާހޫގެ ސަރުކާރުން އަވަހަށް ޣައްޒާއަށް އެހީގެ ސާމާނު ފޮނުވުމަށާއި ހަނގުރާމަ ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.