ދުނިޔެ

ފަލަސްތީނު ރެޑް ކްރެސެންޓްގެ މަރުކަޒަށް އިސްރާއީލުން ގަސްތުގައި ހަމަލާދިނުމުން މުވައްޒަފަކު ޝަހީދުވެއްޖެ

ފަލަސްތީނު ރެޑް ކްރެސެންޓްގެ މަރުކަޒަށް އިސްރާއީލުން ގަސްތުގައި ހަމަލާދިނުމުން މުވައްޒަފަކު ޝަހީދުވެއްޖެ

ފަލަސްތީނުގެ ރެޑް ކްރެސެންޓް މަރުކަޒަކަށް ހަމަލާ ދީފަ ފޮޓޯ:އަލް ޖަޒީރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

03 އޯގަސްޓު 2025، 04:18

03 އޯގަސްޓު 2025، 04:18

ފަލަސްތީނު ރެޑް ކްރެސެންޓް ސޮސައިޓީ (ޕީ.އާރު.ސީ.އެސް) ގެ މަރުކަޒަށް އިސްރާއީލުން ގަސްތުގައި ދިން ހަމަލާއެއްގައި އެ ޖަމްޢިއްޔާގެ މުވައްޒަފެއް ޝަހީދުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ހަފުތާ ބަންދުގެ ދުވަހެއްކަމަށްވާ އާދިއްތަ ދުވަހު ފަތިހުގެ ވަގުތެއްގައި ޚާން ޔޫނިސްގައި ހުންނަ ޕީ.އާރު.ސީ.އެސްގެ މަރުކަޒުގައެވެ.

ޕީ.އާރު.ސީ.އެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ހަމަލާގައި ޝަހީދުކޮށްލާފައިވަނީ އެ ޖަމްޢިއްޔާގެ މުވައްޒަފެއް ކަމަށްވާ އުމަރު އިސްލީމް ކަމަށެވެ. މީގެ އިތުރުން އެ ޖަމްޢިއްޔާގެ ދެ މުވައްޒަފަކަށްވެސް މި ހަމަލާގައި އަނިޔާވެފައިވާ ކަމަށް ބަޔާނުގައި ވެއެވެ. ކުރިން ލިބުނު ރިޕޯޓުތަކުގައި ބުނެފައިވަނީ އިސްރާއީލުގެ ސިފައިން ޚާން ޔޫނިސްގައި ހުންނަ ޕީ.އާރު.ސީ.އެސްގެ މައި މަރުކަޒަށް ހަމަލާދިނުމުގެ ސަބަބުން އަލިފާނުގެ ހާދިސާއެއް ހިނގައި، އެކަކު ޝަހީދުވެ، ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.

ޕީ.އާރު.ސީ.އެސް އިން ބުނެފައިވަނީ، އެ މަރުކަޒު ހުންނަ ތަން އިސްރާއީލުގެ ސިފައިންނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި، އަދި އެތަނުގައި "ރައްކާތެރިކަމުގެ ރަތް ނިޝާން" ބޮޑުކޮށް ފެންނަން ހުންނަ ކަމަށެވެ. އެހެންކަމުން، މި ހަމަލާ ދީފައިވަނީ ގަސްތުގައި ކަމަށް އެ ޖަމްޢިއްޔާއިން ތަކުރާރުކޮށް ބުނެފައިވެއެވެ.

ޕީ.އާރު.ސީ.އެސްގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، "ރެޑް ކްރެސެންޓްގެ ރައްކާތެރިކުރެވިފައިވާ މަރުކަޒަކަށް ގަސްތުގައި ދިންމި ހަމަލާއަކީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާ ޚިލާފުވާ ވަރަށް ބޮޑު ޖަރީމާއެއްކަމަށެވެ." މިފަދަ ހަމަލާތައް ހުއްޓާލުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް އެ ޖަމްޢިއްޔާއިން ވަނީ ގޮވާލާފައެވެ.

މި ހަމަލާއާ ގުޅިގެން ޕީ.އާރު.ސީ.އެސް އިން ވަނީ ބޮޑު ހިތާމައެއް ފާޅުކޮށް، ޝަހީދުވެފައިވާ އުމަރު އިސްލީމްގެ ޢާއިލާއަށް ތަޢުޒިޔާ ކިޔާފައެވެ. 

                    

Ads by MSS

މި ލިޔުން ކިޔާލުމުން