ޚަބަރު
ކުރިއަށް އޮތް 4 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ

ކަނޑު ގަދަ ދުވަހެއްގައި ދަތުރުކުރަނީ | ފޮޓޯ: ވޮއިސް އެމްވީ
ކުރިއަށް އޮތް 4 ދުވަހުވެސް އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ވަނީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެ ކަމަށް ލަފާކޮށްފައެވެ. އަދި އުތުރުގެ ބައެއް ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓުން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، އުތުރާއި މެދުރާއްޖެރޭގެ އަތޮޅުތަކަށް ހުޅަނގާއި، ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. ހަމަ އެހެންމެ، އަންނަ ހޯމަ ދުވަހުން ފެށިގެން 15 މޭލާއި 25 މޭލު ދެމެދު ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން، މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެކަމަށް ލަފާކުރެވެނީ ބުރާސްފަތި ދުވަހަށް ފަހު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
މި ދުވަސްވަރަކީ މޫސުން ގޯސްވެ ކަނޑުގަދަ ދުވަސްވަރަކަށްވުމުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.